އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބު އީގަލްސް އާއި މާޒިޔާ ކުޅުނު މެޗު 0-0 އިން އެއްވަރުވެ، ސެމީ ފައިނަލުގެ ފުރުސަތު އީގަލްސް އިން ބޮޑުކޮށްފި އެވެ.
ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވި އީގަލްސް އަށް މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު މިހާރުވަނީ ހަތް ޕޮއިންޓް ޕޮއިންޓް ލިބިފައެވެ. ގްރޫޕް އޭގެ އެއްވަނައިގައި އީގަލްސް އޮތްއިރު ދެވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދި މާޒިޔާ އެވެ. ފަސް ޓީމް ހިމެނޭ މި ގްރޫޕްގައި ބާކީ އޮތް ތިން ޓީމުގެ ތެރެއިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭއިން ވަނީ ދެ މެޗުން ތިން ޕޮއިންޓް ހޯދާފައެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެ ކްލަބް ގްރީން ސްޓްރީޓްސް އޮތީ ޕޮއިންޓެއް ނުލިބި މި ގްރޫޕްގެ އެންމެ ފުލުގަ އެވެ.
މިރޭގެ މެޗު ފަށައިގެން އީގަލްސް އިން ފެނުނީ ކުރީ މެޗުތަކެކޭ އެއްގޮތަށް ކުރިއަށް ޖެހިގެން ކުޅުނު ތަނެވެ. އަދި ފުރަތަމަ ހާފުގައި މާޒިޔާގެ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓަައިގެން އީގަލްސް އިން ކުޅުނެވެ. ނަމަވެސް މާ ނުރައްކާތެރި ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސް ނުކުރެވެ އެވެ.
މެޗުގެ އަށް ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އީގަލްސްގެ އިސްމާއިލް ސައިފް ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމުގެ މިޑްފިލްޑަރު ހަސަން ސަހާފް ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލާ އަމާޒު ނުވެ އަރިމަތިން ބޭރަށެވެ.
މި ހާފުގައި މާޒިޔާގެ އެޓޭކަށް ބަލާއިރު، މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަމަވެސް މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ފޯވާޑް ލައިން، އީގަލްސްގެ އެޓޭކް ހުއްޓުވުމުގައި މާޒިޔާ އިން މި މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

އީގަލްސް އާއި މާޒިޔާ މިރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ވަނަ ހާފުގައި މާޒިޔާ އިން އީގަލްސްގެ ގޯލާ އަމާޒުކޮށް މަދު ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން މެޗުގެ 52 ވަނަ މިނެޓުގައި މާޒިޔާގެ ޔޫޝައު ބިން އަލީ ނަޝީދު ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ޝައިހާން އަލީ ދިފާއުކުރި އެވެ. އަދި އޭގެ އިތުރުން މާޒިޔާ އިން ގޯލު ޖަހަން އީގަލްސްގެ އޭރިއާތެރެއަށް ނެގި ހުރަސްތައް ވެސް އެ ޓީމުގެ ކީޕަރު ޝައިހާން ވަނީ ހުށިޔާރުކަމާ އެކު އަތަށް ނަގައިފަ އެވެ.
އީގަލްސް އަށް ދެ ވަނަ ހާފްގައި ވެސް ދިމާވީ ފުރަތަމަ ހާފެކޭ އެއްގޮތަކަށެވެ. ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގޯލެއް ޖެހޭ ފަދަ ފުރުސަތެއް ތަނަވަަސްނުކުރެވޭ މައްސަލަ އެވެ.
މެޗުގެ 70 ވަނަ މިނެޓުގައި އީގަލްސްގެ އިބްރާހިމް ޝަރީފް މުހައްމަދު (އިއްބެ) ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ތާއިފް އަލީ ނަސީމް ދިފާއުކުރިއިރު، މެޗުގެ ފަހު ވަގުތު އީގަލްސްގެ މުހައްމަދު ރިޝާން ފޮނުވާލި ބޯޅަވެސް ކީޕަރު ތާއިފް ދިފާއުކުރި އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާގެ ޑިފެންޑަރު އަހުމަދު އުމޭސް އެވެ. އޭނާ ވަނީ އީގަލްސްގެ ހުނަރުވެރި ފޯވާޑް ލައިނުން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއް ދެން އޮންނާނީ އަންނަ ބުދަ ދުވަހުގެ ހަވީރެވެ. އެ މެޗުގައި މާޒިޔާ ނިކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ. އަދި އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީސް އާއި ސަސް ވާދަކުރާނެ އެވެ.













