ޒަމާނުންސުރެ ރ. އަލިފުށި ފުޓްބޯޅައިގައި ކުރަމުން އައި އެއް ކަމަކީ ނަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންތަކެއް އެ ރަށުގައި އޮންނަ މުބާރާތަށް ގެނެސްގެން ކުޅުވުމެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން އަލިފުށީ ދަނޑުގައި ކުޅޭ މެޗުތައް ބަލަން ކުދި ބޮޑު އެންމެން އެއްވެ އެވެ. އެއީ ގައުމީ ލެވަލްގައި ހުނަރުވެރި އަދި އެހާމެ މަގުބޫލު ތަރިންގެ ކުޅުން ބަލައިލާށެވެ.
އެ ގޮތުގެ މަތިން ޒުވާން އުމުރުގައި މުހައްމަދު ރަޝީދު (ހޮކޭ) ވެސް އަލިފުށީގައި ކުޅޭ އެ ފަދަ މުބާރާތްތަކުގެ މެޗުތައް ބަލަން ދަނޑަށް ދެ އެވެ. އޭރު އުފެދުނު އެ ޝައުގުވެރިކަމުގައި ހިފަހައްޓައި، ހިތްވަރު އެލުވާނުލައި ކުރި މަސައްކަތުން ހޮކޭ ވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި 14 އަހަރު ފުޓްބޯޅަ ކުޅެފަ އެވެ. ރިޓަޔާކުރިއިރު، ގިނަ ބަޔަކު އޭނާ އަށް ތައުރީފު ކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.
ޖެހިލުންކުޑަ ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ހޮކޭ ކެރިއަރު ނިންމާލުމާ ހަަމަށް ވެސް ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިިލި އެވެ. ގައުމީ ޖޯޒީލި ކޮންމެ ފަހަރަކު އެކަން ސާބިތުކޮށްދިނެވެ. ކްލަބް ލެވަލްގައި ކޮންމެ ޓީމަކަށް ކުޅުނު ކަމުގައި ވިޔަސް ބެޖަށް ޓަކައި ކުޅޭ މަދު ކުޅުންތެރިންގެ ތެރޭގައި ހޮކޭގެ ނަން ކޮންމެ ކޯޗަކު ވެސް ފާހަގަކުރާނެ އެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލިކަން ދާދި ފަހުން އިއުލާނުކުރި ހޮކޭ، 36، އުފަން ރަށް އަލިފުށީގައި ހުރެ، "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ބުނީ ކެރިއަރު ނިންމާލަން ވިސްނަމުން އަންނަތާ ދެ އަހަރެއް ވަރުވެފައިވާ ކަމަށެވެ.
ފުޓްބޯޅައިގައި ކުރިއަށްދާން ބަލާއިރު، ސިއްހީ ހާލަތުގެ ގޮތުން ހުރި ގޮންޖެހުންތައް ދަނޑުމަތިން އަށިގަނޑުގައި ބާލާ ކޮންމެ ފަހަރަކު ހޮކޭ އަށް އިހުސާސްކުރެވެ އެވެ. އެކަމަކު، ފުޓްބޯޅަ އަށް ދޫވެފައި އޮތް ހިތް ނޭދޭ ނިންމުމަކާ ދިމާލަށް ދާން އެހާ އަވަސް އަރުވާލާފައި ހޮކޭ ނޫޅުނީ އެވެ.

ސަސް މެޗެއްގެ ތެރެއިން. ލަނޑު ޖެހުމަށް ފަހު ހޮކޭ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ހޮކޭ ބުނީ އަބަދު ވެސް އައީ ބަރާބަރަށް ފުޓްބޯޅައިގައި އެންމެ ގާތްކޮށް ދެކޭ މީހުންނާ ވާހަކަ ދައްކައި ރިޓަޔާކުރަން ޖެހޭ ހާލަތަކާ މެދު މަޝްވަރާ ކުރަމުން ކަމަށެވެ. މިދިޔަ ދެ އަހަރެއްގެ ތެރޭގައި ރިޓަޔާކުރަން އެކި ފަހަރު މަތިން ވިސްނައި، ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ)އާ ވެސް އެ ވާހަކަ ހިއްސާކުރި ކަމަށާއި އެ ގޮތުގެ މަތިން ރިޓަޔާމެންޓަށް ތައްޔާރުވަމުން އައިސް އެ ވަގުތު ޖެހުމުން އެކަން ކުރީ ކަމަށެވެ.
