މެޑްރިޑް (ފެބްރުއަރީ 7) - ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުގައި މާކޯ އަސެންސިއޯ ޖެހި މޮޅު ގޯލުން 1-0 އިން ގްރަނާޑާ ބަލިކޮށް، ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑުން ލީޑުފުޅާކޮށްފި އެވެ.
ރެއާލް އެއް ވަނައިގައި ނެގީ ހަ ޕޮއިންޓުގެ ލީޑެކެވެ. ލީގުގެ އެއް ވަަނައިގައި އޮތް ރެއާލަށް 23 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތީ 23 މެޗުން 47 ޕޮއިންޓް ހޯދާފައިވާ ސެވިއްޔާ އެވެ. ތިން ވަނައިގައި އޮތް ރެއާލް ބެޓިސް އަށް ވަނީ 22 މެޗުން 40 ޕޮއިންޓް ލިބިފަ އެވެ.
މިރޭ އެތުލެޓިކޯ މެޑްރިޑް އަތުން ހޯދި މޮޅާ އެކު ހަތަރަކަށް ޖެހިލި ބާސެލޯނާ އަށް ވަނީ 22 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ އަށް 22 މެޗުން 36 ޕޮއިންޓް ލިބުނުއިރު، އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ.
މިރޭގެ މެޗުގައި ރެއާލުން ކުޅުނީ ކަރިމް ބެންޒެމާ، ވިނީޝިއުސް ޖޫނިއާ، ކަސެމީރޯ އަދި ލޫކަސް ވަޒްކޭޒް ނެތި އެވެ.
ސަންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ގްރަނާޑާގެ އެންޓޯނިއޯ ޕުއޭޓާސް ޖެހި ބޯޅައެއް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ މަތަކުރި އެވެ.
ފުރަތަމަ ހާފުގައި ރެއާލްގެ އިސްކޯ އާއި އަސެންސިއޯ ޖެހި ބޯޅަތައް ގްރަނާޑާގެ ކީޕަރު ލުއިސް މެކްސިމިއާނޯ ވަނީ މަތަކޮށްފަ އެވެ. ރެއާލުން ފުރަތަަމަ ހާފުގައި ލީޑުނެގުމާ ގާތަށް ޖެހިލީ ގްރަނާޑާގެ ކާލޯސް ނޭވާ އަތުން ބައިކޮޅަށް ވަންނަން ދިޔަ ބޯޅައެއްގަ އެވެ. ނޭވާ ފައިގައި ޖެހިފައި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ރެއާލުން ލަނޑެއް ޖަަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 74 ވަަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ވާތު ފައިން އަސެންސިއޯ ޖެހި ބޯޅަ ގޯލަށް ވަންއިރު، ކީިޕަރު މެކްސިމިއާނޯ އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ބަދަލު ކުޅުންތެރިންގެ ގޮތުގައި އަރައި ރެއާލްގެ އެޑެން ހަޒާޑާއި ލޫކަ ޔޯވިޗް ވަނީ އެ ޓީމަށް ދެ ވަނަ ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. ހަޒާޑަށް ކުރި ފައުލަކަށް ރެއާލަށް ޕެނަލްޓީއެއް ދޭން ފުރަތަމަ ނިންމި އެވެ. އެކަމަކު، އެ ގޮތަށް ނިންމުމަށް ފަހު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި ފަހުން ވަނީ ހަޒާޑަށް ފައުލުކުރީ އޭރިއާބޭރުން ކަމަށް ނިންމައި، ހިލޭ ޖެހުމަކަށް ބަދަލުކޮށްފަ އެވެ. ޓޯނީ ކްރޫސް ޖެހި އެ ހިލޭޖެހުން އަމާޒުވީ ކީޕަރު މެކްސިމިއާނޯ އަތަށެވެ.












