ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުން ފްލެޓް ލިބުނު 288 މީހަކު ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކުރަމުން އަންނަ ވިނަރެސް ފްލެޓް ގަންނަން ހުށަހަޅާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ވިނަރެސް އިން ފްލެޓް ގަތުމަށް އެންމެ ފުރަތަމަ ހުޅުވާލީ ހިޔާ ފްލެޓުތައް ދޫކޮށްލި މީހުންނަށާއި ގުޅީފަޅުން ފްލެޓް ގަތް މީހުންނަށެވެ. އަދި އެއަށްފަހު ސީލައިފް ގްލޯބަލް އިން އަޅަން ބުނި އެޕާޓްމަންޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފުރުސަތު ހުޅުވާލި އެވެ.
އެގޮތުން، ހިޔާ މަޝްރޫއިން ފްލެޓް ލިބުނު މީހުންގެ ތެރެއިން 79 މީހުން ވިނަރެސް ފްލެޓް ގަންނަން އެންމެ ފުރަތަމަ ހުށަހެޅި އެވެ. ނަމަވެސް، އަދަދު އާ އެޗްޑީސީން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭގެ ތެރެއިން ހަތަރު މީހުން ވަނީ ފޯމް އަނބުރާ ގެންގޮސްފަ އެވެ. އެހެންކަމުން، ހިޔާ އިން ފްލެޓް ލިބުނު 75 މީހުން ވަނީ ވިނަރެސް ފްލެޓްތަކަށް ކުރިމަތިލާފަ އެވެ.
ގުޅީފަޅުން ފްލެޓު ގަތް މީހުންގެ ތެރެއިން ސަރުކާރާއެކު ބަދަލުގެ އެއްބަސްވުމަކަށް އައިސްފައިވާ 214 މީހުންގެ ތެރެއިން 96 މީހުން ވެސް ފޯމް ހުށަހަޅާފައިވެ އެވެ.
ސީލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން 203 މީހަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ބަދަލު ދޭން އެއްބަސްވެ 415 މީހުންނާ އެކު އެޗްޑީސީން އޮތީ ސެޓްލްމަންޓް އެގްރީމެންޓް ހަދާފައިވެ އެވެ. އޭގެ ތެރެއިން 344 މީހުން ވަނީ ސީލައިފަށް ފައިސާ ދެއްކިކަން އެޗްޑީސީ އަށް ޔަގީން ކޮށްދީފަ އެވެ. އެހެން ނަމަވެސް، ވިނަރެސް ފްލެޓް ގަންނަން ހުށަހެޅީ 117 މީހުންނެވެ.

މި ތިން މަޝްރޫއިން ފްލެޓް ލިބުނު މީހުންގެ ތެރެއިން ވިނަރެސްއަށް ކުރިމަތިލީ 288 މީހުންނެވެ. އެޗްޑީސީން އެ މީހުންނަށް ފްލެޓް ދޭނީ މާލީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެވެ.
މިއަހަރުގެ ޖުލައި މަހަށް ނިންމަން އަމާޒު ހިފާފައިވާ މި ފްލެޓްތައް އާންމުންނަށް ވިއްކަން ހުޅުވާނެ ތާރީހެއް އެޗްޑީސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ވިނަރެސްއަކީ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން އެޗްޑީސީން ކުރިޔަށް ގެންދާ "މިކްސްޑް ރެޒިޑެންޝަލް ކޮމްޕްލެކްސް" ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެކެވެ.
އެއީ މެދު މިނުގެ ފުދުންތެރިކަން ހުރި އާއިލާތަކަށާއި ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން، ފިނިޝިން އާއި އިންޓީރިއާ ނިންމާފައި ހަވާލުކުރާ ފެންވަރު ރަނގަޅު ފްލެޓްތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެ ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 ހައުސިން ޔުނިޓާއި، އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ހާއްސަ ކޮމާޝަލް ޔުނިޓުތައް ހިމެނެ އެވެ.












