ހޫނު މޫސުމާ ދިމާކޮށް ގިނަ ގެތަކުގެ ކަރަންޓު ބިލް ބޮޑުވަމުން ދާތީ، "ސޭވް އެނާޖީ" ގެ ނަމުގައި އާންމުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ ކެމްޕޭނުގެ ދަށުން ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ސްޓެލްކޯއިން ފަށައިފި އެވެ.
ސޭވް އެނާޖީ ކެމްޕެއިނަކީީ 2019 އިން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމާ ދިމާކޮށް، ކަރަންޓުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.
މިއީ "ސޭވް އެނަޖީ" ކެމްޕެއިން އެ ކުންފުނިން ކުރިއަށްގެންދާ ހަތަރު ވަނަ އަހަރެވެ.
އެ ކެމްޕޭނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ފާއިތުވި 15 އަހަރުގެ ތަފާސްހިިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރެއްގެ ވެސް ކުރީކޮޅު ކަރަންޓު ބިލް ބޮޑުވުމުގެ ސަބަބުން އާންމުންގެ ޝަކުވާ ލިބޭ ކަމަށެވެ.
ނަމަވެސް ވޭތުވެ ދިޔަ ދެ އަހަރު ކަރަންޓާ ގުޅޭގޮތުން ހުށައަޅާ ޝަކުވާތައް މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަހަރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ކަރަންޓު އިގްތިސޯދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ބާއްވާ އެ ޕްރޮމޯޝަނުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ލިބޭނެ،" މުޣުނީ ވިދާޅުވި އެވެ.
އެ ޕްރޮމޯޝަންގެ އިތުރުން އެ ކެމްޕެއިންގެ ދަށުން ތަފާތު ކަންތައްތަކެއް ކުރުމަށް ސްޓެލްކޯއިން ރާވާފައިވެ އެވެ. އޭގެ ތެރޭގައި:
- ބިލްބޯޑު ހަރުކޮށް ސްޓެލްކޯގެ "މާޓީވީ" މެދުވެރިކޮށް މައުލޫމާތު ދިނުން.
- މީޑިއާ (ކްލަބްހައުސް ފަދަ ޕްލެޓްފޯމްތައް) މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުން.
- ދަރިވަރުންނަށާއި ސަރުކާރުގެ ކުންފުނިތައް އަދި އިދާރާތަކަށް މައުލޫމާތު ދިނުން.
- ކުޑަކުދިންގެ ހަވީރު ބޭއްވުން.
މި ކެމްޕޭނުގެ މަގްސަދަކީ ކަރަންޓު ލޯޑު ކުޑަކޮށް އިގްތިސޯދު ކުރުމަށް އާއްމުން ހޭލުންތެރިކުރުވުން ކަމަށް އެ ކުންފުނިން ބުނެ އެވެ.











