ފުލުގައި އޮތް ބާންލީ އިން ޔުނައިޓެޑާ އެއްވަރުކޮށްފި

Feb 9, 2022, 3:23 AM
ފުލުގައި އޮތް ބާންލީ އިން ޔުނައިޓެޑާ އެއްވަރުކޮށްފި

މެންޗެސްޓާ (ފެބްރުއަރީ 9) - އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ފުލުގައި އޮތް ބާންލީ އިން ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުކޮށްފި އެވެ.

ޔުނައިޓެޑަށް މޮޅުނުވެވުމުގެ ފައިދާ ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ނަގައިފަ އެވެ. އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން 1-0 އިން މޮޅުވި ވެސްޓް ހޭމް ވަނީ ހަތަރަކަށް ޖެހިލައިފަ އެވެ. އެއީ 24 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 23 މެޗުން 39 ޕޮއިންޓާ އެކު އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން ރޭގެ މެޗު ޔުނައިޓެޑުން ފެށިއިރު، އެ ޓީމަށް ލީޑުނަގައިދޭން ހިލޭ ޖެހުމަކުން ބްރޫނޯ ފެނާންޑޭސް ނެގި ބޯޅައެއް ރަފައެލް ވަރާން ވަނީ ބޮލުން ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވަރާން އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން އޮފްސައިޑްގައި ހުރި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ފައުލެއް ކޮށްފައިވާތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އެ ގޯލު ބަލައިނުގަންނާށެވެ.

ޔުނައިޓެޑުން ލީޑުނެގީ މެޗުގެ 18 ވަނަ މިނިޓްގައި ލޫކް ޝޯ ނަގައިދިން ހުރަހަކުން ޕައުލް ޕޮގްބާ ޖެހި ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޔުނައިޓެޑުން ކުރި އެޓޭކެއްގައި ބާންލީގެ ޖޯޝް ބްރައުންހިލް އަތުން ބައިކޮޅަށް ގޯލެއް ވަދެ، ޔުނައިޓެޑުން ލީޑުފުޅާކުރީ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް، އެ އެޓޭކްގެ ތެރޭގައި ޕޮގްބާ ބޮލުން ޖަހަން އަރައި ބާންލީ ކުޅުންތެރިއަކަށް ފައުލުކޮށްފައިވާތީ، ރެފްރީ ނިންމީ މި ގޯލު ވެސް ބަލައިނުގަންނާށެވެ.

އޭގެ ފަހުން ޔުނައިޓެޑްގެ އެޑިންސަން ކަވާނީ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތަކުން އޭނާ ބޮލުން ޖެހި ބޯޅަ ބާންލީގެ ކީޕަރު ނިކް ޕޯޕް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ބާންލީ އަށް ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައި ނުވި ނަމަވެސް ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ނަތީޖާ ހަމަހަމަކުރި އެވެ. ޖެނުއަރީ ޓްރާންްސްފާގައި ބާންލީން ގަތް، ނެދަލެންޑްސްގެ އިސްކޮޅުން ދިގު ފޯވާޑް، ވައުޓް ވެގޯސްޓް ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެންވަދެ، ޖޭ ރޮޑްރީގޭޒް ވަނީ ބާންލީ އަށް އެއްވަރުކޮށްދީފަ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 50 މެޗުގެ ތެރެއިން އޭނާ ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ ފަހު ވިއްސަކަށް މިނިޓަށް ރޮނާލްޑޯ ކުޅެން ނުކުތެވެ. އޭރިއާތެރެއަށް ހުރަސްވި ދެ ބޯޅައަކުން ރޮނާލްޑޯ ބޮލުން ފޮނުވާލި ދެ ހަމަލާ ގޯލާ ސީދާނުވެ ދިޔައިރު، ރޮނާލްޑޯ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ގޯލެއް ނުޖެހެ އެެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ފާއިތުވި 12 އަހަރު ތެރޭ ރޮނާލްޑޯ ކްލަބް ލެވަލްގައި ގޯލެއް ނުޖެހި ޖެހިޖެހިގެން ފަސް މެޗު ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.

އޭގެ ފަހުން ބާންލީ ކީޕަރު ޕޯޕް ޓެސްޓް ކޮށްލެވޭ ވަރުގެ ހަމަލާއެއް ޔުނައިޓެޑަށް ނުއުފެއްދުނެވެ. ނަތީޖާ އެއްވަރުވެގެން ނިމި ޔުނައިޓެޑަށް މުހިންމު ދެ ޕޮއިންޓެއް ގެއްލުނީ އެވެ.

ފްރޭންްކް ލަމްޕާޑް، އެވަޓަންގެ ކޯޗުކަމާ ހަވާލުވެ، ކުރިމަތިލި ފުރަތަމަ މެޗުން އެފްއޭ ކަޕްގައި ބްރެންޓްފޯޑް އަތުން މޮޅުވި އެވެ. އެކަމަކު، ލީގުގައި ލަމްޕާޑްގެ ފުރަތަމަ މެޗުން އެވަޓަން ވަނީ ރޭ ނިއުކާސަލް ޔުނައިޓެޑް ދަނޑުގައި 3-1 އިން ބަލިވެފަ އެވެ.

މެޗުގެ 36 ވަނަ މިނިޓްގައި ނިއުކާސަލްގެ ކެޕްޓަން ޖަމާލް ލަސޭލްސް އަތުން ބައިކޮޅަށް ވަން ގޯލުން އެވަޓަން ލީޑުނެގިއިރު، ޖެހިގެން އައި މިނިޓްގައި އެވަޓަން އަތުން ލީޑު ގެއްލުނީ އެ ޓީމުގެ މޭސަން ހޯލްގޭޓް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

ޖެނުއަރީ ޓްރާންސްފާގައި 122 މިލިއަން ޑޮލަރު ހަރަދުކޮށް ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ނިއުކާސަލް އިން ލީޑުނެގީ މެޗުގެ 56 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ކުޑަ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ރަޔާން ފްރޭޒާ އެވެ. ނިއުކާސަލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ހިލޭ ޖެހުމަކުން ކިއެރަން ޓްރިޕިއޭ އެވެ. ޓްރިޕިއޭ އަކީ ރެލިގޭޝަނުން ސަލާމަތްވާން ނިއުކާސަލް އިން އެތުލެޓިކޯ މެޑްރިޑުން ގަތް ކުޅުންތެރިއެކެވެ.

އެވަޓަން އަތުން ހޯދި މުހިންމު ތިން ޕޮއިންޓާ އެކު ނިއުކާސަލް ވަނީ ރެލިގޭޝަނުން ބޭރަށް ޖެހިލައިފަ އެވެ. ނިއުކާސަލް އޮތީ 22 މެޗުން 18 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ. މި ވަގުތު ރެލިގޭޝަނުގައި އޮތީ 22 މެޗުން 16 ޕޮއިންޓާ އެކު 18 ވަނައިގައި އޮތް ނޮރިޗް ސިޓީ އާއި 22 މެޗުން 15 ޕޮއިންޓާ އެކު 19 ވަނައިގައި އޮތް ވަޓްފޯޑްގެ އިތުރުން އެންމެ ފުލުގައި އޮތް ބާންލީ އެވެ. ބާންލީ އަށް 20 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox