ރިޕޯޓުސިޔާސީ ދާއިރާގައި ޝިޔާމް: ހަޔާތުގެ މުހިއްމު ސަފުހާއެއް

ސިޔާސީ ދާއިރާގައި ޝިޔާމް: ހަޔާތުގެ މުހިއްމު ސަފުހާއެއް

"އަސްލު ގައުމަށް ހިދުމަތް ކުރަން ބޭނުންވަނީ. މި ދާއިރާގައި ވަކި ޕާޓީއަކާއެކީ މަސައްކަތް ކުރި ނަމަވެސް ވަކި ލީޑަރަކާއެކީ މަސައްކަތް ކުރި ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުގެ މިވަގުތުގެ ސިޔާސީ ގިބްލަ ނުވަތަ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން."

ޝިޔާމް މި ނޫހަށް އިންޓަވިއު ދެއްވަނީ: ކުރިން ސިޔާސީ ބޭފުޅެއް ނޫން ނަމަވެސް ޝިޔާމް މިހާރު ބޭނުންވަނީ އެ ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަަށް ވަޑައިގެންނެވުމަށް -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ޝިޔާމް މި ނޫހަށް އިންޓަވިއު ދެއްވަނީ: ކުރިން ސިޔާސީ ބޭފުޅެއް ނޫން ނަމަވެސް ޝިޔާމް މިހާރު ބޭނުންވަނީ އެ ދާއިރާއިން ދެވެން އޮތް އެންމެ ކުރިއަަށް ވަޑައިގެންނެވުމަށް -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ޅ. ނައިފަރު، ގުލްޗަމްޕާގޭ، އަހުމަދު ޝިޔާމްގެ ދިރިއުޅުން ބަދަލުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަބްދުﷲ ޔާމީން ވާދަ ކުރައްވަން ނިންމެވި ހިސާބުންނެވެ. އޭގެ ކުރިން ޝިޔާމްއަކީ މީހުންގެ މެދުގައި މަގުބޫލް ނަމެއް ނޫނެވެ. އެއީ ދަރިވަރެކެވެ. ސިލޯނުގައި ދިރިއުޅެމުންދިޔަ "އާދައިގެ" ދިވެއްސެކެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕްރައިމަރީގައި އެމަނިކުފާނަށް އެހީތެރިވެދިނުމަށް ރައީސް ޔާމީން، ޝިޔާމް ކައިރި އެދިވަޑައިގަތުމުން، އެކަމަށް އޭނާ އާ ބަސް ބުނީ، ސިޔާސީ މަސައްކަތުގައި ދެމިހުންނާކަށް ނޫނެވެ. ބޭނުމަކަށްވީ ރަށަށް އެހީވުމަށް ހިތުގައި ގެންގުޅޭ ހުވަފެންތަކުގައި ކޮންމެވެސް ވަރަކަށް ކުލަ ޖެއްސުމެވެ.

އެކަމަކު ކަންތައްވެ، ނިމިދިޔައީ ޝިޔާމް ހީކުރި ގޮތަކަށް ނޫނެވެ.

އޭގެ ނުވަ އަހަރު ފަހުން، ޝިޔާމް އަދިވެސް މަސައްކަތް ކުރައްވަނީ ސިޔާސީ މައިދާނުގަ އެވެ. މިހާރު އޭނާއަކީ އުފަން ރަށް ހިމެނޭ ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ މެމްބަރެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރެވެ. އިދިކޮޅާއި ސަރުކާރުގެ އިހްތިރާމް ވެސް ޝިޔާމަށް ނުލިބެއެކޭ ނުބުނެވޭނެ އެވެ. ސިޔާސީ މާހައުލުގައި ޝިޔާމަކީ މުހިންމު ނަމެކެވެ.

