މިޑްލްސްބަރާ އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް އެފްއޭ ކަޕުން ކަޓައިފި

Feb 5, 2022, 1:49 AM
މިޑްލްސްބަރާ އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް އެފްއޭ ކަޕުން ކަޓައިފި

މެންޗެސްޓާ (ފެބްރުއަރީ 5) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު ހަތަރު ވަނަ ބުރުގެ މެޗުން ޕެނަލްޓީ ޖަހައިގެން 8-7 އިން މިޑްލްސްބަރާ އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހި އެވެ. ދެ ޓީމުން ޖުމްލަ އެކުގައި ފޮނުވާލި 16 ޕެނަލްޓީން ނާކާމިޔާބުވީ ޔުނައިޓެޑްގެ ޒުވާން ވިންގް އެންތަނީ އެލަންގާ ޖެހި ޕެނަލްޓީ އެވެ.

މިއީ އެންމެ ފަހުން ޕްރިމިއާ ލީގުގެ ޓީމުތަކާ ދެކޮޅަށް އެފްއޭ ކަޕްގައި މިޑްލްސްބަަރާ އިން ކުޅުނު 11 މެޗުގެ ތެރެެއިން މޮޅުވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން މޮޅުވީ 2015 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަތުންނެވެ. އެ ފަހަރު މެނުއަލް ޕެލެގްރީނީ ކޯޗުކޮށްދިން ސިޓީ ދަނޑުގައި މިޑްލްސްބަރާ މޮޅުވީ 2-0 އިންނެވެ.

ޔުނައިޓެޑް ދަނޑުގައި ރޭ އެ ޓީމަށް ލީޑުނަގައިދޭން ލިބުނު ރަނުގެ ފުރުސަތު ކްރިސްޓިއާނޯ ރޮނާލްޑޯ ނަގާލި އެވެ. މިއަދު 37 ވަނަ އުފަން ދުވަސް ފާހަގަކުރާ ރޮނާލްޑޯ މެޗުގެ 20 ވަނަ މިނިޓްގައި ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

އޭގެ ކުރިން ރޮނާލްޑޯ ޖެހި އޯވަހެޑް ކިކެއް ވަނީ މިޑްލްސްބަރާ ކީޕަރު ޖޯ ލަމްލީ އަތަށް ނަގައިފަ އެވެ. ޔުނައިޓެޑަށް ޕެނަލްޓީ ލިބުނީ ޕޯލް ޕޮގްބާ އަށް ކުރި ފައުލަކަށެވެ. މިއީ ނޮވެމްބަރު ދެ ވަނަ ދުވަހުގެ ފަހުން ޕޮގްބާ ކުޅުނު ފުރަތަމަ މެޗެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހުނު ޕޮގްބާ ރޭ ކުޅުނީ މި އަހަރު އޭނާގެ ފުރަތަމަ މެޗެެވެ.

ޕެނަލްޓީ ނާކާމިޔާބުވިތާ ފަސް މިނިޓް ފަހުން ޔުނައިޓެޑަށް ލީޑުނަަގައިދިނީ ޖޭޑަން ސަންޗޯ އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ސަންޗޯ އޭރިއާތެރެއިިން މިޑްލްސްބަރާ ކުޅުންތެރިއަކު ފައިގައި ޖައްސާފައި ޖެހި ގޯލަކުން ޔުނައިޓެޑަށް ލީޑުނަގައިިދިންއިރު، އޭގެ ކުރިން އޭނާ ޖެހި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.

މިޑްލްސްބަރާ އިން ޖެހި ގޯލުގެ ކުރިން ވަޓްމޯ އަތުން ބޯޅަ ކޮންޓްރޯލް ކުރަނީ.

މި މެޗުގައި އެންމެ ފާޑުކިޔުން ބޮޑުވީ މިޑްލްސްބަރާ އިން ނަތީޖާ ހަމަހަމަކުރަން ޖެހި ގޯލަށެެވެ. މެޗުގެ 64 ވަނަ މިނިޓްގައި މެޓް ކްރޫކްސް މިޑްލްސްބަރާ އަށް އެއްވަރުކޮށްދިން ގޯލު ޖެހިއިރު، އޭނާ އަށް އެ ބޯޅަ ދިނުމުގެ ކުރިން މިޑްލްސްބަރާގެ ޑަންކަން ވަޓްމޯ އަތުގައި ބޯޅައިން ޖެހެ އެެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އެ ގޯލު ބަލައިނުގަންނާނެ ކަމަށް ބެލެވުނެވެ. އެކަމަކު، ވީއޭއާރް އިން ނިންމީ ގޯލު ބަލައިގަންނާށެވެ.

