މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ނުރަސްމީ ބައްދަލުވުމެއްގައި ތިއްބަވަނިކޮށް، މީޓީން ރޫމް ތަޅުލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލަ ހުށަހެޅުއްވީ މަނަދޫ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސު އަލީ އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. ޔޫނުސު ހުށަހެޅުއްވީ މާލޭސިޓީ ކައުންސިލްގެ އިދާރާގައި ޑަބްލިއުޑީސީގެ މެމްބަރުން ބަންދުކުރިކަމަށް ބުނާ މައްސަލާގައި ކަންހިނގާފައިވާ ގޮތް ބެލުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅެއް އޮތް ނަމަ އެފިޔަވަޅެއް އެޅުމަށެވެ.
އެ މައްސަލަ ބަލަން ތާއީދުކުރެއްވުމަށް ފަހު ރޮޒައިނާ ވިދާޅުވީ ޑަބްލިއުޑީސީގެ މެމްބަރުން އެ މައްސަލަ ލޯކަލް ގަވާނެންސް އޮތޯރިޓީއަށާއި ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް ވެސް އަޑުއިވިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ތަންތަނުން އެ މައްސަލަ ކުރިއަށް ގެންދާ ކަމަށް ވެއްޖެ ނަމަ މައްސަލަ ބެލުމުގެ ބަދަލުގައި، ނިންމި ގޮތެއް ބެލުމަށް އޭނާ ހުށަހެޅުއްވި އެވެ. އެހެންވެ، އެ މައްސަލަ ބެލުމާ މެދު ހިއުމަންރައިޓްސް ކޮމިޓީން މިއަދު ގޮތެެއް ނުނިންމަ އެވެ.
މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ގެންދަނިކޮށް މީޓިން ރޫމުގެ ބޭރުން ދޮރު ތަޅުލެވުނީ އޮޅިގެން ކަމަށާއި އެކަން ހިނގާދިޔަ ގޮތް ރަސްމީކޮށް ބަލާ މުވައްޒަފެއްގެ މައްސަލައެއް އޮތްނަމަ ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ބުންޏެވެ.

އިއްޔެ ބޭއްވި އެ ބައްދަލުވުން ކުރިއަށް ދަނިކޮށް ކައުންސިލުން ގަސްތުގާ ތަޅުލީ ކަމަށް މެމްބަރުން ތުހުމަތު ކުރެ އެވެ. އޮޅިގެން ކުރެވުނު ކަމެއް ކަމަށް ކައުންސިލުން ބުނި ނަމަވެސް, ކޮމެޓީގެ މެމްބަރުން އެކަމަަށް އިންކާރު ކުރެ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ސިޓީ ކައުންސިލުގެ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝް "އަދަދު" އަށް ވިދާޅުވީ އެ ކަން ހިނގައި ދިޔަގޮތް ރަސްމީކޮށް ބަލާނެ ކަމަށާއި އެއީ ކައުންސިލްގެ އިދާރީ މުވައްޒަފެއް ގަސްތުގާ ކޮށްފައިވާ ކަމެއްނަމަ ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.