"ހިތް އެދި ގޮވާ އަދިވެސް ކުޅެވޭނެއޭ. އެކަމަކު، ހަށިގަނޑަށް ވިސްނުން ވެސް އެއީ އޮތް ކަމެއް. އެހެންވެ، މި ވަގުތަށް އެންމެ ރަނގަޅީ ކުޅުން ހުއްޓާލުން އެހެންވެ، ނިންމާލީ. ހަށިގަނޑުގައި އެ ބާރު ނެތި ކަމެއް ކުރެވޭނެއޭ ބުނަން ކުރަން ބޭނުމެއް ނެތް. އަބަދުވެސް ވިސްނުންތެރިކަމާ އެކު ގޮތް ނިންމާފައި ހުންނާނީ،" ހޮކޭ ބުންޏެވެ.
އަމިއްލަ ރަށް އަލިފުށީގައި ދާދި ފަހުން ރިޓަޔާމަންޓް އިއުލާނުކުރިއިރު، ހޮކޭގެ އެންމެ ކައިރީގައި ހުރީ ފުޓްބޯޅައިގައި ބައްޕައެއްގެ ދަރަޖެއްގައި އޭނާ ދެކޭ ކޯޗު އަލީ ސުޒޭން އެވެ. ދެން ހޮކޭ އަށް އެންމެ އެހީތެރިވީ އިންމަގެ އިތުރުން ގައުމީ ޓީމުގެ އެކި ރޯލުތަކުގައި މަސައްކަތްކުރި، އަލީ ނާޝިދު (އޮގަރު އައްޔަ) އެވެެ. ހޮކޭ ބުނީ އެ ތިން ކޯޗުންނަށް އޮތް އިހުތިރާމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އާއިލާގެ ސަޕޯޓަކީ ހޮކޭ އަށް ވަރަށް ބޮޑު، ފުރަތަމަ ކުރީ އުނދަގޫ ދަތުރެއް
ހޮކޭ، ފުޓްބޯޅައިން ކުރިއަށްދާން ސަޕޯޓް ދިނީ އާއިލާ އިންނެވެެ. އޭނާ ހާއްސަކޮށް ފާހަގަކުރާ ފަރާތެއް ހުރެ އެވެ.
"ތިއްތިބެ ވަރަށް ހާއްސަ ގޮތެއް ހުރޭ. ވާގޮތަކީ އެއީ އަބަދު ވެސް ބޫޓު ދީ ފުޓްބޯޅަ ކުޅެންދާން ހިތްވަރު ދޭނެ. އެއް ދުވަހަށް ވުރެ އަނެއް ދުވަހު މޮޅަށް ކުޅެން ބުނާނީ،" އަލިފުށީގައި ކުޅެން ދިޔައިރު، އަބަދު ވެސް ބޮޑެތި މީހުންނާ އެކު ވަރުގަދަ އަށް ކުޅެންދިއުމުގެ ހަނދާންތައް އާ ކުރަމުން ހޮކޭ ބުންޏެވެ.
އަލިފުށިން ވާހަކަ ދެއްކި ދޮށީ އުމުރުގެ މީހަކު ބުނީ ހޮކޭ އެންމެ ކުޑައިރު ވެސް ބޯޅަ ކުޅެންދާއިރު ފެންނާނީ ވަރަށް "ކެރޭ" މީހެއްގެ ގޮތުގައި ކަމަށެވެ. އަދި ފުޓްބޯޅައިގައި އޭނާ އަށް އެންމެ ފުއްނާބު އުސް ކުޅުންތެރިން ހުރި ފަންތި އަށް ދެވުނީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ.
"އޭނަ (ހޮކޭ) އަށް މޮޅުވުން މުހިންމުވާނެ އެންމެ އާދައިގެ މެޗުން ވެސް،" އޭނާ ބުންޏެވެ.
މަތީ ފަންތީގެ ފުޓްބޯޅަ އަށް ހޮކޭ އެންމެ ފުރަތަމަ ގެންދިޔައީ ކޯޗު ސުޒޭން އެވެ. އެއީ 2007 ވަނަ އަހަރު އެވެ. އެކަމަކު، އަމިއްލަ ސަބަބުތަކާ ހުރެ ހޮކޭ އަނބުރާ ރަށަށް އައީ އެވެ.
ރަށުގައި ހުއްޓައި، ހޮކޭ އަށް ވިކްޓްރީގެ ކުރީގެ ކެޕްޓަން، މުހައްމަދު އިބްރާހިމް (ކައްޕި)ގެ ހުށަހެޅުމެއް ލިބުނެވެ. ހޮކޭ ބުނީ އެ ހިސާބުން އިތުރަށް ނުވިސްނައި، ކައްޕި ދިން ފުރުސަތުގެ ބޭނުން ހިފައި އަލުން ފުރަތަމަ ޑިވިޝަން ކުޅެން ދާން ނިންމި އެވެ.
"ކައްޕި އަކީ ރާއްޖޭގެ ލެވަލްގައި އަހަރެން ގުނާ ކަމަށްވާނަމަ މަލްޑިނީ. އެ ވަރުގެ ރެސްޕެކްޓެއް އަހަރެން އޭނާ އަށް ކުރަން. އަހަންނަށް ވަރަށް ކަމުދާ ކުޅުންތެރިއެއް. އޭނާގެ ހުށަހެޅުމެއް ލިބުނީމަ ދިޔައީ. އޭރު ގޮސް ޖޮއިން ކުރީ ނިއުއާ،" ހޮކޭ ބުންޏެވެ.
ނިއު އިން އެ ފަހަރު ހޮކޭގެ ބޭނުމެއް ނުހިފައި އޭނާ ހުރީ ބާކީވެފަ އެވެ. އެހެން ދުވަސްތައް ގުނަމުންދަނިކޮށް ހޮކޭ އަތުގައި ހިފީ އަނެއްކާ ވެސް ސުޒޭން އެވެ. އެ ގޮތުން 2010 ވަނަ އަހަރު ވިކްޓްރީ އަށް ހޮކޭ ގެންނަން ސުޒޭން ނިންމީ އެވެ. ވަރަށް ވަރުގަދަ ޓްރަޔަލެއްގެ ތެރެއިން ވިކްޓްރީ ޓީމުގައި ލައްވާލި މަދު ކުޅުންތެރިންގެ ތެރޭގައި ހޮކޭ ހިމެނެ އެވެ.
"ސުޒޭންގެ އެންމެ ޓްރެއިނިން ޓަފްވާނީ. ސުޒޭން ޓްރެއިން ކުރިވައިފިއްޔާ ބަލާ ދެން އެހެރީ ފިޓްކޮށޭ. ޑިފެންޑަރަކަށް ކުޅޭއިިރު ބޮޑު ހަށިގަނޑެއް ބޭނުންނުވެ، ވަރުގަދަ އަށް ކުޅެވޭނެ ގޮތް ރަނގަޅަށް ކިޔައިދިނީ ސުޒޭން. އެއީ ވަރަށް ބޭނުންތެރިކަމެއް ދަސްވި،" ޖެހިލުންކުޑަ ފުލްބެކެއްގެ ގޮތުގައި ހޮކޭގެ ފެށުން އޭނާ ކިޔައިދިނެވެ.
ހޮކޭއާ ބެހޭގޮތުން ސުޒޭން "އަދަދު" އަށް ބުނީ ޑިފެންޑަރަކަށް ހޮކޭ ކުޅުވަން ފެށީ ހަށިގަނޑަށް ވުރެ އޭނާގެ އެ ހުންނަ ކުޅުމުގެ ސްޓައިލާއި މަސައްކަތުގެ ރޭޓަށް ބަލާފައި ކަމަށެވެ.

