ދިވެހިރާއްޖޭގެ ޓޫރިޒަމަށް މި އަހަރު ބައިގަރުނު ފުރޭއިރު މިހާތަނަށް އެ ސިނާއަތުގައި މައިގަނޑުކޮށް ވިއްކާފައިވަނީ މި ގައުމުގެ ގުދުރަތީ ރީތިކަމެވެ. ރާއްޖެ އަންނަ ބިދޭސީ ޓޫރިސްޓުންނާއި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ ދޭސީން ވެސް ފައިސާ ހަރަދުކުރަނީ އެ ރީތިކަން ދެކިލައި ތަޖުރިބާކޮށްލާށެވެ. އެކަމަކު ތަޖުރިބާކާރުން ދެކޭ ގޮތުގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި އިތުރު ކަންކަން ވެސް ތައާރަފްކުރަން ޖެހެ އެވެ. އެހެން ވައްތަރުތަކުގެ ޓޫރިޒަމް ވެސް ތައާރަފްކުރަން ޖެހެ އެވެ. އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި 2019 ވަނަ އަހަރު އެޅި ކޮންވެންޝަން ސެންޓަރު ނުވަތަ ޖަލްސާކުރާ މާލަމަކީ އެ ބޭނުމުގައި ބިނާކުރި ތަނެކެވެ.
ލޯކަލް ޓޫރިޒަމްގައި ރާއްޖޭގެ އެންމެ ކުރީގައި އުޅޭ އެއް ރަށުގެ އުއްމީދަކީ ކޮންވެންޝަން ސެންޓަރާ އެކު، ޓޫރިޒަމްގެ ލޯ ސީޒަނުގައި ގެސްޓް ހައުސްތަކަށް ސަޕޯޓްދިނުމެވެ. ޔޫރަޕުގެ ހޫނުމޫސުމުގައި ރާއްޖެ އަންނަ ޓޫރިސްޓުން މަދުވާ ވަގުތު، އެހެން ބޭނުނަމަކަށް މީހުން ގެނެސް ގެސްޓް ހައުސްތައް ފުރާލުމެވެ. އެފަދަ ދުވަސްތަކުގައި ބޭރާއި އެތެރޭގެ ސެމިނާރުތަކާއި ކޮންފަރެންސްތަކާއި ޖަލްސާތައް އެ ރަށުގައި ބޭއްވިއްޖެ ނަމަ ގެސްޓް ހައުސްތަކުގެ ކޮޓަރިތައް ވިއްކޭނެ މަގު ތަނަވަސްވާނެ އެވެ.
ރާއްޖޭގެ ރީތިކަން ފަސްމަންޒަރުވާ ގޮތަށް ބޮޑެތި ކޮންވެންޝަންތައް ބޭއްވޭނެހެން އެ ސެންޓަރު ބިނާކުރީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ އެހީއާ އެކު އެވެ. އެ ތަން ހުޅުވިގެން ދިޔައީ ވަރަށް އުއްމީދީކޮށެވެ. ފުރަތަމަ ވެސް އޮތީ ޓެކް ފެއާއަކާއި އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޮފްޓްވެއާ ނޮލެޖް، އިންފޮމޭޝަން މެނޭޖްމެންޓް އެންޑް އެޕްލިކޭޝަންސް އެވެ. ސައިންސްވެރިންގެ ބައިނަލްއަގްވާމީ ބޮޑު ޖަލްސާއެކެވެ.
އެކަމަކު އޭގެ ހަތަރު މަހެއްހާ ދުވަސް ފަހުން ދުނިޔެއަށް ކޮވިޑް އައިސް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ޖެހުނެވެ. އެހެންވެ ކޮންވެޝަން ޓޫރިޒަމް ތައާރަފްކުރުމަށް ހެދި އެ ސެންޓަރަކަށް ގިނަ ބުކިންތަކެއް ލިބިފައިވަނިކޮށް ޖެހުނީ ބަންދުކުރާށެވެ.
