އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި މެމްބަރަކު އައްޔަނު ކުރުމަށް ގާނޫނުން ދީފައި އޮތް 60 ދުވަހުގެ މުއްދަތު އިއްޔެ ހަމަވެއްޖެ އެވެ.
އޭސީސީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮތީ އެ ކޮމިޝަނުގެ މެމްބަރަކު މަގާމުން އިސްތިއުފާ ދީފި ނަމަ އެ މަގާމަށް 60 ދުވަހުގެ ތެރޭގައި އަލުން މީހަކު އައްޔަނުކުރަންޖެހޭނެ ކަމަށެވެ.
އޭސީސީން އަޝްރަފު އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރު 2، ގަ އެވެ. އޭގެ ފަހުން މިއަދަށް މިވީ 61 ދުވަހެވެ. އަޝްރަފްގެ ބަދަލުގައި މެމްބަރަކު އައްޔަން ކުރުމަށް ގާނޫނުން ދީފައި އޮތް މުއްދަތު ހަމަވީ އިއްޔެގެ ނިޔަލަށެވެ.
ޖުމްލަ ފަސް މެމްބަރުން ތިބެންޖެހޭ އޭސީސީގައި މިހާރު އެއްވެސް މެމްބަރަކު ނެތެވެ. ހުރިހާ މެމްބަރުން ވެސް އިސްތިއުފާ ދެއްވީ މިދިޔަ ޑިސެމްބަރުގެ ތެރޭގަ އެވެ. އަޝްރަފަށް ފަހު ޑިސެމްބަރު 15، ގަ އިސްތިއުފާ ދެއްވީ މެމްބަރު އިބްރާހިމް ޝަކީލެވެ. ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވީ ޑިސެމްބަރު 27، ގަ އެވެ.
އޭނާގެ އިސްތިއުފާ އާއެކު މިދިޔަ ޑިސެމްބަރު 5، ގައި އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި އެވެ. އަދި އޭގެ ފަހުން ދެން ތިބި މެމްބަރުންގެ އިސްތިއުފާއާއެކު ވެސް ދެ ފަހަރެއްގެ މަތިން އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލި އެވެ.

އޭސީސީގެ މެމްބަރަކަށްވުމަށް އެންމެ ފުރަތަމަ ހުޅުވާލި ދެ ފުރުސަތުގައި ކުރިމަތިލި މީހުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ. އަދި ފަހުން ކުރި އިއުލާނުގެ މުއްދަތު އިތުރު ކުރި ސަބަބެއް ވެސް ނުބުނެ އެވެ. އެކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން ވެސް ރައީސް އޮފީހުން ޖަވާބެއް ނުލިބުނެވެ.
މިއީ، ފަސް މެމްބަރުން ތިއްބަވާ ކޮމިޝަންގައި އެއްވެސް މެމްބަރަކު ނެތް 34 ވަނަ ދުވަހެވެ. ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޭސީސީ އޮއްވައި މިހާތަނަށް ވަނީ 60 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 205 ވަނަ މާއްދާގައި ބުނެފައި އޮތީ "އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިޝަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެން އަދި އެ ކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަކަށް ލިބިގެން" ކަމަށެވެ.
ނަމަވެސް މެމްބަރުން ނެތުމުން މައްސަލަ ބަލަން ފެށުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް އޮތީ ހުއްޓިފަ އެވެ. ކޮމިޝަނުގައި މެމްބަރުން ނެތުމުން އެ މެމްބަރުން ތިބި އިރު ބެލުމަށް ނިންމާފައި ހުރި މައްސަލަތަކާ ގުޅިގެން އިތުރު ނިންމުމެއް ނުވަތަ ފިޔަވަޅެއް ވެސް އެޅުމުގެ ބާރު ނެތެވެ.
އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވީ އެ މަމްބަރުން މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާ އަދާ ނުކުރާ ކަމަށް ބުނެ އެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދަނިކޮށެވެ. މެމްބަރުން އިސްތިއުފާ ދިނީ އެބޭފުޅުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސް ކުރި ފަހުންނެވެ.
އޭސީސީގައި މެމްބަރުން ނެތުމުން އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބަޔަކު ފާޅުކޮށްފައިވެ އެވެ. އެގޮތުން އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތް ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނެއް އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، ދައުލަތަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަތައް މި ދުވަސްވަރު ނުބެލޭނެ ގޮތަކަށް އޮތުމުން އިދިކޮޅު ސިޔާސީ ޕާޓީން ވެސް ކަންބޮޑުވުން ފާޅު ކުރި އެވެ.












