ޕްރެޒިޑެންޓްސް ކަޕަށް ފަހު މިހާރު ކުރިއަށްދާ ޓްރެއިނިންތަކަކީ ދެން ގައުމީ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރާއިރު ފަސޭހައެއްގެ ގޮތުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
މޮރިއޭރޯ އާއި ގައުމީ ޓީމުގެ އާ އެސިސްޓަންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އަންނަނީ ސްކޮޑެއް ނަގައިގެން ޕްރެކްޓިސްތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި ކުރިން ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންނާއި ފަހުގެ ތާރީހުގައި އަލަށް ޓީމާ ގުޅުނު ކުޅުންތެރިން ހިމެނެ އެވެ. އަދި މުޅިން އަލަށް ގައުމީ ޓީމަށް ނެގި ކުޅުންތެރިން ވެސް އަންނަނީ ޓްރެއިނިންގައި ބައިވެެރިވަމުންނެވެ.
މިހާރު ކުރިއަށްދާ ފަރިތަކުރުންތަކާ ބެހޭގޮތުން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން މޮރިއޭރޯ ބުނީ މިހާރު ކުރަމުން މި އަންނަ މަަސައްކަތަކީ ކުޅުންތެރިން ދަސްކުރުމުގެ މަރުހަލާއެއް ކަމަށެވެ.
"މިހާރު ޓްރެއިނިންގައި މިތިބި ބައެއް ކުޅުންތެރިންނަކީ އަހަންނާ އެކު އެންމެ ފަހުން މުބާރާތު (ފޯ ނޭޝަންސް ކަޕް)ގައި މަސައްކަތް ކުރި ކުޅުންތެރިން. ދެން އަހަރެން ނަގާފައި މި ތިބި ކުޅުންތެރިންނަކީ ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިން. އެ މީހުންނަކީ ކުރިން ގައުމީ ޖޯޒީގައި ކުޅެފައި ތިބި ކުޅުންތެރިން. އަހަރެން ރަނގަޅު ޓީމެއް އެކުލަވާލަންޏާ އެބަޖެހޭ ރަނގަޅަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ދަސްކުރަން،" މޮރިއޭރޯ ބުންޏެވެ.
މި ފަހަރު ޓްރެއިނިންއާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ)، ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އާއި މުހައްމަދު ސާއިފް ހިމެނެ އެވެ. އަދި އޭގެ އިތުރުން ދާދި ފަހުން ގްރީން ސްޓްރީޓްސް ދޫކޮށް ވެެލެންސިއާ އަށް ބަދަލުވި އަބްދުﷲ ޔާމީން (ޔާނު)، މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފާއި ޑިފެންޑަރު ހަސަން ޝިފާޒް (ޑުންގާ) އަދި ވެލެންސިއާ އަށް ބަދަލުވެ، މި ފަހަރު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ހިމެނެ އެވެ.
މޮރިއޭރޯއާ އެކު މިހާރު ކުރިއަށްދާ ޓްރެެއިނިން ސެޝަން ދެން ލީޑުކުރަނީ އެސިސްޓަންޓް ކޯޗު ސިމާއޯ އެވެ. ސިމާއޯ ކޯޗިން ޓީމާ ގުޅުމަކީ މޮރިއޭރޯ އަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. މޮރިއޭރޯ ބުނީ ސިމާއޯ އަކީ ޓެކްޓިކަލީ މޮޅު އުއްމީދީ މަސައްކަތްތަކެއް ކުރާ މީހެއް ކަމަށާއި ރާއްޖޭގެ ގައުމީ ޓީމުގައި ސިމާއޯ އަށް ރަނގަޅު ކަންތައްތަކެއް ހާސިލްކުރެވިދާނެ ކަމަށެވެ.
"ސިމާއޯ އާއި އަަހަރެން ރާއްޖޭގެ ފުޓްބޯޅައިގެ ވަރަށް ގިނަ ގުނަ ކަންކަން ޕްރެޒިޑެންޓްސް ކަޕާއި ޓީމުތަކުގެ ޓްރެއިނިން ބަލައިގެން އެބަ ދެނެގަންނަން. މި ވަގުތަށް ވެސް ފެނުނު އެންމެ މުހިންމު ކަމަކީ ފިޒިކަލީ މި ކުޅުންތެރިން ރަނގަޅުކުރަން ޖެހޭކަން. ދިވެހި ކުޅުންތެރިންގެ ހުނަރާއި އެހެނިގެން ކަންކަން ވަރަށް ރަނގަޅު. ބޭނުންވަނީ ފޯކަސް ކޮށްގެން މެޗަކަށް ތައްޔާރުވާން ޖެހޭ ލެވަލަކަށް އެކަންކަން ފުރިހަމަކުރަން،" އިޓަލީގެ ޓީމުތަކަށް މީގެ ކުރިން ކޯޗުކޮށްދިން މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯ ބުނީ ޒުވާން ކުޅުންތެރިންނަށް ވެސް އޭނާގެ ޓީމުން ފުރުސަތު އޮންނާނެ ކަމަށެވެ.
"އެބަތިބި ޒުވާން ކުޅުންތެރިން. ޓްރެއިނިންގައި އެ ކުދިން އެ ކުރާ ލެވަލަށް މަސައްކަތް ކޮށްފިއްޔާ. ދެން އެކުލަވާލެވޭ ގައުމީ ޓީމެއްގައި އެ ކުޅުންތެރިން ހިމެނޭނެ،" މޮރިއޭރޯ ބުންޏެވެ.
މި ވަގުތު ޓްރެއިނިންތައް ކުރިއަށް ގެންދަނީ ގައުމީ ޓީމެއް ފައިނަލް ވެގެން ނޫން ކަމަށާއި އަނިޔާގެ ސަބަބުން ޓީމާ ދުރުގައި ވެސް މުހިންމު ކުޅުންތެރިންތަކެއް ތިބިކަން މޮރިއޭރޯ ފާހަގަކުރި އެވެ. އަދި ގައުމީ ޓީމެއް އެކުލަވާލުމުގައި މިހާރު މި ބާއްވާ ޓްރެއިނިންތަކުގެ އިތުރުން އަންނަ ހަފްތާގައި ފަށާ ދިވެހި ޕްރިމިއާ ލީގަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.
ގިނަ ކްލަބްތަކުން ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު ގޮތަށް ބަލާއިރު، ފެނިގެންދިޔައީ ލީގަށް ތައްޔާރުވާން ބޭނުންކުރި މެޗުތަކެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ބޭނުންވާ ލެވަލްގެ ފުޓްބޯޅަ މެޗުތަކެއް ކުރިއަށް އޮތް ލީގުގައި ފެނިގެންދާނެ ކަމަށް މޮރިއޭރޯ ގަބޫލުކުރެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަން އޭނާއާ ހަވާލުކުރީ ވަރަށް މުހިންމު މަސައްކަތެއް ކުރަން ކަމަށާއި އެކަންކަން ކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.