ތިރީގައި މި ވަނީ ޝިޔާމްއާއެކު "އަދަދު" އިން ކުރި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

ޕީޕީއެމްއާ ގުޅުނީ ކިހިނެއްތޯ؟

ރައީސް ޔާމީން އެ ޕްރައިމަރީ ވިން ކުރައްވަންވެގެން އަޅުގަނޑަށް ވެސް ރިކުއެސްޓް އައި. އަޅުގަނޑު އެއިރު ސްރީ ލަންކާގައި ދިރިއުޅެމުންދިޔައީ. އެހެންނަމަވެސް އެ ރިކުއެސްޓާއެކީގައި އަޅުގަނޑު ނައިފަރަށް އައީ

އެއިރު މިދެންނެވިހެން އެއްވެސް ސިޔާސީ ޕާޓީއަކާއެކީ އެފިލިއޭޓްވެގެން މަސައްކަތެއް ނުކުރަން. ހަމަ ތެދައް މި ދަންނަވަނީ، ދިވެހިރާއްޖޭގެ ގަވަނަންސް ނޫނިއްޔާމު ވެރިކަން މި ހިނގާ ގޮތާއި ވެރިކަމުގައި ތިބޭ ބަޔާއި މި ޕާޓީ ސިސްޓަމާ ދޭތެރޭގައި އެއްވެސް ވަރަކަށް ނުވިސްނަން.

އެހެންނަމަވެސް ރަށުގެ ކަންކަން، ދާއިރާގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ކޮބައިތޯ އެއިރު ކަންކަން ކުރެވެން ހުރި މަގުތަކަކީ ވިސްނަމުންދިޔައީ. ދެން އަޅުގަނޑަށް ވެސް ފެނުނީ ގައުމު އަދި ރަށްރަށުގެ ކަންކަން ނިންމުމުގައި ވެސް ސިޔާސީ މީހުންގެ ދައުރު ބޮޑީ.

ދެން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ އިންވިޓޭޝަންއާއެކީގައި ރަށުގެ ތަރައްގީއަށް ހުރި ކަންކަން، ޕީޕީއެމް ވެރިކަމަށް އައިސްފި ނަމަ އެކަންތައްތަކުގައި ކުރިއަށްވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވެސް ވިދާޅުވި.

ވަރަށް ގިނަ އަސާސީ ކަންކަން ފުރިހަމަ ކުރަން ހުރި ނައިފަރުގައި. މިސާލަކަށް ފެނާއި ނަރުދަމާއަކީ ވެސް ވަރަށް ދުވަސް އެކަމެއްގެ އިންތިޒާރުގައި ތިބި ކަންކަން.

ޝިޔާމް ދެކިލައްވާ ގޮތުގައި ޕީޕީއެމްގެ ފިކުރަކީ ކޮބައިތޯ؟

ޕީޕީއެމްގެެ ތަސައްވަރު ރައީސް ޔާމީން ކޮންމެވެސް ވަރަކަށް އަޅުގަނޑާ ހިއްސާ ކުރެއްވި އެއިރު ވެސް. ބިނާކުރަނިވި ތަސައްވަރެއް ރައީސް ޔާމީން ގެންގުޅުއްވީ. ރަށްރަށުގައި ހުރި މައްސަލަތައް ހައްލު ކުރެއްވުމުގެ ވިސްނުންފުޅު ހުރީ. އެއިރުގައި ވަރަށް ގިނައިން ވިދާޅުވޭ ކަންނޭނގެ ތިމަންމަނިކުފާނު މި ވާދަ ކުރައްވަނީ ވަކި ކެންޑިޑޭޓަކާ ނޫނޭ ވަކި ޕާޓީއަކާ ނޫނޭ، ރަށްރަށުގައި ހުރި މައްސަލަތަކާއޭ. ޕީޕީއެމްގެ ވިޝަން އަޅުގަނޑަށް ވަރަށް ސާފުކޮށް ފެނުނު އެއިރު.

ޕާޓީއެއްގައި ވަރަށް ގިނަ މަސައްކަތްތައް ހުންނާނެ. ޕީޕީއެމްގައި ޝިޔާމް ކުރައްވާ މަސައްކަތަކީ ކޮބައިތޯ؟

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އަޅުގަނޑުމެން ކައިރި ވިދާޅުވި، ސަަރުކާރުގެ ވައުދުތައް ފުއްދުމަށް ވީހާވެސް ގިނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންވާނެ ކަމަށް. ރައީސް ޔާމީން ބޭނުންފުޅުވީ އަޅުގަނޑުގެ އަންކަލް ޕީޕީއެމްއާ ގުޅުވަޑައިގަތުމަށް. އެހެންނަމަވެސް އެ މަސައްކަތް އެހާ ރަނގަޅަކަށް ނޫން ދޔައީ.

