ގާނޫނު އަސާސީގައި ބުނެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެއްވެސް މެމްބަރަކު ނެތި 35 ދުވަސް ހޭދަވިއިރު ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ 60 މައްސަލައެއް ބެލުމަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނީ އިއްޔެ އެވެ.
މިދިޔަ ޑީސެމްބަރު 27، ގައި އޭސީސީގައި އެންމެ ފަހުން ތިއްބެވި ތިން މެމްބަރުން އެއްފަހަރާ އިސްތިއުފާ ދެއްވި ފަހުން ކޮރަޕްޝަންގެ 60 މައްސަލައެއް ބެލުމަށް ހުށަހަޅާފައިވާ ކަމަށް އޭސީސީގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
އެހެން ނަމަވެސް ކޮމިޝަނުގެ މެމްބަރުން ނެތުމުން ހުށަހެޅި އެއްވެސް މައްސަލައެއް ބެލުމުގެ ބާރު ނެތް ކަމަށް މި ނޫހާ ވާހަކަ ދެއްކި އޭސީސީގެ އޮފިޝަލު އިއްޔެ ބުންޏެވެ.
ގާނޫނު އަސާސީގެ 205 ވަނަ މާއްދާގައި ބުނެފައި އޮތީ "އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނީ އެ ކޮމިޝަނުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެން އަދި އެ ކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތު އެކަމަކަށް ލިބިގެން" ކަމަށެވެ.
ކޮމިޝަނަށް އަލަށް ހުށަހަޅާ މައްސަލަތައް ބެލުމުގެ އިތުރުން، ގާނޫނު އަސާސީގެ 205 ވަނަ މާއްދާ ލިޔެފައި އޮތް ގޮތުން، މެމްބަރުން ތިބިއިރު ހުށަހަޅާފައިވާ މައްސަލަތަކުގައި ވެސް އިތުރު ގޮތެއް ނުނިންމޭނެ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވީ އެ މަމްބަރުން މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާ އަދާ ނުކުރާ ކަމަށް ބުނެ އެ މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދަނިކޮށެވެ. މެމްބަރުން އިސްތިއުފާ ދިނީ އެބޭފުޅުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސް ކުރި ފަހުންނެވެ.
ބެކްގްރައުންޑް
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން މަގާމުތަކުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ފަރާތުން ނިންމާފައި ވަނީ އެ ކޮމެޓީގެ ފަރާތުން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓުގެ ނަތީޖާއަށް ބެލުމަށްފަހު އެވެ. ނަމަވެސް އެ އޮޑިޓުގައި ބަލާފައި ވަނީ މިދިޔަ ފަސް އަހަރުގެ މަސައްކަތަށެވެ. މިހާރުގެ މެމްބަރުން މަގާމުތަކާ ހަވާލުވީ އޯގަސްޓު 25، 2019 ގަ އެވެ.
އޭސީސީގައި ފަސް މެމްބަރުން ތިއްބަވަނިކޮށް އޭގެ ތެރެއިން އެންމެ ފުރަތަމަ މިދިޔަ ޑިސެމްބަރު 2، ގައި އިސްތުއުފާ ދެއްވީ މެމްބަރު އަލީ އަޝްރަފް އެވެ. އޭގެ ފަހުން ޑިސެމްބަރު 15، ގަ އިސްތިއުފާ ދެއްވީ މެމްބަރު އިބްރާހިމް ޝަކީލެވެ. ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވީ ޑިސެމްބަރު 27، ގަ އެވެ.
އޭސީސީގެ ގާނޫނުގެ 11 ވަނަ މާއްދާގެ ށ. ގައި ވާ ގޮތުން އެ ކޮމިޝަންގެ މެމްބަރެއްގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަކަށް އަލުން މީހަކު އައްޔަނުކުރަން ޖެހެ އެވެ. އޭސީސީން ފުރަތަމަ އިސްތިއުފާ ދެއްވި މެމްބަރު އަލީ އަޝްރަފް އިސްތިއުފާ ދެއްވިތާ މިއަދަށް 60 ދުވަސް ދުވަސް ހަމަވީ އެވެ. އެހެންކަމުން ބަދަލުގައި މެމްބަރަކު އައްޔަން ކުރުމަށް ދީފައި އޮތް މުއްދަތު މިހާރު ހަމަވީ އެވެ.
އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ވަނީ ތިން ފަހަރެއްގެ މަތިން ހުޅުވާލައިފަ އެވެ. އެކަމަށް އެންމެ ފުރަތަމަ ހުޅުވާލީ ޑިސެމްބަރު 5، ގައި ފުރަތަމަ މެމްބަރަކު އިސްތިއުފާއަށްފަހު އެވެ. އެއަށްފަހު އިތުރު މެމްބަރަކު އިސްތިއުފާ ދެއްވުމުން ޑިސެމްބަރު 20 ގައި އަލުން އެ ފުރުސަތު ހުޅުވާލި އެވެ. އަދި ބާކީ ތިއްބެވި މެމްބަރުން އޭގެ ފަހުން އިސްތިއުފާ ދެއްވުމުން އެ މަގާމުތަކަށް ކުރިމަތިލުމަށް ޖެނުއަރީ 5، ގައި ހުޅުވާލި އެވެ. އެންމެ ފަހުން ހުޅުވާލި ފުރުސަތުގެ މުއްދަތު ރައީސް އޮފީހުން އޮތީ މިއަދުގެ 12:30 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދެ މައްސަލަ ވެސް އަވަހަށް ހިންގައި، ހުކުމް ކުރުން ވެސް ކްރިމިނަލް ކޯޓުން އަވަސް ކުރަން ނިންމި ހަބަރު އާންމުވީ އިއްޔެ އެވެ.
- މަޝްހޫރު ސޯޝަލް މީޑިއާ ޝަހުސިއްޔަތު އަލީ ސައިފް ލަތީފް ނިޔާވީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާ ނިޔާވީ ކެންސަރުގެ ބައްޔަކަށް ފަރުދާ ހޯދާތާ ގިނަ ދުވަސްތަކަކަށްފަހު އެވެ. ސައިފް، 40، ނިޔާވުމުން ގިނަ ބަޔަކު އިންޓަނެޓުގައި ތައުޒިޔާގެ މެސެޖުތައް ދަނީ ލިޔަމުންނެވެ.
- މި ހިނގާ ޖެނުއަރީ މަހު ފުލުހުންނަށް 881 މައްސަލައެއް ހުށަހަޅާފައިވާ އެ އިދާރާއިން ހާމަކޮށްފައި ހުރި ހިސާބުތަކުން އިއްޔެ ދައްކައިފި އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަ އެވެ. ވައްކަމުގެ ޖުމްލަ 336 މައްސަލައެއް އޮތީ ހުށަހަޅައިފަ އެވެ.
ދުވަހުގެ ކޯޓޭޝަން
އެންޓި ކޮރަޕްޝަން ކޮމިޝަނުގައި މެމްބަރަކު ނެތް މައްސަލައާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވީ:
"ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ނަމަވެސް މިކަން ހައްލުކުރެވޭނެ. މި ހާލަތުގައި ކޮންމެހެން ވެސް ފަންކްޝަން ކުރަން ޖެހޭ މުއައްސަސާއެއް. އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ބޭއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް. މި ކަމުގައި ސަރުކާރު އެކައުންޓަބަލް ކުރުވާނަން."
ދުވަހުގެ ފޮޓޯ

އިންޑިަސްޓްރިއަލް އައިލެންޑު ތިލަފުއްޓާއި މާލެއާ ދެމެދު ބްރިޖު އެޅުމަށް އެ ދިމާލު ކަނޑުގައި ސާވޭ ކުރުނީ: މާލެ އާއި ތިލަފުއްޓާ ދެމެދު އަޅާ ބްރިޖަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"އަލްފި ލައިލާ ވަ ލައިލާ ވާހަކައިގެ ބާޑީގެ މުހައްމަދު އަހުމަދު ދީދީގެ ދިވެހި ތަރުޖަމާ އަލްފި ލައިލާ ގައި އޮރިއެންޓަލިޒަމް ފެންނަ ގޮތްތައް"
އެއީ ކުޅަދާނަ ލިޔުންތެރިޔާ ނަސްމާ އަބްދުލްމުހްސިން އޭނާގެ މާސްޓާސް އޮފް ދިވެހި ލެންގުއޭޖް އެންޑް ކަލްޗާ ޕްރޮގްރާމަށް 2018 ވަނަ އަހަރު މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއަށް ހުށަހެޅުއްވި އޭނާގެ ދިރާސާ ތީސިސް އެވެ.
އެ ދިރާސާ ބިނާކޮށްފައީ ވަނީ އަލްފި ލައިވާ ނުވަތަ އަލިފް ލައިލާގެ ވާހަކައިގެ މައްޗަށެވެ. އެ ދިރާސާގައި ވަރަށް ތަފްސީލުކޮށް ވާހަކަ ތަރުޖަމާކޮށްފައިވެ އެވެ. ވާހަކައިގައި ދެކެވޭ މުއްސަނދިކަމާއި ވާހަކައިގެ ތީމުތަކާއި ވާހަކައިގެ ނަންގަނެފައިވާ ޖިންނި ފަދަ މަހްލޫގުންގެ ވާހަކަ ދިރާސާކޮށްފައިވެ އެވެ. އޭގެ ވާހަކައިގައި އަންހެނުން ޕޯޓްރޭ ކޮށްފައިވާ ގޮތް ވެސް ދިސާރާގައި ހިމާނާފައިވެ އެވެ.













