އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން އަންހެނުންނަށް ހާއްސަ މާރުކޭޓުތަކެއް މާލޭގެ އަވަށްތަކުގައި ތަރައްގީކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން މާލޭގެ އަވަށްތަކުގައި އަންހެނުންގެ މާރުކޭޓު އެޅުމަށް ބަޔަކާ ހަވާލުކުރާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
"ކޮންމެ އަވަށެއްގެ ކަނބަލުން ހިންގާ ތަންތަނަށް އެތަން ތަން ވާނެ. އެ އަވަށެއްގެ ކަނބަލުން ރިޕްރެޒެންޓްކުރާ ބޮޑީއެއް އުފައްދާނަން. އެ ބޮޑީ އެއީ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވެސް ވެދާނެ. އަޅުގަނޑުމެން ސެޕްގައި ހިމަނާފައި ވަނީ ކޯޕަރޭޓިވް ސޮސައިޓީއެއް އުފައްދާ ވާހަކަ،" މޭޔަރު ވިދާޅުވި އެވެ.
ކައުންސިލުގެ އެކްޝަން ޕްލޭނާ އެއްގޮތަށް މާރުކޭޓްތައް އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ހިނގަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ކަނޑައެޅިފައިވާ ތާވަލަށް މަސައްކަތް ގެންދާނެކަމުގެ ޔަގީންކަން ދެއްވި އެވެ.
މާރުކޭޓު އެޅުމަށް އިކޮނޮމިކް މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި ނުލިބިއްޖެނަމަ އެ ނޫން އެހެން ގޮތަކަށް އުފައްދައިގެން އަންހެނުންނަށް މާރުކޭޓްތަކެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.













