މިލާން (ފެބްރުއަރީ 10) - އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި އޭސީ މިލާނާއި އިންޓަ މިލާން ބައްދަލުކުރަން ޖެހިއްޖެ އެވެ.
ކުއާޓާ ފައިނަލްގައި އަންގާރަ ދުވަހުގެރޭ ރޯމާ އަތުން 2-0 އިން މޮޅުވެ، އިންޓަ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، މިލާނުން ސެމީގެ ފުރުސަތު ހޯދީ ރޭ 4-0 އިން ލާޒިއޯގެ މައްޗަށް ކުރިހޯދައިގެންނެވެ. ދާދި ފަހުން އިޓާލިއަން ލީގުގައި މިލާނުން ވަނީ ފަހަތުން އަރައި އިންޓަ ބަލިކޮށްފަ އެވެ. މި ފަހަރު އިޓާލިއަން ލީގަށް ވާދަކުރާ ރޭހުގެ ކުރީގައި ވެސް އޮތީ އިންޓަ އާއި މިިލާން އެވެ.
އިންޓަ އަށް ލީޑު ނަގައިދިނީ ރޯމާ އަށް ކުރިން ކުޅުނު ފޯވަޑް އެޑިން ޖެކޯ އެވެ. މެޗުގެ 68 ވަނަ މިނިޓުގައި އިންޓަގެ ދެ ވަނަ ލަނޑު ޖެހީ ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒެވެ.
މި މެޗަކީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ހާއްސަ މެޗެކެވެ. މެޗުން ބަލިވުމުން، މޮރީނިއޯ އަށް ހިތްހަމަޖެހުމެއް ނުލިބުނު ނަމަވެސް، އިންޓަގެ ސަޕޯޓަރުން ވަނީ އޭނާ އަށް އިހުތިރާމް އަދާކޮށްފަ އެވެ. މި މެޗަކީ 2010 ވަނަ އަހަރު އިންޓަ މިލާންގެ ކޯޗުކަމުން ވަކިވުމަށް ފަހު، އިންޓަގެ ދަނޑުގައި އެ ޓީމުގެ ސަޕޯޓަރުން ކުރިމައްޗަށް މޮރީނިއޯ ނިކުތް ފުރަތަމަ ފަހަރެވެ. މޮރީނިއޯ ވަނީ އިންޓަ މިލާނާ އެކު، އެއް ސީޒަނެއްގައި ތިން ތަށި ކާމިޔާބުކޮށްފަ އެވެ.
މިލާނުން ރޭ ލާޒިއޯ ކޮޅަށް ޖެހި ހަތަރު ގޯލުގެ ތެރޭގައި ދެ ގޯލު ކާމިޔާބުކުރީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ. އަނެއް ދެ ގޯލު ޖެހީ ޕޯޗުގީސް ވިންގް ރަފައެލް ލެއާއޯ އަދި އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އެވެ.
ސެމީގެ އަނެއް ދެ ޖާގަ އަށް ހަތަރު ޓީމެއް ވާދަކުރެ އެވެ. އެއީ ޔުވެންޓަސް، އެޓަލަންޓާ، ފިއޮރެންޓީނާ އަދި ސަސުއޯލޯ އެވެ.












