ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބޭނުންވާތީ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް އާ ކުޅުންތެރިންތަކެއް ލައިގެން ޓްރެއިނިން ސެޝަންތަކެއް ފަށައިފި އެވެ.
ނޭޕާލާ ދެކޮޅަށް އެކުވެެރިކަމުގެ ދެ މެޗެއް ކުޅެން ރާއްޖެ އަށް ފުރުސަތު ލިބުނު ނަމަވެސް ދަތުރު ފަތުރުކޮށްގެން ކުޅެން މި ދުވަސްވަރު ހުރި ދަތިތަކުގެ ސަަބަބުން އެ މެޗުތައް ކުޅެވޭގޮތްނުވި އެވެ. އެހެންވެ، ދާދި ފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕްގެ ހުރިހާ މެޗަކާއި ކްލަބްތަކުގެ ގިނަ ޓްރެއިނިން ސެޝަންތަކެއް ބެލުމަށް ފަހު ގައުމީ ކޯޗު މޮރިއޭރޯ މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގެ ބޭނުންހިފަން ނިންމީ ޓްރެއިނިން ސެޝަންތަކެއް ކުރިއަށްގެންދާ ގޮތަށެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން އިއްޔެ ހަވީރު ފެށި ޓްރެއިނިން ސެޝަންތަކުގައި ގައުމީ ސްކޮޑުގައި ކުރިން ނެތް ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.

އިއްޔެގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު މޮރިއޭރޯ.-- ފޮޓޯ: އެފްއޭއެމް
މި ފަހަރު ޓްރެއިނިންއާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ)، ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އާއި މުހައްމަދު ސާއިފް ހިމެނެ އެވެ. އަދި އޭގެ އިތުރުން ދާދި ފަހުން ގްރީން ސްޓްރީޓްސް ދޫކޮށް ވެެލެންސިއާ އަށް ބަދަލުވި އަބްދުﷲ ޔާމީން (ޔާނު)، މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފާއި ޑިފެންޑަރު ހަސަން ޝިފާޒް (ޑުންގާ) އަދި ވެލެންސިއާ އަށް ބަދަލުވެ، މި ފަހަރު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ހިމެނެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، "އަދަދު" އަށް ވިދާޅުވީ މިއީ ގައުމީ ސްކޮޑުގައި ތިބި ބައެއް ކުޅުންތެރިންނާއި އާ ކުޅުންތެރިންނާ އެކު ކޯޗު މޮރިއޭރޯ ބޭނުންވާތީ ގާތްގަނޑަކަށް ހަފްތާއެއްހާ މުއްދަތަށް ގެންދާ ޓްރެއިނިންތަކެއް ކަމަށެވެ.
އަދި މިއީ އޮފިޝަލް ސްކޮޑު ނެގީ ނޫން ކަމަށް ވެސް ޖަވާ ވިދާޅުވި އެވެ.
އިއްޔެ ޓާފް ދަނޑުގައި ކުރިއަށްގެންދިޔަ ޓްރެއިިނިން ސެޝަނަކީ ކޯޗު މޮރިއޭރޯ ދާދި ފަހުން ގެނައި އާ އެސިސްޓަންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ ގުޅުނު ފަހުން ބޭއްވި ފުރަތަމަ ޕްރެކްޓިހެވެ. ފުރަތަމަ ޓްރެއިނިން ސެޝަނާ ބެހޭގޮތުން ސިމާއޯ އޭނާގެ ސޯޝަލް މީޑިއާގައި ލިޔެފައިވަނީ ރާއްޖޭގެ ޓީމާ އެކު މަސައްކަތްކުރަން ފުރުސަތު ލިބުން ދެކެނީ ފަހުރެއްގެ ގޮތުގައި ކަމަށެވެ.

އިއްޔެގެ ޕްރެކްޓިސްގެ ތެރެއިން އެސިސްޓަންޓް ކޯޗު ސިމާއޯ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: އެފްއޭއެމް
ގައުމީ ކޯޗު މޮރިއޭރޯގެ ޕްރެކްޓިހަށް ކްލަބްތަކުން ރިލީސްކޮށްފައިތިބި ކުޅުންތެރިންނަށް ދެން ކްލަބްގެ ޓްރެއިނިންތަކުގައި ބައިވެރިވެވޭއިރު އޮންނާނީ ސީޒަން ފަށަން ހަފްތާއަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފަ އެވެ.
ގައުމީ ކޯޗު ނެގި ޓްރެއިނިން ސްކޮޑު:
މާޒިޔާ: ސަމޫހު އަލީ (ސަމުއްޓޭ)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، އަކުރަމް އަބްދުލް ގަނީ (އަކޫ)، ހައިޝަމް ހަސަން (ބިޑި)، މުހައްމަދު އިރުފާން (އިރޭ)، ހަސަން ޝިފާޒް (ޑުންގާ)، ނާއިޒު ހަސަން (ދާދު)، ހުސެއިން ޝަރީފް (ހުސެން)، ހުސެއިން ނިހާން (ނިހާޓް)
ގްރީން ސްޓްރީޓްސް: ރިލްވާން ވަހީދު (ރިލޭ)، ހަސަން ނަޒީމް ގާސިމް (ޗޯޓު)، މުހައްމަދު ސާއިފް
ވެލެންސިއާ: އަބްދުﷲ ޔާމީން (ޔާނު)، އަލީ ފާސިރު (ސެންޓޭ)، އަމްދާން އަލީ (އެންޑީ)، މުހައްމަދު ފައިސަލް
ކްލަބް އީގަލްސް: ހަސަން ރާއިފް އަހުމަދު (ހަންނަ)، އަހުމަދު ނޫމާން (ހެލްމެޓު)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް): މުހައްމަދު ޝަފީއު (ޗެކް)، ޔޫސުފް މީސަމް އަބްދުﷲ
ޔުނައިޓެޑް ވިކްޓްރީ: އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަލީ ހައިޝަމް (ޗުމްޕު)
މި ވަގުތު ބައެއް ކުޅުންތެރިން އަނިޔާގައި ހުރުމާއި ޓްރެއިނިންތައް ކުރިއަށްދާ ގޮތުން އިތުރު ކުޅުންތެރިން ޓްރެއިނިން އަށް ނެގުމުގެ ވިސްނުން ކޯޗު ގެންގުޅެ އެވެ. އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި، ސެންޓޭ އާއި ސަމުއްޓޭ ހިމެނެ އެވެ.