"ބޮޑެތި ގިނަ ބުކިންތަކެއް ލިބިފައި ހުރީ އޭރު. އެހެން ނަމަވެސް ކޮވިޑް އައުމާ ގުޅިގެން އެ ބުކިންތައް ކެންސަލްވެގެން ދިޔައީ،" އުކުޅަސް ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް (މަނިކު) ވިދާޅުވި އެވެ.

އުކުޅަސް ކައުންސިލުގެ ރައީސް ޝައުކަތު (ވ) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
އެކަމަކު ކޮވިޑުގެ ހާލަތު ރަނގަޅުވާން ފެށުމާ އެކު އަނެއްކާ ވެސް ސެންޓަރަށް މިވަނީ ދިރުން ލިބިފަ އެވެ. މިވަގުތަށް ބަލާއިރު ކައުންސިލް އަތުގައި ހަތް ބުކިން އެބައޮތެވެ. އޭގެ ތެރޭގައި ބޭރުގެ ކޮންފަރެންސްތަކާއި ސަރުކާރުގެ އިވެންޓްތައް ހިމެނެ އެވެ. އެގޮތުން އޮގަސްޓް މަހާ ހަމަޔަށް އެކި ތަންތަނުން ވަނީ ބުކިން ހައްދައިފަ އެވެ.
"އެންމެ ބޮޑު ބުކިންގައި އެ ބަ އުޅޭ 600 ވަރަކަށް ޓޫރިސްޓުން އަންނަ ގޮތަށް،" ޝައުކަތު ވިދާޅުވި އެވެ.
އުކުޅަސް ކައުންސިލުން ވަނީ ކްލިކް ކޮލެޖާ ގުޅިގެން ވެސް އެތަނުގައި އިންޓަނޭޝަނަލް ބައެއް ކަހަލަ ކޮންފަރެންސްތައް ބާއްވަން އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އިންޓަނޭޝަނަލް ޗެސް މުބާރާތެއް ވެސް އެތަނުގައި ބާއްވަން އަންނަނީ މަޝްވަރާކުރަމުންނެވެ. ގާތްގަނޑަކަށް 700 އެއްހާ މީހުން ބައިވެރިވާ އެ މުބާރާތް މިހާރު ރޭވިފައި އޮތީ ޖުލައި މަހު ބާއްވާ ގޮތަށެވެ. ބައިނަލްއަގްވާމީ ޔޫތު ފޯރަމެއް ވެސް އެތަނުގައި ހޯސްޓްކުރަން އަންނަނީ ވާހަކަދައްކަމުންނެވެ. މީގެ އިތުރުން ސިޔާސީ ވެރިން ބައިވެރިވާ އިވެންޓެއް އެ ތަނުގައި ބާއްވަން ރައީސް އޮފީހުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
"އޭގެ ތެރެއިން ވެސް އޮގަސްޓްމަހުގެ ތެރޭގައި އެބައާދޭ ހަމަ ވަރަށް ރަނގަޅު، ޓުއަރިޒަމާ ވެސް ގުޅުން ހުރި، ކޮންފަރެންސެއް،" ޝައުކަތު ވިދާޅުވި އެވެ.
"މިތަނަކީ ކުރިއަށް އޮތްތަނުގައި މިރަށުގެ ޓޫރިޒަމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ތަނެއް ކަމަށް އަޅުގަނޑު ދެކެނީ."
ދާދި ފަހަކާ ޖެހެންދެން މިވަރުގެ ކޮންވެންޝަން ސެންޓަރެއް ލިބެން ހުރީ މާލޭން އެކަންޏެވެ. ފަހުން 2011 ވަނަ އަހަރުގެ ސާކް ސަމިޓަށް ސަރުކާރުން އައްޑޫ ސިޓީގައި ސަރުކާރުން ކޮންވެންޝަން ސެންޓަރެއް ގާއިމްކުރި އެވެ. 300 މީހުންގެ ޖާގައިގެ އުކުޅަސް ކޮންވެންޝަން ސެންޓަރު އިމާރާތްކޮށްފައިވަނީ ރެސްޓޯރަންޓް ޖާގައަކާ އެކު އެވެ. އެތަނުގެ ރެސްޓޯރެންޓް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ އެ ރަށަށް އަންނަ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެކެވެ.