ދެން މި އައީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ އިންޓެންޝަން. އެއީ އަޅުގަނޑަށް އައި ވަރަށް އުނދަގޫ ވަގުތުކޮޅެއް. އެއީ ސިޔާސީ ކަމެއްގައި އާއިލާގައި ދެބަސްވުންތަކެއް އުފެދޭކަށް ބޭނުމެއް ނޫން. އެއްވެސް އިރަކު ވިސްނާފަ އޮތް ކަމެއް ވެސް ނޫން.

އަޅުގަނޑު ކުރިމަތިލީ އިންޑެޕެންޑެޓްކޮށް. އެކަމަކު އަޅުގަނޑުގެ ވައުދުތައް ވެސް ހުންނާނީ ޕީޕީއެމްއާއެކީ އަދި ސަރުކާރާއެކީ މަސައްކަތް ކުރުމަށް.

މި ސަރުކާރު ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތަކާއެކު. ޑިމޮކްރަސީ ހިފެހެއްޓުން، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެކީ ހުޅުވާލުން އަދި ތިމާވެށީގެ ވަރަށް ގިނަ ވައުދުތައް އޭގެ ތެރޭގައި ހިމެނޭ. މިވަގުތު އޮތް ހަމައެކަނި އިދިކޮޅު ޕާޓީއަކީ ޕީޕީއެމް އަދި ޕީއެންސީ. ޝިޔާމްއަކީ ޕީޕީއެމްގެ ނައިބު ރައީސް. ގަބޫލު ކުރައްވަންތޯ ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭކަން؟

މި ވެރިކަން ފެށުނު ހިސާބުން ފެށިގެން ވެސް، ކޮވިޑުގެ ތެރޭގައި އަދި ހާއްސަކޮށް މި އިންތިހާބުގެ ތެރޭގަ ކޮރަޕްޝަން. އެހެންނަމަވެސް އެ މައްސަލަތައް ބަލަން ހުރި ބޮޑީއެއް މިއަދަކު ނެތް. އޭސީސީގައި އެއްވެސް މެމްބަރަކު ނެތި. މަޖިލިސް ރިސެސްގައި އޮއްވާ ވެސް ދެތިން ޖަލްސާއެއް ބޭއްވި. އެހެންނަމަވެސް އޭސީސީއަށް މެމްބަރުން އައްޔަން ކުރަންވީމަ މި ފެންނަނީ މަޖިލިސް ވެސް ރައީސް ވެސް ފަހަތައްޖެހޭތަން.

ފަނޑިޔާރުގެ އިސްލާހު ކުރުމަކީ އެމްޑީޕީގެ ވަރަށް ބޮޑު ވައުދެއް. އެހެންނަމަވެސް އޭގެ އެއްވެސް މަސައްކަތްތެއް ނުކުރޭ. ޖޭއެސްސީގެ ކޮމްޕިޒިޝަން ވެސް ބަދަލެއް ނުކުރި.

ވެރިކަމުގައި ފަސް އަހަރު މިހާތަނަށް ހަމަ ކުރެއްވީ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް. ވަރަށް ގިނަ ތަރައްގީ ވެސް ގެނެވިއްޖެ. އެކަމަކު އެމްއެމްޕީއާރްސީގެ ހިޔާނާތް ވެސް ހިނގީ އެ ސަރުކާރުގައި. ގަބޫލު ކުރެވޭތޯ ތަފާތުކޮށް މަސައްކަތް ކުރެވުނު ނަމަ ސަރުކާރަށް އެ ހިޔާނާތް ހުއްޓުވުނީސްކަން؟

އެނގިވަޑައިގަންނަވާނެ ސަރުކާރެއްގެ ތެރޭގައި ވަޒީރުން އެބަތިބޭ ރައީސް އައްޔަން ކުރައްވާ. އެ ވަޒީރުންނަށް ވަކި ކަހަލަ އޮތޯރިޓީތަކެއް އެބަ އޮވޭ. އަދި އެ ވަޒީރަކު މަސައްކަތް ކުރާނެ ވަކި އިހްތިސާސްތަކެއް ވެސް ކަނޑައެޅިފައި ހުރޭ. ދެން މީގަ އިތުބާރެއްކޮށްގެން ކަންނޭނގޭ ބަޔަކާ އެކީގައި މަސައްކަތްތަކެއް ކުރެވޭނީ. އެއީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެއްޖެއްޔާ ވަޒީރުންނާއި ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރަންޖެހޭ.

