ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ ކުޑަކުދިން ބައިތިއްބަން ކ. ހިންމަފުށީގައި ހަދަމުން އައި ޑިޓެންޝަން ސެންޓަރުގެ މަސައްކަތް ނިންމުމަށްފަހު، އެއީ ކުޑަކުދިން ބައިތިއްބާ ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ހޯމް މިނިސްޓްރީއިން މިއަދު ރަސްމީކޮށް ކަނޑައަޅައިފި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބެހެއްޓުމަށް ހާއްސަ ޑިޓެންޝަން ސެންޓަރެއް ހެދީ، ކުރިން އެ ކުޑަކުދިން ބަހައްޓަނީ 18 އަހަރުން ދަށުގެ ކުޑަކުދިން ބެހެއްޓުމަށް އެކަށީގެންނުވާ ޖަލެއްގައި ކަމަށް އެޗްއާރްސީއެމުން އޮކްޓޯބަރު، 2021 ގައި ކަނޑައަޅާފައިވާތީ އެވެ. އެ ކޮމިޝަނުގެ ނިންމުމާއެކު މަރުގެ މައްސަލަތަކެއްގައި ޖަލުގައި އައްސޭރި ޖަލުގައި ބަންދުކޮށްފައި ތިބި ފަސް ކުޑަކުދިން ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.
ކުޑަކުދިން ބޭތިއްވުމަށް ހަދާ ހާއްސަ ޖަލުގެ މަސައްކަތް މިދިޔަ ޑިސެމްބަރުގެ ނިޔަލަށް މަސައްކަތް ނިންމައި ޖަލު ހުޅުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވެ އެވެ. ނަމަވެސް އެތަނުގެ މަސައްކަތް ނިންމާލެވުނީ މިއަދަށެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން އެ ސެންޓަރު ބަލަހައްޓާނީ އެ ވުޒާރާގެ ދަށުގައި އޮންނަ ކަރެކްޝަން ސާވިސްއިން ނެވެ.
އަލަށް އިމާރާތް ކުރި ސެންޓަރު ފަރުމާކޮށްފައި ވަނީ އެ ކުދިންނަށް ތައުލީމް އުނގަންނަވައިދެވޭނެ ގޮތަށް ކްލާސްރޫމާއި ތަމްރީން ކޮޓަރިތަކާއި ވެސް އެކު އެވެ. ގިނަ ހިދުމަތްތަކާއި އެކު އެ ޖަލު ހަދާފައި ވަނީ ބައިނަލްއަގްވާމީ ފެންވަރަށެވެ.

މި ސެންޓަރުގައި ހުކުމުގައި ތިބި ކުދިންނާއި ޝަރީއަތް ނިމެންދެން ބަންދުކުރާ ކުދިން ވަކި ކުރުމަށް އެޗްއާރުސީއެފުން ކަރެކްޝަނަށް އަންގާފައި ވެއެވެ.
މިދިޔަ ބުދަ ދުވަހު މި ނޫހާ ވާހަކަ ދައްކަވަމުން އެޗްއާރުސީއުމުން ބުނީ ކަރެކްޝަންސްގެ އެދުމަށް ޖަލު އިންސްޕެކްޓު ކުރުމަށް ޑިސެމްބަރު 29، ގައި އެ ކޮމިޝަނުން ދިޔައިރު އެތަނުގެ ބައެއް މުހިންމު މަސައްކަތްތައް ނުނިމޭ ކަމަށެވެ.
ކުޑަކުދިން ބައިތިއްބަނީ އެކަށީގެންވާ ޖަލެއްގައި ނޫން ކަމަށް ކަނޑައެޅުމުން ގެއަށް ބަދަލު ކުރި ކުދިންގެ ތެރޭގައި މަރުގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި ކުދިން ހިމެނެ އެވެ. އޭގެ ތެރޭގައި މާލޭގައި ރަހީނުކޮށް 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާ ހިމެނެ އެވެ.
އޭގެ އިތުރުން، ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާ ވެސް ގެއަށް ބަދަލު ކުރި އެވެ.