ހޮކޭ އާއި އޭނާގެ މަންމަ އަދި ކޮއްކޮ އަށް އެފްއޭއެމްގެ ފަރާތުން އަގުވަޒަންކުރުމުގެ ފިލާ ހަވާލުކުރަނީ.-- ފޮޓޯ: އެފްއޭއެމް
ވިކްޓްރީގައި ސުޒޭންގެ ކޯޗުކަމުގެ ދަށުން ހޮކޭގެ ކުޅުން ފާހަގަވެ، އޭނާ ގައުމީ ސީނިއާ ޓީމުގައި ހިމެނެން ފަށައި، ގިނަ މެޗުތަކެއް ވެސް ވަނީ ކުޅެފަ އެވެ.
ފުރަތަމަ ޑިވިޝަނުގައި މާޒިޔާ، ވެލެންސިއާ، ނިއު ރޭޑިއަންޓް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ކުޅުނެވެ. މި އަހަރު ސަސް އަށް ދެ މެޗު ކުޅުނު ހޮކޭ ކުޅުން ނިންމާލީ ރަށުގަ އެވެ. ހޮކޭ ވަނީ ކްލަބް ލެވަލްގައި އޭނާ ކުޅުނު ގިނަ ޓީމުތަކެއްގެ ކެޕްޓަންގެ މަގާމާއި ވައިސް ކެޕްޓަންގެ މަގާމު ވެސް ފުރައިފަ އެވެ.
އަގުވަަޒަންކުރުން މި ގޮތަށް ދާނެއޭ ހިއެއް ނުކުރޭ
ފުޓްބޯޅަ ކެރިއަރު ނިމުމަކަށް ގެންނަން ޖެހޭއިރު، މާ "ބޮޑުކޮށް" އެކަން ދާނެއޭ ހޮކޭގެ ހިތަކަށް ކުރިއަކު ނާރަ އެވެ. އެކަމަކު، ހޮކޭގެ ރިޓަޔާމެންޓްގެ ހުރިހާ ކަމެއް ނިމިދިޔައީ ރޭ ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ވެެެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗަށް ފަހު އޮތް ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.
ހޮކޭ އަށް ދިން ހާއްސަ އެވޯޑްތައް ބަލައި ދިޔައީ މަންމަ އާއި ކޮއްކޮ އެއް ގޮވައިގެންނެެވެ. އެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހަލުވި ދުވެއްޔެއްގައި ރޭއްސުރެ ދައުރުވަމުން އަންނައިރު، އޭގެއިން ރަމްޒުކޮށްދޭ އެންމެ މުހިންމު ކަމަކީ ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެެއް ނޫން ކަމެވެ.
"އަސްލު އިންމަ (ކީޕަރު އިމްރާން) ރިޓަޔާކުރިއިރު މެޗެއް ބާއްވާ އެ ގޮތަށް ދިޔައީމަ ހީކުރިން ކޮންމެ ވެސް ކަމެއް އޮންނާނެއޭ އަހަރެން ރިޓަޔާކުރާއިރުގައި. އެކަމަކު، އެއްވެސް ވަރަކަށް އުއްމީދުކުރި ލެވަލަކަށް ނޫން މިދިޔައީ. ވަރަށް އުފާވާގޮތަށް އަމިއްލަ ރަށުގައި މިކަން ކުރަން މި ލިބުނީ،" ގައުމީ ޓީމަށް ކުޅެދިން 30 އަށް ވުރެ ގިނަ މެޗުގެ އަގުވަޒަންކުރަން އެފްއޭއެމުން ކުރި ކަންތަަކަށް އިޝާރާތްކޮށް ހޮކޭ ބުންޏެވެ.
"އެފްއޭއެމަށް ޝުކުރު އަދާކުރަން އަސްލު މިކަމުގައި،"
ހޮކޭ ވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި 14 ވަރަކަށް އަހަރު ކުޅެފަ އެވެ. ފުލްބެކްގެ މަގާމާއި މިޑްފީލްޑަރަކަށް ވެސް ކުޅޭ ހޮކޭ ވަނީ ގައުމީ ޓީމަށް އެއް ގޯލު ޖަހައިދީފަ އެވެ. އެއީ 2012 ވަނަ އަހަރު ޗެލެންޖް ކަޕްގައި އެ ޓީމު ކޮޅަށެވެ. އެކަމަކު، އެއީ އޭނާ ގައުމީ ޓީމުގައި އެންމެ ހިތްހަމަޖެހިލެވޭ ވަރަށް ކުޅުނު މެޗެއް ނޫނެވެ.
