މިއަދު ހުޅުވި ޖުވެނައިލް ޑިޓެންޝަން ސެންޓަރަކީ ކުށްކުރާ ކުދިންގެ މައްސަލަތައް ހައްލު ކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަސައްކަތެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ ކުޑަކުދިން ބައިތިއްބަން ކ. ހިންމަފުށީގައި ހަދަމުން އައި ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިންމުމަށްފަހު، އެއީ ކުޑަކުދިން ބައިތިއްބާ ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ހޯމް މިނިސްޓްރީއިން މިއަދު ވަނީ ރަސްމީކޮށް ކަނޑައަޅައިފަ އެވެ.
އެ ސެންޓަރު ހުޅުވުމަށްފަހު ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ކުޑަކުދިން ކުރާ ކުށްތަކަށް ހައްލު ގެނައުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަންދޭ މަސައްކަތެއް ކަމަށެވެ.
އެގޮތުން ކުޑަކުދިން ކުރާ ކުށްތަކަށް އެންމެ ބޮޑު ހައްލެއް ލިބިގެންދާނީ އެ ސެންޓަރުން ކަމަށާއި ކުށްކުރާ ކުދިންނަށް ރަނގަޅު ތަރުބިއްޔަތު ދެވި އަލުން މުޖުތަމައުއަށް ނެރުމަކީ އެންމެބޮޑު އަމާޒުކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ އުއްމީދަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރަށް ގެނެވޭ ކުދިންނަކީ ހެޔޮގޮތުގައި ރިހެބިލިޓޭޓް ކުރެވި, އަލުން އަނބުރާ މުޖުތަމައުއަށް ގެންދެވޭނެ ކުދިންނަށްވުން ކަމަށެވެ.

އެގޮތުން އެ ސެންޓަރުގެ އޮނިގަނޑު ރާވަނީ އެކުދިން އަނބުރާ މުޖުތަމައުއަށް ނެރުމަށް ވަށާޖެހޭ ނިޒާމެއް ގާއިމްކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބެހެއްޓުމަށް ހާއްސަ ޑިޓެންޝަން ސެންޓަރެއް ހެދީ، ކުރިން އެ ކުޑަކުދިން ބަހައްޓަނީ 18 އަހަރުން ދަށުގެ ކުޑަކުދިން ބެހެއްޓުމަށް އެކަށީގެންނުވާ ޖަލެއްގައި ކަމަށް އެޗްއާރްސީއެމުން އޮކްޓޯބަރު، 2021 ގައި ކަނޑައަޅާފައިވާތީ އެވެ. އެ ކޮމިޝަނުގެ ނިންމުމާއެކު މަރުގެ މައްސަލަތަކެއްގައި އައްސޭރި ޖަލުގައި ބަންދުކޮށްފައި ތިބި ފަސް ކުޑަކުދިން ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.
ކުޑަކުދިން ބޭތިއްވުމަށް ހަދާ ހާއްސަ ޖަލުގެ މަސައްކަތް މިދިޔަ ޑިސެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމައި ޖަލު ހުޅުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވެއެވެ. ނަމަވެސް އެތަނުގެ މަސައްކަތް ނިންމާލެވުނީ މިއަދަށެވެ.
ކުޑަކުދިން ބައިތިއްބަނީ އެކަށީގެންވާ ޖަލެއްގައި ނޫން ކަމަށް ކަނޑައެޅުމުން ގެއަށް ބަދަލު ކުރި ކުދިންގެ ތެރޭގައި މަރުގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި ކުދިން ހިމެނެ އެވެ. އޭގެ ތެރޭގައި މާލޭގައި ރަހީނުކޮށް 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ ހިމެނެ އެވެ.
އޭގެ އިތުރުން، ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާ ވެސް ގެއަށް ބަދަލު ކުރި އެވެ.