ތި ދަންނަވާ ސުވާލަކީ ތަންކޮޅެއް ރަނގަޅަށް ބެލި ނަމަ އެ ކަންތައް ނުހިނގީސްހޭ، ޔަގީން. އަޅުގަނޑުމެންގެ ސަރުކާރުގައި އެކަންތައް ހިނގީމަ އަޅުގަނޑު ވެސް އެކަމާ ދޭތެރޭ ހިތާމަކޮށް ދެރަވޭ.

އެކަމަކު އަޅުގަނޑަށް ލިބޭ އުފަލަކީ އެެ މައްސަލަތައް ފްލެގްވި ފަރާތްތަކުން އެކަން ރައީސް ޔާމީންގެ ސަމާލުކަމަށް ގެނައި ހިސާބުން އެ މައްސަލަ އެއޮތީ ބަލާފަ. އަސްލު އެމްއެމްޕީއާރްސީގެ މައްސަލައަކީ 2015 ގެ ކުރިން ތަހުގީގު ކުރަން ފެށި މައްސަލައެއް. އެކަން ދިވެހި ރައްޔިތުންނަކަށް ނުއޮޅޭނެ.

އެހެންނަމަވެސް ތަހުގީގުގައި އެންމެ އެދެވޭ ހިސާބަކަށް ނުދޭ. އެމްއެމްޕީއާރްސީ މައްސަލައިގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ހިސާބަށް ނުދޭ. އެހެންނަމަވެސް އެ ތަހުގީގުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ އިސްކޮށް ހރި ފަރާތްތައް، އެހެރީ ރައީސް ޔާމީނުގެ ޒައާމަތުގައި އަދަބުތަކެއް ކަނޑައެޅިފަ. އަދި ރައީސް ޔާމީނުގެ ޒައާމަތު ނިމުނު އިރު ވެސް އެ ފަރާތްތައް ދިޔައީ އަދަބު ތަންފީޒު ކުރަމުން.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގެ ތެރޭގައި ޝިޔާމްގެ ނަން ވެސް ހިމެނިވަޑައިގަންނަވާ. އެ މައްސަލައިގައި އަދީބު ދެއްވާފައިވާ ބަޔާނެއްގައި ޝިޔާމްގެ ކެމްޕެެއިނަކަށް އެއް މިލިއަން ރުފިޔާ ދެއްވި ކަމަށް ވިދާޅުވޭ. މިއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ؟

ފުރަތަމަ ކަމަކަށް އަޅުގަނޑު 2014 ގައި ވާދަ ކުރީ އިންޑެޕެންޑެންޓް ކެންޑިޑޭޓެއްގަ ގޮތުގައި. އަޅުގަނޑާ އަދީބާ އެއިރު ރައްޓެއްސެއް ނުވާނެ. އަޅުގަނޑަށް ހީވަނީ އެ ބަޔާނުގައި ބުނަނީ އަޅުގަނޑަށް ދިން ވާހަކައެއް ނޫން، ޕާޓީއަށް ދިން ވާހަކަ.

އަޅުގަނޑުމެން މި އުޅެނީ ވަރަށް ވޯކަލްކޮށް ސަރުކާރު ޒިންމާދާރު ކުރުވުމުގައި. އަދީބުގެ ތި ބަޔާނަކީ އަދީބާއެކީ ސަރުކާރުން އެއްބަސްވުން ހެދިއިރުގަ ސަރުކާރު ބޭނުންވާ ބައެއް ކަންތައްތައް އަދީބުގެ ފަރާތުން ކުރުމުގެ ނިޔަތުގައި ދީފައިވާ ބަޔާނެއްކަން އަޅުގަނޑުމެންނަށް މިހާރު އެނގެނީ.

އަޅުގަނޑަށް އަދީބު ދެއްވާކަށް ނުޖެހޭ އެއްވެސް މިންވަރެއްގެ ފައިސާއެއް. އަޅުގަނޑު ކުރިމަތިލީ ވެސް މި ދަންނަވާހެން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި. އަޅުގަނޑު ނުދަނެ ހުރި ފައިސާއެއް އެ ފައިސާއަކީ. އަޅުގަނޑުގެ ކެމްޕެއިނަކަށް އެއް މިލިއަން ރުފިޔާ ހަރަހެއް ވެސް ނުކުރަން. އަދި ޕާޓީއަކުން ވެސް އަޅުގަނޑުގެ ކެމްޕެއިނަކަށް އެއް މިލިއަން ރުފިޔާ ހަރަދެއް ނުކުރޭ. ޕީޕީއެމުން ހަރަދު ކުރާކަށް ވެސް ނުޖެހޭ.

އަޅުގަނޑު އޮންނާނީ އެދިފަ އެސެޓް ރިކަވަރީ ކޮމިޝަންގައި ވީހާ ވެސް އަވަހަކަށް މި މައްސަލަތަކުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ މައްސަލަ ބަލައި ތަހުގީގު ކުރުމަށް. އެބޭފުޅުން އެއީ ވަރަށް ބޮޑު މުސާރައެއް ނަންގަވައިގެން ތިބޭ ބައެއް. އެކަމަކު ހަމައެކަނި ރައީސް ޔަމީންގެ ފަހަތުން އުޅޭތަން ފެންނަނީ.

އަޅުގަނޑު މައްސަލައެއް ވެސް އޮވެއްޖެއްޔާ އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް އަޅުގަނޑު ގޮވާލަން އެކަންތައް ވީހާ ވެސް އަވަހަކަށް ތަހުގީގު ކުރާށޭ. އަޅުގަނޑު މިއަދު މި ވާހަކަ ދައްކާއިރު ވެސް އަޅުގަނޑަކަށް ނާދޭ އެއްވެސް ކޯލެއް، އެ ފައިސާ ވެރިފައި ކުރަން، ނޫނީ އެއީ ލިބިފައިވާ ފައިސާއެއް ނޫންތޯ ބަލާކަށް.

އަޅުގަނޑަށް ހީވަނީ ސަރުކާރަށް އަޅުގަނޑުމެންގެ ޓްރާންސެކްޝަންތައް ވަރަށް ސާފުކޮށް އެނގޭނެހެން. އެއީ ނަގުދު ފައިސާއެއްވެއްޖެއްޔާ އެ ޓްރާންސެކްޝަން ހެދިފައި ހުރި ގޮތް ވެސް އެނގެންޖެހޭނެ.

ކޮންމެ ގޮތެއް ނަމަވެސް އެއީ ދައުލަތުން ގެއްލިފައި ހުރި ފައިސާ. އެ ރިކަވާ ކުރަންޖެހޭ. އަދި އޭގަ އަޅުގަނޑުގެ ނަން އޮތަސް އެހެން މީހެއްގެ ނަން އޮތަސް.

ރައީސް ޔާމީންއަކީ ޕީޕީއެމްގެ ސިމްބަލް. ޕާޓީގެ މެމްބަރުންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ސަޕޯޓް އެމަނިކުފާނަށް އެބަ އޮތް. ޕާޓީގެ މައިގަނޑުގެ މަސައްކަތްތައް ކުރިއަށްދަނީ ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް. ރައީސް ޔާމީންއާ ޝިޔާމްއާ އެކުގައި މަސައްކަތް ކުރެއްވޭތޯ؟ ދެ ބޭފުޅުންގެ ގުޅުން ކިހިނެއްތޯ؟

ރައީސް ޔާމީންއަކީ ހަމައެކަނި ޕީޕީއެމްގެ ސިމްބަލްއެއް ނޫން. ރައީސް ޔާމީންއަކީ މިހާރު މުޅި ގައުމުގެ ސިމްބަލްއެއް. އަޅުގަނޑުމެންގެ ސިޔާސަތުތައް ވެސް ބައްޓަން ކުރެވިފައި މި ހުރީ ވަރަށް ވަތަނީކޮށް.

އަވައްޓެރި ބޮޑު ގައުމެއް ނިސްބަތްވާ ކަނޑެއްގައި އަޅުގަނޑުމެން މި އޮންނަނީ. އިންޑިއާގެ ސެކިއުރިޓީ ޕޮލިސީ މި ހިސާބުގައި ތަންފީޒުވެގެން އަންނައިރު އަޅުގަނޑުމެންނަށް ވެސް އެބަހުރި ތަރައްގީއަށް އެޅޭ ހުރަސްތަކެއް. އަޅުގަނޑުމެންގެ މިނިވަންކަމަށް އެޅޭ ހުރަސްތަކެއް އެބަހުރި އިނގޭތޯ. އެ ހުރަސްތައް ނައްތާލުމަށް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހުރިހާ ރައްޔިތުން ވެސް އަދި ހުރިހާ ވެރިން ވެސް މަސައްކަތް ކުރަންޖެހޭ.

އަޅުގަނޑާ ރައީސް ޔާމީންއާއެކީގަ ވަރަށް ރަނގަޅަށް މަސައްކަތް ކުރެވޭ. އަޅުގަނޑުމެންގެ ސަރުކާރުގެ ތެރެއިން ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ތެރެއިން ﷲ އިރާދަކުރެއްވީތީ ރައީސް ޔާމީނާއެކު އެމަނިކުފާނުގެ އަރިހުގައި ވަރަށް ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު.

ވަރަށް ގިނަ ޕްރައިވެޓް ވަގުތުތަކަކީ އަޅުގަނޑަށް ވަރަށް ގިނަ ފިލާވަޅުތައް، އޭގެ ތެރޭގައި މި ދަންނަވާ ކަހަލަ ގައުމީ ވަތަނީ ވާހަކަ އާއި އިގްތިސާދާއި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރަންޖެހޭ ގޮތުގެ ވަރަށް ގިނަ ވާހަކަ ދެކެވޭ ވަގުތުކޮޅެއް މި ދަންނަވާ ވަގުތުތަކަކީ.

ސިޔާސީ މާހައުލުގައި އަބަދުވެސް ވަރަށް ރޫމާސް ފެތުރޭ. މިހާރު އެގޮތަށް ފެތުރޭ އެއް ވާހަކައަކީ ޕީޕީއެމްގައި ދެ ފެކްޝަނެއް އުޅޭ ވާހަކަ. އެއީ ރައީސް ޔާމީންގެ ސިޔާސީ ކުރިމަގެއް އޮތް ކަމަށް ގަބޫލު ކުރާ ބަޔަކާއި ރައީސް ޔާމީންގެ ސިޔާސީ ކުރިމަގު ކިލަނބު ކަމަށް ފެންނަ ބަޔަކު. ރައީސް ޔާމީންގެ ސިޔާސީ ކުރިމަގު ޝިޔާމަށް ފެނިވަޑައިގަންނަވަނީ ކިހިނެއްތޯ؟

ސަރުކާރުގައި ތިބޭއިރު ވަރަށް ވަރުގަދަވާނެ. ސަރުކާރުގައި ނުހުންނައިރު އަޅުގަނޑުމެންގެ ތެރޭގައި ނުހުންނަ ކަންކަން ވެސް ސަރުކާރަކުން ފަތުރަން އުޅޭނެ. ކީކޭ ދަންނަވާނީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއީ ޕްރޮޕެގެންޑާ.

ރައީސް ޔާމީންގެ ސިޔާސީ ކުރިމަގު އަޅުގަނޑަށް ފެންނަނީ ވަރަށް ބްރައިޓްކޮށް. މިހާރު މުޅި ދައުލަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު އޮތްކަން ވަރަށް ސާފު. ކޯޓުތަކަށް ނުފޫޒު ފޯރުވާ ތަން ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ.

