ސްރީ ލަންކާގައި މި ހަފްތާ ބަންދުގައި ބާއްވާ ރެޑްބުލް މައި ވޭވް އިންޓަނޭޝަނަލް ސާފިން މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ސީނިއާ ގައުމީ ސާފިން ޓީމު މިއަދު ފުރައިފި އެވެ.
މި މުބާރާތުގައި ވާދަކުރާ ސީނިއާ ސާފިން ޓީމުގައި ހިމެނެނީ މިދިޔަ ނޮވެމްބަރު މަހު ގައުމީ ސާފިން މުބާރާތުގައި އެކުލަވާލި ޓީމެވެ. އެ ހަތަރު ސާފަރުންނަކީ އިސްމާއިލް ރަަޝީދު (ސްމައިލީ)، ހޫދު އަހުމަދު، އަހުމަދު އާގިލް (އަައްމަޑޭ) އަދި ނަޖާހު އަހުމަދު އެވެ.
ރެޑްބުލް ސްރީލަންކާ އިން ހިއްކަޑުވާގައި މި މުބާރާތް ކުރިއަށްގެންދާނީ އަންނަ ހޮނިހިރާއި އާދިއްތަ ދުވަހު އެވެ. މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ވަނީ މި މުބާރާތުގައި ބައިވެރިވާން ޔޫތު މިނިސްޓްރީން ދިން ސަޕޯޓަށް ޝުކުރު އަދާކޮށްފަ އެވެ.
ގައުމީ ސީނިއާ ސްކޮޑުގައި ތިބި ސާފަރުންނަށް ބަލާއިރު، ގައުމީ ޗެމްޕިއަންކަން ހޯދި ހޫދުގެ އިތުރުން ސްމައިލީ އާއި ނަޖާހު ނިސްބަތްވަނީ ގދ. ގައްދޫ އަށެވެ. ސާފިން އަށް ލޯބިކުރާ ގިނަ ޒުވާނުންތަކެއް ދިރިއުޅޭ ގައްދޫގެ ގިނަ ރާޅާއެޅުންތެރިން ދާދި ފަހުން ބޭއްވި ގައުމީ މުބާރާތުގައި ވާދަކޮށް ރަނގަޅު ވަނަތަކެއް ވެސް ހޯދި އެވެ. ގައުމީ މުބާރާތުގެ ރިހި މެޑަލް ހޯދީ ވެސް ގައްދޫ ޓީމުންނެވެ.
ގައްދޫގެ ތިން ރާޅާއެޅުންތެރިންގެ އިތުރުން ދެން ގައުމީ ޓީމުގައި ހިމެނޭ އައްމަޑޭ އަކީ ކ. ތުލުސްދޫގެ ރާޅާއެޅުންތެރިއެކެވެ. ރާޅާއެޅުމުގައި ގިނަ އަހަރުތަކެއް ހޭދަކުރި އައްމަޑޭ ވަނީ މިދިޔަ އަހަރުތަކުގައި ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ.
ސާފިން އެސޯސިއޭޝަންގެ ޓާގެޓަކީ މި އަހަރު ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅު ހިސާބަކަށް ދާން ލަންކާ މުބާރާތުގެ ބޭނުން ވީ އެންމެ ބޮޑަށް ހިފުމަށެވެ. ތަމްރީން ހޯދުމާއި ތަޖުރިބާ އަށް ބަލާއިރު ލަންކާ މުބާރާތުގެ ބޭނުންހިފޭނެ ކަމަށް ސާފިން އެސޯސިއޭޝަނުން ގަބޫލުކުރެ އެވެ.












