އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ބޮޑު ހިޔާނާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ދެ މައްސަލައިގެ އަޑުއެހުންތައްވެސް އަވަސްވެ، ކުރިއަށް އޮތް ހަތަރު މަސް ދުވަސް ތެރޭ ހުކުމަކާ ހަމައަށް ވާސިލްވެވޭނެ ގޮތަށް ކްރިމިނަލް ކޯޓުން ތާވަލެއް އެކުލަވާލައިފި އެވެ.
ރ. ފުއްގިރިއާއި، ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ދައުލަތުން ކުރާއިރު، އެ ދެ ދައުވާގެ އަޑުއެހުންތައްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. ނަމަވެސް މި އަހަރުގެ ނިޔަލަށް ނިންމުމަށް ތާވަލްކޮށްފައިވާ އެ ދެ މައްސަލައިގެ އަޑުއެހުންތައްވެސް އަވަސް ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ.
އެ ދެ މައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށް ހެދި ތާވަލަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، އަންނަ ޖޫން 30 ގައި ދެ މައްސަލައިގައި ހުކުމް ކުރާނެ އެވެ. ފުއްގުރި މައްސަލާގައި ހުކުމް ކުރުމަށް ކަނޑައަޅާފައި ވަނީ އެދުވަހުގެ ހެނދުނު 9:30 ގައެވެ. އާރަށު މައްސަލާގައި ހުކުމް ކުރުމަށް ނިންމާފައި ވަނީ އޭގެ ތިން ގަޑިއިރު ފަހުންނެެވެ.
ދެ މައްސަލައިގެވެސް އިބްތިދާއީ އަޑުއެހުންތައް ނިމި ޝަރީއަތް ފެށުމާ ދެމެދު މަހެއްގެ މުއްދަތު ލިބެ އެވެ. އޭގެފަހުން ޝަރީއަތުގެ އަޑުއެހުންތައް ތާވަލްކޮށްފައި ވަނީ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާ ގޮތަށެވެ.
ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފައިވާ ގޮތް
28 ފެބްރުއަރީ - 9:30 - ހުށަހެޅުންތަކާމެދު ގޮތެއް ނިންމުން

3 މާޗް - 9:30 - އިފްތިތާހީ ބަޔާން ހުށަހެޅުން
10 މާޗް - 9:30 - ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން
17 މާޗް - 9:30 - ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން
24 މާޗް - 9:30 - ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން
31 މާޗް - 9:30 - ދައުވާ ލިބޭ ފަރާތުގެ ހެކިބަސް ނެގުން
10 އޭޕްރީލް - 10:30 - ދައުވާ ލިބޭ ފަރާތުގެ ހެކިބަސް ނެގުން
8 މެއި - 9:30 - ދައުވާ ލިބޭ ފަރާތުގެ ހެކިބަސް ނެގުން
15 މެއި - 9:30 - ދައުވާ ލިބޭ ފަރާތުގެ ހެކިބަސް ނެގުން
22 މެއި - 9:30 - ކިތާބީ ހެކިތަކާއި މެދު ދެފަރާތުން ވާހަކަދެއްކުން
1 ޖޫން - 9:30 - ހުލާސާ ބަޔާން ހުށަހެޅުން
30 ޖޫން - 9:30 - ހުކުމް ކުރުން
އާރަށް މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފައިވާ ގޮތް
10 ފެބްރުއަރީ - 9:30 - އިބްތިދާއީ އަޑުއެހުން (ދައުވާއަށް ޖަވާބުދާރީވުން)
16 ފެބްރުއަރީ - 9:30 - އިބްތިދާއީ އަޑުއެހުން (ދެފަރާތުގެ ހެކި ހާމަކުރުން)
6 މާޗް - 9:30 - އިބްތިދާއީ އަޑުއެހުން (ހުށަހެޅުނތައް ޝަރީއަތުގައި ހުށަހެޅުން)
14 އޭޕްރީލް - 10:30 - ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމުން
16 މެއި - 9:30 - އިފްތިތާހީ ބަޔާން ހުށަހެޅުން
17 މެއި - 9:30 - ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން
19 މެއި - 9:30 - ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން
24 މެއި - 9:30 - ދައުވާ ލިބޭ ފަރާތުގެ ހެކިބަސް ނެގުން
31 މެއި - 9:30 - ދައުވާ ލިބޭ ފަރާތުގެ ހެކިބަސް ނެގުން
7 ޖޫން - 9:30 - ކިތާބީ ހެކިތަކާމެދު ދެފަރާތުން ވާހަކަދެއްކުން
16 ޖޫން - 9:30 - ހުލާސާ ބަޔާން ހުށަހެޅުން
30 ޖޫން - 13:00 - ހުކުމް ކުރުން
ފުއްގިރި މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރަނީ، ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު "ކްރިކް" ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށެވެ.
އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.
އާރަށް މައްސަލާގައި ކުރާ ދައުވާގައި ބުނަނީ ރިސޯޓެއް ގޮތުގައި ތަރައްގީ ކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
އިތުރަށް ކިޔާލުމަށް:
- އާރަށް މައްސަލާގައި އެންމެ ފަހުން ބޭއްވުނު އަޑުއެހުުން
- ފުއްގިރި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުން












