ފޮންޏަކަށް ނޫނެވެ. ތުޅާދޫ އަސުރުމާގޭ އިބްރާހިމް ޒުބައިރަކީ އެރަށަށް ލިބުނު ޖަވާހިރެކެވެ. އޭނާ އާއި އޭނާގެ ބޭބެ، މަރުހޫމް އަލީ އުމަރަކީ ތުޅާދޫ އިން މި ފަހުން އުފެދުނު އެންމެ ހުނަރުވެރި އެއް ގެ އެއްގެ ދެބެއިންނެވެ. ލިޔެލާ ޖެހުމުގެ އާއިލާ އަކަށް އުފަންވި މި ދެބެއިން، އެ ރޮނގުން ދަސްނުކުރާ އުކުޅެއް ހުނަރެއް ނެތެވެ. ޒުބައިރަކީ އޭނާއަށް ލިބިފައިވާ އާދަޔާ ހިލާފު މޮޅު ލިޔެލާ ޖެހުމުގެ ހުނަރާއި، ހިރިގަލުގައި ކަނޑައި ނަގައިގެން ކުރެހުމުގެ ހުނަރާއި، އެ ދެ ދާއިރާއިން ކުރި ރީތި، ގިނަ ހިދުމަތްތަކުގެ ސަބަބުން 2016 ވަނަ އަހަރު ސަރުކާރުން ޝަރަފުވެރިކަމުގެ އެވޯޑު ވެސް ދީފައިވާ މަޝްހޫރު މޮޅު ފަންނުވެރިއެކެވެ.
1997 ވަނަ އަހަރު އަތު މަސައްކަތާއި، އަތްތެރި މަސައްކަތުގެ މައުރަޒުގައި އޭނާ ހިމެނި، ފަސް ވަރަކަށް ފޫޓުގެ ހިތްގައިމު އުނދޯލީގެ ތައުރީފަށް އެކަނި މި އާޓިކަލް ހުސް ކުރިޔަސް ހައްގު ތައުރީފު ދިނުމަށް ނުކުޅެދިދާނެ އެވެ. ލިޔެލާއިން ކުރަހައި ޖަރީކޮށްފައިވާ އެ އުނދޯލީގައި ލޮލަކަށް އައިބެއް ނެތެވެ. އެހާ ވެސް ފުރިހަމަ އެވެ.
އެހެންވީމަ، ޒުބައިރުގެ ހުނަރުވެރިކަމުގެ ވާހަކަ ފަށައިގެން ކިޔައިދޭން އުޅެފިނަމަ މި އާޓިކަލް މާ ދިގުލައިގެން ހިނގައިދާނެ އެވެ. ޒުބައިރުގެ ލިޔެލާޖެހުމުގެ ހުނަރާއި މަސައްކަތްތަކުގެ ވާހަކަ އަދި އެހެން އާޓިކަލް އެއްގައި ގެނެސްދޭނަމެވެ. މި އާޓިކަލް ގައި މި ހިމަނާލަނީ އޭނާގެ މުޅިން އެހެން ޝައުގުވެރިކަމެއްގެ ވާހަކަ އެވެ.

ޒުބައިރު އޭނާގެ ކަލެކްޝަނުގައި ހިމަނާފައިވާ ތަކެއްޗާ އެކު: އެ ތަކުގައި ބޮަޑަށް ހުރީ ތުޅާދޫގެ ތާރީހީ ތަކެއްޗާއި ލިޔެލާ ޖެހުމުގެ ދާއިރާގެ އެކި މަސައްކަތް ފެންނަ ތަކެތި

މިއީ ފަސްދޮޅަހުން މަތިވެފައިވާ ޒުބައިރު، އޭނާގެ އުމުރުން ދިހަ ވަރަކަށް އަހަރުގައި އެއްކުރަން ފެށި ތުޅާދޫގެ ތާރީހީ ކަލެކްޝަނާއި އެތަނުގައި ވީ ހާއްސަ ތަކެއްޗާއި އެތަކެތީގެ ބައެއް ވާހަކަތަކެވެ.
އަސުރުމާގޭ ކުޑަ ކޮޓަރިއެއް ގައި ޒުބައިރު ގެންގުޅޭ ކަލެކްޝަނުގައި ގިނައީ ތުޅާދޫގެ އިހުގެ ދިރިއުޅުމުން ސަލާމަތްކޮށްގެން ގެނެސްފައިވާ ތަކެއްޗެވެ. ދެން މުޅިންހެން ހުރީ ލިޔެލާ ޖެހުމުގެ ދާއިރާއިން ޒުބައިރާއި އޭނާގެ ބޭބެ އާއި ކާފަ ކޮށްފައިވާ އެންމެ އަގުހުރި ރީތި މަސައްކަތްތަކެވެ.

1999 ވަނަ އަހަރުގެ އަތްތެރި މަސައްކަތުގެ މައުރަޒުގައި ޒުބައިރު ހިމެނި އުނދޯއްޔާއި އޭނާގެ އާއިލާގެ ބައެއް ލިޔެލާޖެހުމުގެ މަސައްކަތްތައް: ޒުބައިރަކީ އޭނާގެ އުފެއްދުންތަކުގައި "މިރާ އެިފެކްޓް" ގެންނަ ފުރިހަމަކަމުން މީހުން އާސޯހުކޮށްލާ ފަންނުވެރިއެއް

ތުޅާދޫގެ އިހުގެ ގެތަކުން ހޮވައިގެން ގެނެސް ޒުބޭރު ރައްކާކޮށްފައިވާ ބައެއް ގޭތެރޭ ހިފައިގެންގުޅޭ ސާމާނު އަދަދު ފޮޓޯ/އާއިމް ޒަމީރު
"އުނދޯލި ވެސް މިތަނުގައި ރައްކާކޮށްފައި މި ހުރީ ކިތަންމެ ބޮޑު އަގެއް ކިޔަސް ވިއްކާލަން ބޭނުންނުވާތީ. މި ކަލެކްޝަނުގެ އަސްލު ބޭނުމަކީ ތުޅާދޫގެ ލިޔެލާ ޖެހުމުގެ ތާރީހު ފަހުގެ ޖީލުތަކަށް ގެންގޮސްދިނުން. ހަމަ އެއާއެކު ރަށުގެ އިހުގެ ދިރިއުޅުމުން ވެސް ކަންތައްތަކެއް ފަހުގެ ޖީލަށް ގެންގޮސްދިނުން،" ޑެގެއް އަޅާފައިވާ އެ ރޫމުގައި ބަހައްޓާފައި ހުރި ތަކެތިން ފަހަރަކު އެއްޗެއް ނަގަމުން ދައްކަމުން ޒުބައިރު ކިޔައިދިނެވެ.

ޒުބައިރު އަމިއްލަ އަށް ލިޔެލާއިން ކުރަހައި ޖަރީކޮށްފައިވާ ރީތި އުނދޯލި: މި އުނދޯލީގެ ކުރެހުންގަނޑުގައި އެވާ ހުރިހާ މަލެއް ކުަރަހާފައިވަނީ ފަހަރަކު މަލެއް ވަކިން. އެކަމަކު އެއްގޮތަކަށް އެއް ސައިޒަކަށް ހުރި އެ ހުރިހާ މަލަކަށް ބަލައިލުމުން ހީވަނީ ޕްރިންޓް ޑިޒައިނެއް ހެން. އަދަދު ފޮޓޯ/އާއިމް ޒަމީރު
އެތަނުގައި 1950 އަށް ވުރެ ކުރީގެ މަލާފަތެއް ވެސް އެބަ ހުއްޓެވެ. ޒުބައިރު ބުނި ގޮތުގައި އެ މަލާފަތުގެ އަސްލު އުމުރު އޭނާއަށް ބުނެދޭން ނޭނގުނަސް، އެއީ އޭނާގެ ކާފަގެ ކުރީގެ މަސައްކަތަކަށް ވުމުން އޭގެ އުމުރު ފުދޭ ވަރަކަށް މަތިވާނެ އެވެ.
ޒުބައިރު ބުނިގޮތުގައި ތާރީހީ އެއްޗެހި އެއްކުރުމަކީ ވަރަށް ހަގު އުމުރުގައި އުފެދުނު ޝައުގުވެރިކަމެކެވެ. ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގައި ހިފާލި އެ ފޯރިގަނޑުގައި އެންމެ ފުރަތަމަ ހޮވައިގެން ފޮރުވީ 1965 ވަނަ އަހަރު އެ އަތޮޅު ގޮއިދޫ އިން ގެނައި ބޮޑު މަހުގެ މައިބަދައިގެ ބޮޑު އެއް ބަދަ އެވެ. އޭތި ރަށަށް ގެނެސްގެން ފުރަތަމަ ބޭނުންކުރީ މަތިގައި ގޯންޏެއް އަޅައިގެން އިށީންނަ ގޮނޑިއެއްގެ ގޮތަށެވެ. ޒުބައިރު އޭތި ހޮވައިގެން ގެނެސް ރައްކާކުރި ގޮތަށް އަދިވެސް އޭތި އެބައޮތެވެ.

އަތްތެރި މަސައްކަތްތެރިކަމުގެ ރޮނގުން ކުރާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން 2016 ވަނަ އަހަރު ސަރުކާރުން ޒުބައިރަށް ދިން ޝަރަފުވެރިކަމުގެ އެވޮޑު ރަމްޒުކޮށްދޭ ތަށި ފޮޓޯ/އާއިމް ޒަމީރު
ފަންސާހަކަށް އަހަރު ކުރިން އައްޑު އަތޮޅު ގަމުން ޒުބައިރުގެ ކާފަ ގެނައި ތިން ރޭޑިއޯ ވެސް ހިމެނޭ އެ ކަލެކްޝަންގެ އެންމެ ޒަމާންވީ އެއްޗެއް ކަމަށް އޭނާ ގަބޫލުކުރަނީ ހައިވަކަރު ފޮއްޓެކެވެ. އެރަށުގައި ކުރިން ހުރި "މަގާމްފުޅު"ން ހޮވައިގެން ގެނައި އެ ފޮއްޓަކީ ބެލެވޭ ގޮތުގައި 200 ވަރަކަށް އަހަރު ވީ ފޮއްޓެއް ކަމަށް ޒުބައިރު ބުންޏެވެ. އެ ފޮށި ގެނައި އިރު އޭގެ ތެރޭގައި ކުޑަ ހަތިމެއް ވެސް އޮތެވެ. އަދިވެސް އެ ހަތިމް އެ ފޮށީގައި ބާއްވާފައި އެބަ އޮތެވެ.

ތުޅާދޫ އިހުގެ މަގާމްފުޅުން ހޮވައިގެން ގެނައި ހައިވަކަރު ފޮއްޓާއި ރަށުގައި އިހު ދުއްވި އޮޑި ފަހަރުގެ ނަކަލުތަކާއި ޒުބައިރުގެ ކާފަގެ ޒަމާނުގެ ބައެއް ލިޔެލާ މަސައްކަތްތައް އަދަދު ފޮޓޯ/އާއިމް ޒަމީރު
"މިހާރު ވަރަށް އުފާވޭ މިކަން ކުރެވުނީތީ. ސަބަބަކީ ރަށަށް އަންނަ ބޭރު މީހުން ވެސް ވަރަށް ޝައުގުވެރިކަން ހުރޭ ދުވަސްވީ މިކަހަލަ އެއްޗެހި ބަހައްޓާފައި ހުންނާތީ،" ޒުބައިރު ބުންޏެވެ.
އޭނާ ބުނީ ތުޅާދޫ އާއި ދުރު ރަށްރަށުން ވެސް މީހުން އޭނާގެ ކަލެކްޝަން ބަލައިލަން އަންނަ ކަމަށެވެ. އެ ރަށަށް ކައިރިކުރާ މަސް ދޯނިތަކުގެ މީހުން ވެސް ވަރަށް ޝައުގުވެރިވެގެން އަންނަ ކަމަށް ބުންޏެވެ.
"އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ މިތަކުގައި ބަހައްޓާފައި ހުރި އެއްޗެހީގެ ތެރެއިން ވެސް ލިޔެލާގެ ހާއްސަ މަސައްކަތްތަކެއް ހުރީމަހެން ބޮޑަށް ޝައުގުވެރިވަނީ. އެއީ މަދުން ނުނީ މިގޮތަށް އެއްތަނަކުން މިހާ ކޮލިޓީ ލިޔެލާގެ މަސައްކަތްތަކެއް މީހުންނަކަށް ނުފެންނާނެ،" ޒުބައިރު ބުންޏެވެ.

ޒުބައިރުގެ ކަލެކްޝަނުގައި ލިޔެލާގެ އުނދަގޫ ކަވި މަސައްކަތްތަކެއް ހިމަނާފައި އެބަހުރި: ކަލެކްޝަން ބަލަން އަންނަ މީހުން ފޮޓޯ ނަގައިގެން ގޮސް އެ ޑިޒައިންތައް ކޮފީކުރާ ކަމުގެ ކަންބޮޑުވުން ފާޅުކުރި
އާއިލާގެ ތާރީހީ މަސައްކަތްތަކާއި ރަށުގެ އިހުގެ ގެ ތަކުން ހޮވައިގެން ގެނެސް ބަހައްޓާފައިވާ ތަކެތީގެ އިތުރަށް، ތުޅާދޫ މީހުން އިހުގައި ކަނޑު ދަތުރުކުރި ގޮތް ތަމްސީލުކޮށްދޭ ނަކަލު އޮޑިފަހަރުތަކެއް ވެސް ޒުބައިރުގެ ކަލެކްޝަނުގައި ހިމެނެ އެވެ.
"މިހާރު ކަލެކްޝަން މި ރޫމަށް ނުކަތާ ވަރަށް ބޮޑު ވެއްޖެ. ހިޔާލުގައި މިހާރު ހުރީ ޝޯރޫމް އެއް ހަދައިގެން ޓިކެޓް ވިއްކައިގެން މީހުންނަށް ބަލައިލަން ވަދެވޭ ގޮތް ހަދަން،" ޒުބައިރު ބުންޏެވެ.
އެހެންވީމަ ތުޅާދޫ އަށް ދާ ފަހަރެއްގައި މި ކަލެޝަން ބަލައިލައި ދާންވާނެ އެވެ. އެކަމަކު، މީހެއްގެ އުމުރުދުވަހުގެ މަސައްކަތަކަށް ވާތީ، ފޮޓޯ ނެގުމުގެ ކުރިން އަހައިލަން ހަނދާން ކުރަންވާނެ އެވެ.