ރައީސް ޔާމީންގެ ކެންޑިޑެސީ ގެއްލުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެ. އޭގެ ތެރެއިން ރައީސް ޔާމީންގެ ޕޮޕިއުލަރިޓީ ގެއްލުމާލުމަށް ނުވަތަ ރައީސް ޔާމީނަށް ޕާޓީ ތެރެއިން އޮތް ތާއީދު ދުއްވާލުމަށް ކުރާ ކަންތައްތައް ކުރާނެ. އޭގެ ތެރޭގައި މިކަހަލަ ވާހަކަ ފެތުރުން ވެސް ހިމެނޭނެ.

އަޅުގަނޑުމެންނަކީ ވެސް ސިޔާސީ ޕާޓީއެއް. އަޅުގަނޑުމެން ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވާނެ. އަޅުގަނޑުމެންނަށްވުރެ ބޮޑަށް ރައީސް ޔާމީން މިކަހަލަ ހުރިހާ ހާލަތަކަށް ތައްޔާރުވެވަޑައިގަންނަވާނެ. ސަރުކާރުގެ ޖައްބާރުކަމާއެކީގައި ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތަކަށް އަޅުގަނޑުމެންނަށްވުރެ ބޮޑަށް ތައްޔާރުވާނީ ރައީސް ޔާމީން.

ސިޔާސީ ބޭފުޅުންނަކީ ގިނަ ފަހަރު ވަރަށް އެމްބިޝަސް ބޭފުޅުންތަކެއް. ސިޔާސީ ގޮތުން ޝިޔާމް ދެކިލައްވާ ހުވަފެންތަކަކީ ކޮބައިތޯ؟

ކުރީގަ އަޅުގަނޑަކީ އެހެން ކެރިއާތަކުގައި މަސައްކަތް ކުރި މީހެއް. އެގޮތުން މާކެޓިންގައި ވެސް މަސައްކަތް ކުރިން. އެހެންނަމަވެސް ދިރިއުޅުމުގެ ހާލަތު ބަދަލުވާ ގޮތުން އެމީހާ ޗޫސް ކުރާ ބައެއް ކަހަލަ ޕްރޮފެޝަންތަކުން ވެސް ދުރުވާންޖެހޭ. އެއަށްފަހު ރިސޯޓް ކެރިއާއެއް ދިޔަ. ވަރަށް ފުޅާކޮށް ޑައިވްކޮށްގެން، ޑައިވިިންގައި ދެވޭ އެންމެ ދުރަކަށް ދިޔުމުގެ އަމާޒު ހިފައިގެން ކޯސް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ވިސްނުން ހުރީ.

ދެން މި އައީ ސިޔާސީ ކެރިއާ. އަޅުގަނޑު ކުރިން ވަރަށް ބޭނުންވި ޑިޕްލޮމެޓަކަށްވާން. ޑިޕްލޮމެސީ ކިޔަވަން ވެސް ކިޔެވީން. ފޮރިން ރިލޭޝަންސް އެއީ އަޅުގަނޑު ވަރަށް ޝައުގުވެރިވި ދާއިރާއެއް. އެހެންނަމަވެސް ދިރިއުޅުމުގެ ހާލަތާއި އަންނަ ފުރުސަތުތަކާއެކީ ބައެއް ކަހަލަ ވިސްނުން ބަދަލުވެގެންދޭ. މިއަދު އަޅުގަނޑު މި ހުރީ ސިޔާސީ ދާއިރާގައި. ސިޔާސީ ގޮތުން ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ކުރެވުނު މަސައްކަތްތެއް އެބަކުރަން މި ދާއިރާގައި.

އަސްލު ގައުމަށް ހިދުމަތް ކުރަން ބޭނުންވަނީ. މި ދާއިރާގައި ވަކި ޕާޓީއަކާއެކީ މަސައްކަތް ކުރި ނަމަވެސް ވަކި ލީޑަރަކާއެކީ މަސައްކަތް ކުރި ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުގެ މިވަގުތުގެ ސިޔާސީ ގިބްލަ ނުވަތަ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން. ރައީސް ޔާމީންއަކީ ވަރަށް ވަތަނީ ގައުމީ ބޭފުޅެއް. އެމަނިކުފާނުގެ ފަހަތްޕުޅުން އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ސިޔާސީ ގޮތުން ދެވޭ އެންމެ ކުރިއަކަށް ދާނަން.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox