ސެވިލް، ސްޕެއިން (ޖެނުއަރީ 26) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލް ލޯން އުސޫލުން ސްޕެއިނުގެ ސެވިއްޔާ އަށް ބަދަލުވެއްޖެ އެވެ.
އުމުރުން 26 އަހަރުގެ މާޝިއަލް ހޯދަން ސެވިއްޔާ އިން މިދިޔަ އަހަރު ވެސް މަސައްކަތްކުރި އެވެ. އެކަމަކު، އޭރު ޔުނައިޓެޑްގެ ކޯޗަކަށް ހުރި އޮލެ ގުނަ ސޯލްޝެއާ ވަނީ މާޝިއަލް ދޫކޮށްލަން ދެކޮޅު ހަދައިފަ އެވެ. މާޝިއަލް، ސެވިއްޔާއާ ގުޅުނުއިރު، ލޯން ފީއެއް ދައްކަން ނުޖެހޭނެ އެވެ. އަދި ލޯންގެ މުއްދަތު ހަމަވުމުން ދާއިމީ ކުރެވޭ ގޮތަށް އެއްބަސްވެފައި ނުވާއިރު، ސެވިއްޔާ އިން މި ޑީލްގައި ކުރަން ޖެހޭނެ ކަމަކީ ޔުނައިޓެޑުން ދެމުން އައި ފުލް މުސާރަ މާޝިއަލް އަށް ދިނުމެވެ. އެއީ ހަފްތާ އަކު 338،000 ޑޮލަރެވެ.
ސެވިއްޔާ އިން މާޝިއަލް އެ ޓީމަށް ސޮއިކުރި ފޮޓޯއަކާ އެކު ސޯޝަލް މީޑިއާ އަށް ދޫކޮށްލި ލިޔުމުގައި ބުނެފައިވަނީ މިއީ އެ ކްލަބްގެ 132 ވަނަ އަހަރީ ދުވަހު ސަޕޯޓަރުންނަށް ދިން ހަދިޔާއެއް ކަމަށެވެ.

ފްރާންސްގެ މޮނާކޯ އިން 2015 ވަނަ އަހަރު މާޝިއާލް ޔުނައިޓަޑަށް ބަދަލުވީ 48 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގަ އެވެ. މިހާތަނަށް ޔުނައިޓަޑަށް ކުޅުނު 174 މެޗުގައި އޭނާ ވަނީ 56 ލަނޑު ޖަހައިފަ އެވެ.
މި ސީޒަނުގައި މާޝިއަލް ޔުނައިޓެޑަށް ކުޅުނު 11 މެޗުން ޖެހުނީ އެންމެ ލަނޑެކެވެ. އެއީ އޮކްޓޫބަރު މަހު އެވަޓަން ކޮޅަށެވެ. އެންމެ ފަހުން ޔުނައިޓެޑުން ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރި މެޗުގައި މާޝިއަލް ވަނީ ބަދަލެއްގެ ގޮތުގައި ކުޅެން އަރައި ރަނގަޅު ކުޅުމެއް ދައްކައި ޓީމު މޮޅުކޮށްދޭން އެހީތެރިވެދީފަ އެވެ.
ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނީ މާޝިއަލް ދޫކޮށްލީ އޭނާ ވެސް އެ ގޮތަށް ބޭނުންވާތީ ކަމަށެެވެ. މާޝިއަލް އަކީ ދުނިޔޭގެ ލެވަލަށް ބަލާއިރު ވެސް ހުނަރުވެރި ފޯވާޑެއް ކަމަށާާއި ޔުނައިޓެޑްގައި އޭނާ އަށް މުސްތަގުބަލު އެބައޮތް ކަމަށް ރަންގްނިކް ވަނީ ބުނެފަ އެވެ.
ސެވިއްޔާ މި ވަގުތު އޮތީ ސްޕެނިޝް ލީގުގެ ދެ ވަނައިގަ އެވެ. އެ ލީގުގައި ބާކީ 16 މެޗު އޮތްއިރު، އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ސެވިއްޔާއާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.












