އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުން ބަލިވި ނަމަވެސް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކުޅުންތެރިން މުޅި މުބާރާތުގައި ދެއްކި ހިތްވަރާއި މަސައްކަތަށް އެ ޓީމުގެ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) ތައުރީފްކޮށްފި އެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި ސަސް ކުޅުނު ފުރަތަމަ ފައިނަލުން އެ ޓީމު ބަލިވީ ކުލަބު އީގަލްސްއާ ވާދަކޮށް 1-0ގެ ނަތީޖާ އަކުންނެވެ. މިއީ މިދިޔަ ސީޒަނުގައި ފުރަތަަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ސަސް އިން ޔޫތު މުބާރާތުގައި ކުޅުުނު ފުރަތަމަ ފަަހަރެވެ. ސަސް އަތުން އިއްޔެ ހަވީރު ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅުނު ފައިނަލުގައި މޮޅުވި އީގަލްސް އަކީ ޔޫތު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ޓީމެވެ.
ފުރަތަމަ ފަހަރު ވެސް ފައިނަލުގައި ވާދަކުރުމާކީ ސަސް އަށް ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް ފަރިއްޓެ ބުނީ އެ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށެވެ.
"މިހާ ހިސާބަށް އައުމަކީ ވެސް ބޮޑު ކާމިޔާބީއެއް. ހުރިހާ ވެސް ކްރެޑިޓެއް އޮތީ މި ކުޅުންތެރިންނަށް އެ ކުޅުންތެރިން ދެއްކި ހިތްވަރަށް. ފައިނަލުގައި ބައެއް ކުޅުންތެރިން އަނިޔާގައި ތިބެ އެ ކުޅުނީ ވެސް. އެކަމަކުވެސް އެއްވެސް ޝަކުވާއެއް ނުކުރޭ. ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފި ހުރިހާ ކުދިން،" ފަރިއްޓެ ބުންޏެވެ.

ސަސްގެ ކޯޗު ފަރިއްޓެ: ސަސް އިން އަލަތު ޔޫތު މުބާރާތަށް ނުކުމެ ކުރި ބުރަ މަސައްކަތް ފާހަގަކުރޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފަރިއްޓެ ބުނީ އެހެން ހުރިހާ މެޗަކަށް ވުރެ ފައިނަލު މެޗުގެ ޕްރެޝަރު ތަފާތުވާނެ ކަމަށެވެ. އީގަލްސް ކަހަލަ ވަރުގަދަ ސްކޮޑެއް އޮތް ބެލެންސް ޓީމަކާ ދެކޮޅަށް މި މެޗުގައި ވެސް ސަސް އިން ރަނގަޅަށް ކުޅުނު ކަމަށް ފަރިއްޓެ ވަނީ ބުނެފަ އެވެ. އަދި ސަސް އިން ފައިނަލް މެޗުގެ ދެ ވަނަ ހާފުގައި މެޗުން މޮޅުވެވޭ ވަރަށް ފުރުސަތު ތަނަވަސްކުރި ކަމަށް ފަރިއްޓެ ވަނީ ބުނެފަ އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ނިލަންދޫގައި ކުޅުމަކީ ރަނގަޅު ނިންމުމެއް ކަމަށް ފަރިއްޓެ ފާހަގަކުރީ މުޅި ފުޓްބޯޅައިގެ ކުރިއެރުމަށް ބަލައިފަ އެވެ.
"އަސްލު މިއީ ވަރަށް ރަނގަޅުކަމެއް. ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށް މިގޮތަށް ތަންތަނަށް އައިސް ކުޅުން މުހިންމު. ގިނަ ގިނައިން މިގޮތަށް މުބާރާތްތައް ބާއްވައި ރަށްރަށުގައި މެޗުތައް ކުޅުމުން ކުދިންގެ މޯޓިވޭޝަން ވެސް ރަނގަޅުވެ އިތުރަށް ކުރިއަށްދާން މަސައްކަތްކުރޭ،" ޔޫތު ފުޓްބޯޅަ ކޯޗެއްގެ އިތުރުން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގައި ވެސް ކްލަބްތައް ގޮވައިގެން ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ފަރިއްޓެ ބުންޏެވެ.
ސަސް އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލާއި ހަމައަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި އީގަލްސް އަތުން ބަލިވި ނަމަވެސް ބާކީ ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ސެމީން ޖާގަ ހޯދައި، ސެމީ ފައިނަލްގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.