މެޗުގެ ފުރިހަމަ ވަގުތު ތެރޭ ޔުނައިޓެޑް މޮޅުކޮށްދޭން ބްރޫނޯ ފެނާންޑޭސަށް ލިބުނު ރަނުގެ ފުރުސަތުގައި އޭނާ ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ކީޕަރު ލަމްލީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ހުސްކޮށް އޮތް ގޯލަކަށް ޖަހަން ފެނާންޑޭސަށް ލިބުނު ބޯޅަ އޭނާ ޖެހީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި އެލަންގާ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުން ބޮލުން ޖެހި ބޯޅަ އަމާޒުވީ ކީޕަރު ލަމްލީ އަތަށެވެ.

ދެ ވަނަ ހާފުގައި ރޮނާލްޑޯ އާއި މާކަސް ރެޝްފޯޑް ޖެހި ބޯޅައެއް ވަނީ ގޯލާ ސީދާނުވެ ބޭރުން ގޮސްފަ އެވެ.

ނަތިޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފް ނިމުނުއިރު ވެސް 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖެހި އެވެ.

ޕެނަލްޓީގައި މިޑްލްސްބަރާ އިން އަށް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ ޕެޑީ މެކްނެއާ، މާޓިން ޕަޔޭރޯ، ލީ ޕަލްޓިއޭ، ޑައެލް ފްރައި، ވަޓްމޯ، ސޯލް ބަމްބާ، މާކަސް ޓަވެނިއޭ އަދި ޖޯނީ ހައުސަން އެވެ. ޔުނައިޓެޑްގެ ފުރަތަމަ ހަތް ޕެނަލްޓީ ޖެހީ ޑިއޯގޯ ޑަލޯ، ސްކޮޓް މެކްޓޮމިނޭއި، ފެނާންޑޭސް، ރޮނާލްޑޯ، ފްރެޑް، ހެރީ މެގުއާ އަދި ހުއާން މަޓާ އެވެ. އެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުވި އެވެ. އެކަމަކު، އަށް ވަނަ ޕެނަލްޓީ ފޮނުވާލި އެލަންގާ ޖެހި ބޯޅަ ގޯލާ ސީދާނުވެ ދިއުމުން ޔުނައިޓެޑް ކެޓީ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނީ އޭނާގެ ޓީމު މުބާރާތުން ކެޓުން ބަލައިނުގަންނަ ސަބަބަކީ މި މެޗުގައި މިޑްލްސްބަރާ އިން ޖެހި ގޯލު ސައްހަ ވާނެ އެއްވެސް ގޮތެއް ފުޓްބޯޅައިގެ ގަވާއިދުގެ ތެރެއިން ނޯންނާނެތީ ކަމަށެވެ.

"އަތުން ކޮންޓްރޯލް ކޮށްފައި ގޯލު ޖެހީ މިޑްލްސްބަރާ އިން. އެއީ ގޯލަކަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެ،" ރަންގްނިކް ބުންޏެވެ.

މިދިޔަ ސީޒަނުގައި ޝެފީލްޑް ޔުނައިޓެޑް ގޮވައިގެން މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގައި 2-1 އިން މޮޅުވި ކޯޗު ކްރިސް ވައިލްޑާ ރޭ މި ވަނީ މިޑްލްސްބަރާގައި ހުރެ ވެސް ޔުނައިޓެޑް އަތުން މޮޅުވެފަ އެވެ.

މެޗަށް ފަހު ވައިލްޑާ ބުނީ އޭނާގެ ޓީމުން ޖެހި ގޯލު ބަލައިގަންނަން ނިންމުމުން ލިބުނީ ހައިރާންކަން ކަމަށާއި ވީޑިއޯ އިން ވަޓްމޯ އަތުގައި ބޯޅަ ޖެހޭ މަންޒަރު ސާފުކޮށް ފެންނަ ކަމަށެވެ. އެކަމަކު، މުޅި މެޗުގައި މިޑްލްސްބަރާ އިން ކުރި މަސައްކަތަށް ބަލާއިރު، މި މޮޅު އޭނާގެ ޓީމަށް ކޮންމެވެސް ގޮތަކުން ހައްގުވާ ކަމަށް ވައިލްޑާ ގަބޫލުކުރެ އެވެ.

ޔުނައިޓެޑް މި ފަހަރު އިނގިރޭސި ލީގު ކަޕުން ކެޓީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް އަތުން ބަލިވެގެންނެވެ. އެފްއޭ ކަޕުން ވެސް އަމިއްލަ ދަނޑުގައި ބަލިވެގެން ކެޓިއިރު، ދެން ޔުނައިޓެޑަށް މި ސީޒަނުގައި ތަށްޓެއް ހޯދަން އޮތީ ދެ މުބާރާތެވެ. އެއީ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގެވެ.

ޕްރިމިއާ ލީގު ލިބުމުގެ ދޮރު ޔުނައިޓެޑަށް ގާތްގަނޑަކަށް ބަންދުވެފައި އޮތްއިރު، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޔުނައިޓެޑް ކުޅެން ޖެހިފައިވަނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox