ކޮވިޑް-19 ޖެހިފައި ހުރި މީހަކާ ބައްދަލުވި ނަމަވެސް ބަލީގެ އަލާމާތެއް ތިމާގެ ހަށިގަނޑުން ނުފެންނަ ނަމަ އަދި ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ ނަމަ ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އުސޫލު ބަދަލު ކުރީ އިއްޔެ އެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ ބަލި މީހަކާ ދިމާވެ ކަރަންޓީނުވާން ނުޖެހޭ އުސޫލު ހިނގާނީ ވެކްސިންގެ ތިން ޑޯޒު ފުރިހަމަކޮށްފައި ތިބޭ މީހުންނަށް އެކަނި ކަމަށެވެ.
ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައި ހުރި ނަމަވެސް ބަލި މީހަކާ ދިމާވެއްޖެ ނަމަ އެމީހަކު ޕީސީއާރް ނުވަތަ އެންޓިޖެން ޓެސްޓެއް ހަދަންޖެހެ އެވެ. އަދި އެ ޓެސްޓުގެ ނަތީޖާ ލިބެންދެން ހުންނަންޖެހޭނީ ކަރަންޓީނުގަ އެވެ. ބަލީގެ އަލާމާތެއް ތިމާގެ ހަށިގަނޑުން ފެނިއްޖެ ނަމަ ވެސް ޓެސްޓު ކުރަންޖެހެ އެވެ.
ކޮވިޑުގެ ބަލި މީހަކާ ދިމާވި ނަމަވެސް ކަރަންޓީނު ނުވެ އުޅެވޭނީ، ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ގޭގައި ދިރިނޫޅޭ ނަމަ އެވެ. އެހެންކަމުން ވެކްސިންގެ ތިން ޑޯޒު ޖަހައިގެން ހުރި ނަމަވެސް ބަލި މީހަކު ތިމާގެ ގޭގައި ދިރިއުޅޭ ނަމަ އަދި އޭނާާއާ ބައްދަލުވެފައި ހުރި ނަމަ ކަރަންޓީނުވާން ޖެހޭނެ އެވެ.
އެކަމަކު ކަރަަންޓީނުވާން ނުޖެހުނު ނަމަވެސް ބަލި މީހާއާ ދިމާވި ތާރީހުން ފެށިގެން ފަސް ދުވަސް ހަމަވުމުން އަނެއްކާ ވެސް ޕީސީއާރް ޓެސްޓެއް ނުވަތަ އެންޓިޖެން ޓެސްޓެއް ހަދަންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮވިޑުގެ ހާލަތު
ކަރަންޓީނުވުމުގެ އުސޫލުތަކަށް އެޗްޕީއޭއިން މި ބަދަލު ގެނައީ، ކޮވިޑް-19 ގެ ބޫސްޓާ ޑޯޒް މި ހިނގާ ޖެނުއަރީ މަހު ޖަހަން ފެށި ފަހުންނެވެ. ބޫސްޓާ ޑޯޒު ޖަހަން ފެށީ ކޮވިޑް-19 ގެ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ވަރަށް ބާރަށް ފެތުރެން ފެށުމުންނެވެ.
އެޗްޕީއޭއިން ރޭ ހާމަ ކުރި ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ 369،883 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ. އެއީ އާބާދީގެ ގާތްގަނޑަކަށް 68 ޕަސެންޓު މީހުންނެވެ. މިހާތަނަށް ތިން ވަނަ ޑޯޒު ޖެހީ 75،884 މީހުންނެވެ. އެއީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 14 ޕަސެންޓު މީހުންނެވެ.
އޮމިކްރޯން ވޭރިއަރުންޓުގެ ނުރައްކާ ބޮޑު
މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރުގެ ފަހުކޮޅު ކޮރޯނާ ވައިރަސް އިންސާނެއްގެ ހަށިގަނޑުން ފެނުން ފަހުން އެ ވައިރަސް ވަނީ އެތައް ގޮތަކުން މިއުޓޭޓްވެ، ބަދަލުވެ، ވޭރިއަންޓުތަކެއް އުފެދިފަ އެވެ. މިހާތަނަށް މަދުވެގެން ހަ ވޭރިއަންޓެއް ދަނެގަނެވިފައިވެ އެވެ. އެއީ
- އަލްފާ (B.1.1.7)
- ބީީޓާ (B.1.351)
- ގަމާ (P.1)
- ޑެލްޓާ (B.1.617.2)
- އެމްޔޫ (B.1.621)
- އޮމިކްރޯން (B.1.1.529)
އޭގެ ތެރެއިން އޮމިކްރޯންގެ ނުރައްކާތެރިކަން ބޮޑީ އެ ވޭރިއަންޓު ފެތުރޭ މިންވަރު އަވަސްވުމުންނެވެ. ވޭރިއަންޓުތައް ދަނެގަތުމުގެ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކުލަވާލާފައިވާ ޓީމުން އޮމިކްރޯން ކްލެސިފައިކޮށްފައި ވަނީ "އަ ވޭރިއަންޓް އޮފް ކޮންސާން" އެއްގެ ގޮތުގަ އެވެ.
އޮމިކްރޯންގެ އެންމެ ބޮޑު މައްސަލައަކީ ގައިންގަޔަށް ފެތުރޭ މިންވަރު އިންތިހާއަށް އަވަސްވުމެވެ. ނަމަވެސް ސައިންޓިސްޓުން ބުނަނީ އޮމިކްރޯން ވޭރިއަންޓުން ބަލިޖެހިގެން ބޮޑުވަރުވާ މީހުން މަދު ކަމަށެވެ. ނަމަވެސް ވަރަށް ހަލުވިކޮށް ފެތުރޭތީ ހޮސްޕިޓަލުތަކަށް ބާރުބޮޑުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ބައެއް މުހިންމު ހަބަރުތައް
- އެންޓި ކޮރަޕްޝަން ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ގާނޫނުން ދޭ 60 ދުވަސް ހަމަވީ އިއްޔެ އެވެ. މުއްދަތު ހަމަވިއިރު މެމްބަރަކު އައްޔަން ނުކުރެވުމުގެ އިތުރުން މަޖިލީހަށް ރައީސް އޮފީހުން ނަމެއް ވެސް ފޮނުވާފައެއް ނުވެ އެވެ.
- އުރީރޫ މޯލްޑިވްސް އިން ރާއްޖެއަށް ފޯރުކޮށްދޭ އިންޓަނެޓުގެ ހިދުމަތް މެދުކެނޑުނީ އިއްޔެ އެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް އިންޓަނެޓު ކެނޑުނީ ސިލޯނާއި ރާއްޖެއާ ދެމެދު އަޅާފައިވާ ފައިބާ ކޭބަލަށް މައްސަލަތަކެއް ދިމާވެގެން ކަމަށް އުރީދޫން ބުންޏެވެ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އާ ރަންވޭ ޓެކްސީވޭއަކަށް ބޭނުން ކުރަން ފެށީ އިއްޔެ އެވެ. އެ ބަދަލާއެކު އެއާޕޯޓުގެ ޖާގަ ނެތުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށްވެ އެވެ.
ދުވަހުގެ ކޯޓޭޝަން
އުރީދޫ މޯލްޑިވްސްގެ އިންޓަނެޓު ކެނޑުނު މައްސަލައިގައ- މިނޫހާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މީޑިއާ ޑިޕާޓްމަންޓުން އިއްޔެ ބުނީ:
"އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ އައިއެސްޕީ ޕާޓްނަރަށް ދިމާވި މައްސަލައެއްގެ ސަބަބުން، އިންޓަނެޓްގެ ހިދުމަތް ބޭނުންކުރުމުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް ވަނީ އައިސްފަ. އަޅުގަނޑުމެންގެ ޓީމުން ދަނީ އެފަރާތްތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން. ދިމާވެދާނެ ދަތިތަކަށް އަޅުގަނޑުމެން އިހްލާސްތެރިކަމާއެކު މައާފަށް އެދެން."
ދުވަހުގެ ފޮޓޯ

ހިޔާ ފްލެޓުގެ ޓަވަރުތައް ރޭނގަޑުގެ ވަގުތު ދުރުން ފެންނަ ގޮތް: އެނގިފައިވާ ގޮތުގައި ގާތްގަނޑަކަށް 1500 ފްލެޓަށް މިހާތަނަށް މީހުން ވަނީ ބަދަލުވެފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް މަތިވެފައިވާ ޖަދަލުތައް"
އެއީ ޖޫން، 2020 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ޝާއިއު ކުރި ދިރާސާއެކެވެ. ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމަށް ކުރި އަސަރު ވަރަށް ތަފްސީލުކޮށް އެ ދިރާސާގައި ހިމަނާފައި އެބަ އޮތެވެ. އޭގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ މައްޗަށް ވެސް ކޮންމެވެސް ވަރަކަށް ބަލާފައިވެ އެވެ.













