ޓިއުރިން (ފެބްރުއަރީ 7) - ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސްއާ އަލަށް ގުޅުނު ސާބިއާގެ ފޯވާޑް ޑޫސާން ވްލަހޮވިޗްގެ ގޯލާ އެކު 2-0 އިން ހެލަސް ވެރޯނާ ބަލިކޮށް ޔުވެންޓަސް އިޓާލިއަން ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އިންޓަ މިލާން އޮތީ 23 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ ވެނެޒިއާ އަތުން 2-0 އިން މޮޅުވި ނަޕޯލީ އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އާއި ތިން ވަނައިގައި އޮތް އޭސީ މިލާނަށް 24 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް ހަތަރަކަށް ޖެހިލީ 24 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރެއްގައި އޮތް އެޓަލަންޓާ ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ވަނީ ކަލިއަރީ އަތުން 2-1 އިން ބަލިވެފަ އެވެ. އެޓަލަންޓާ އަށް 23 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ.
ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 13 ވަނަ މިނިޓްގައި ވްލަހޮވިޗް ވަނީ ޔުވެންޓަސް އަށް ލީޑުނަަގައިދީފަ އެވެ. މި ސީޒަނުގައި ފިއޮރެންޓީނާ އަށް ލީގުގައި 17 ގޯލު ޖަހައިދީފައިވާ ވްލަހޮވިޗް ޖެނުއަރީ މަހުގެ ޓްރާންސްފާގައި 70 މިލިއަން ޑޮލަރަށް ޔުވެންޓަސް އަށް ބަދަލުވެ، ފުރަތަމަ ގޯލު ޖެހީ ޕައުލޯ ޑިބާލާ ދިން ބޯޅައަކުންނެވެ. ޑިބާލާ ދިން ބޯޅައެއް އޭރިއާ ރޮނގުކައިރިން ވްލަހޮވިޗަށް ލިބުމުން އޭނާ ވަނީ ހެލަސް ވެރޯނާގެ ކީޕަރު ލޮރެންޒޯ މޮންޓީޕޯ ބޯ މަތިން އޮއްސާލައިފަ އެވެ.
މި ގޯލާ އެކު ވްލަހޮވިޗް ވަނީ އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތް ލާޒިއޯގެ ޗީރޯ އިމޯބިލޭއާ އެއްވަރުކޮށްފަ އެވެ.
ލީޑުފުޅާކުރަން ފުރަތަމަ ހާފުގައި އަލްވާރޯ މޮރާޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވްލަހޮވިޗް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ޔުވެންޓަސް އިން ދެ ވަނަ ގޯލު ޖެހީ މޮރާޓާ ދިން ބޯޅައަކުންނެވެ. މި ގޯލު ވެސް ޖެހީ މިދިޔަ މަހު ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިއެކެވެ. މެޗުގެ 61 ވަނަ މިނިޓްގައި މޮރާޓާ ހުސްކޮށްލާފައި ޑެނިސް ޒަކަރިއާ އަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ޒަކަރިއާ ޔުވެންޓަސްއާ ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް ދޫކޮށެވެ.
ވެނެޒިއާ ކޮޅަށް ނަޕޯލީގެ ގޯލުުތައް ޖެހީ ވިކްޓަ އޮސިމްހެއިން އާއި އަންދްރެއާ ޕެޓާނިއާ އެވެ. ވެނެޒިއާ އިން މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި ވެނެޒިއާގެ ފުލްބެކް ޓައިރަން އެބުއޭހީ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ޕެޓާނިއާ ނަޕޯލީގެ ދެ ވަނަ ގޯލު ޖެހީ އެބުއޭހީ އަށް ރަތް ކާޑު ދެއްކި ފަހުންނެވެ.












