ޕެރިސް (ފެބްރުއަރީ 7) - ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭގެ ގޯލާ އެކު، ފްރެންޗް ލީގުގައި މިރޭ ޕީއެސްޖީން އެންމެ ފަހުގެ ޗެމްޕިއަން ލިލް އަތުން 5-1 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
މި މޮޅާ އެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 23 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ 23 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ. ލިލް 11 ވަނައިގައި އޮތީ 23 މެޗުން 32 ޕޮއިންޓާ އެކު އެވެ.
މިދިޔަ ހަފްތާގައި ފްރެންޗް ކަޕުން ކެޓުމުގެ މާޔޫސްކަމުން އަރައިގަންނަން ޕީއެސްޖީން ވަނީ މިރޭ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޕީއެސްޖީން މިރޭގެ މެޗުގެ 10 ވަނަ މިނިޓްގައި ލީޑުނެގީ ލިލްގެ ކީޕަރު އީވޯ ގާބިކް ހެދި ގޯހެއްގެ ފައިދާނަގައި ޕޯޗުގީސް މިޑްފީލްޑަރު ޑަނީލޯ ޕެރޭރާ ޖެހި ގޯލަކުންނެވެ. މެޗުގެ 28 ވަނަ މިނިޓްގައި ލިލްގެ ހަތެމް ބެން އާފާ ނަގައިދިން ހުރަހަކުން ސްވެން ބޮޓްމަން ވެއްޓިގެންފައި ޖެހި ބޯޅަ ގޯލަށް ވައްދާލައި، ލިލް އިން ނަތީޖާ ހަމަހަމަކުރި އެވެ. ބޮޓްމަން ޖެހި ބޯޅަ ގޯލަށް ވަނީ ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އަތުގައި ޖެހިފަ އެވެ.
ލިލް އިން އެއްވަރުކުރިތާ ހަތަރު މިނިޓް ފަހުން މެސީ ނެގި ކޯނަރެއްގައި އޭރިއާތެރެއިން ބޯޅަ ހޯދައި ޕްރެސްނެލް ކިމްޕެމްބޭ ވަނީ ޕީއެސްޖީ އަށް އަލުން ލީޑުނަގައިދީފަ އެވެ. އޭގެ ހަ މިނިޓް ފަހުން މެސީ ވަނީ އޭރިއާތެރެއިން ލިބުނު ބޯޅައެއް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައި ޕީއެސްޖީގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ މެސީ ލީގުގައި ކުޅުނު 13 މެޗުގައި ޖެހި ދެ ވަނަ ގޯލެވެ.
ދެ ވަނަ ހާފުގައި ޕީއެސްޖީން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ އޭރިއާ ބޭރުންނެވެ. މެޗުގެ 51 ވަނަ މިނިޓްގައި ޑަނީލޯ ޕެރޭރާ ޖެހި ބޯޅަ ގޯލުގެ ތިރީ ކަނަށް ވަންއިރު، މެޗުގެ 67 ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެސީ އާއި އެމްބާޕޭގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ފްރެންޗް ކަޕުން ކެޓުމުގެ މާޔޫސްކަމުން އަރައިގަންނަން މި ނަތީޖާގެ ބޭނުންހިފޭނެ ކަމަށެވެ.












