ގަލޮޅު ޕޮލިސް ސްޓޭޝަން ކައިރީގައި ހުރި, ކުރިން ފްލޫ ކްލިނިކް ހިންގި އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
މާލޭ ހިޔާ ފްލެޓްތައް ކައިރި ހުރި މި އިމާރާތުގައި އަލިފާން ރޯވެ އަނދަން ފެށި ކަމުގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު މެންދުރު 14:47 އެވެ.
މި މައްސަލަ ރިޕޯޓުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްއިން ވަނީ އެ ސަރަހައްދަށް ގޮސް އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ އެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި އިމާރާތުގައި ރޯވި އަލިފާންގަނޑު 15:02 ގައި ވަނީ ކޮންޓްރޯލުކުރެވިފަ އެވެ. އަލިފާންގަނޑު ކޮންޓްރޯލްވިއިރު އިމާރާތުގެ ބޮޑު ބައެއް ވަނީ އަނދާފަ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މާލެ ހިޔާ ދެއަކާއި ފުލުހުންގެ ޓޯޔާޑާ ދެމެދު ހުންނަ ބިމުގައި އިމާރާތްކޮށްފައިވާ މިތަން ކެމްޕޭނު ޖަގަހައެއްގެ ގޮތުގައި ވެސް މީގެ ކުރިން ބޭނުންކޮށްފައިވެ އެވެ. އޭރު އެތަނަށް ދީފައިވާ ނަމަކީ ރުމާލު ދެއެކެވެ.
މާލޭގައި ކޮވިޑު ފެތުރެން ފެށި, ދެވަނަ ރާޅުގެ ތެރޭގައި މި އިމާރާތް ބޭނުންކޮށްފައި ވަނީ ފްލޫ ކްލިނިކްއެއްގެ ގޮތުގަ އެވެ. އޭގެފަހުން އެތަން ހުރީ ހުސްކޮށް ދޫކޮށްލާފަ އެވެ. އޭގެ ސަބަބުން އެތަން ބޭނުން ކުރަމުން ދިޔައީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އައްޑާއެއްގެ ގޮތުގަ އެވެ.
މަސްތުވާތަކެއްޗާއި ރާހުސްކުރި ފުޅިތައް އެތަނުގެ ތެރޭގައި ހުރެ އެވެ.