"ދެ މެޗެއް އެބައިން ވަރަށް ހިތްހަަމަޖެހިލައިގެން ކުޅެލެވުނު. އެއީ ކެމަރޫން މެޗާއި (2012 ގެ ނެހްރޫ ކަޕްގައި 2-1 އިން ބަލިވި މެޗު) ގަތަރު މެޗު (2015 ވޯލްޑް ކަޕް ކޮލިފައިން 1-0 އިން ބަލިވި މެޗު). ހަގީގަތުގައި އެ ދެ މެޗުގައި ވަރަށް ހައި ކޮލިޓީ ބަޔަކާ އެކު މޮޅަށް ކުޅެލާފައި ފޭބުމުގެ އިހުސާސްވި،" ހޮކޭ ބުންޏެވެ.

އޮމާނާ ދެކޮޅަށް 2017 ވަނަ އަހަރު ކުޅުނު މެޗުގެ ތެރެއިން ހޮކޭ (ކ) ބޯޅަ ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ
"ރިޒަލްޓް (ނަތީޖާއެއް) ނައިސްފާނެ ކޮންމެ ދުވަހަކު، އެންމެ ރަނގަޅަށް ކުޅޭ ދުވަހަކު ވެސް ނައިސްފާނެ. ލަކް ވެސް އިނދޭ. އެ ދެ މެޗަކީ އެ ކަހަލަ ދުވަހެއް،"
ހޮކޭ ބުނީ 2017 ވަަނަ އަހަރު އެންމެ ފަހުން ގައުމީ ޓީމުގެ މެޗެއްގައި ކުޅުމަށް ފަހު މިވީ މުއްދަތުގައި ވެސް ހުރީ ގައުމީ ޓީމުން ފުރުސަތެއް ލިބިއްޖެނަމަ ދާ ގޮތަށް ކަމަށެވެ. އެކަމަކު، އެ ފުރުސަތު ނުލިބި ނިންމާލަން ޖެހުނު ކަމުގައި ވިޔަސް ލިބުނު ކޮންމެ މެޗެއްގައި ވެސް ގައުމު ތަމްސީލްކުރީ "މޭފުޅާކޮށްފައި" ކެރިގެން ގައުމަށް ޓަކައި ކަމެއް ކޮށްދޭން ކަމަށެވެ.
ރަށަށް ހިދުމަތް ކުރުމާއި ކޯޗިން ކެރިއަރުގެ ވިސްނުން
ފުޓްބޯޅައިގައި ދެން ހޮކޭގެ މިސްރާބު ހުރީ ކޯޗިން އަށެވެ. ކޯޗިންގެ މަސައްކަތް ފަށަން އޭނާ ކުޅެމުން އައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ ފުރުސަތު ވެސް ދީފަ އެވެ. އެކަން އިއުލާނުކުރީ ސަސްގެ ކޯޗު އިންމަ އެވެ.
ވަރަށް އަވަހަށް ކޯޗިންގެ މަސައްކަތަށް ނުކުންނަން އަތުކުރި އޮޅާލައިގެން ހުރި ހޮކޭ ވަނީ އެފްއޭއެމަށް އޭނާގެ ސިކުނޑީގައި "ކުރެހިފައި އޮތް ޕްލޭނެއް" ވެސް ހިއްސާކޮށްފަ އެވެ. އެއީ މަހެއްހާ ދުވަހަށް ރާއްޖޭގެ އެކި ކޯޗުން ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގަން ރަށްރަށަށް ފޮނުވުމެވެ.
"މިސާލަކަށް 15 ދުވަހަށް ނޫނީ މަހެއްހާ ދުވަހަށް ރާއްޖޭގެ ރަނގަޅު، މަޝްހޫރު ކޯޗެއް ރަށަކަށް ފޮނުވައިފިއްޔާ ބޯން ޓެލަންޓް ހުރި ކުދިން ރަށްރަށުން ފެންނާނެ . އެ ހަމަ ޔަގީން. ދެން މީގެ ވާ ގޮތަކީ ރަށެއްގައި ހުންނަ މީހަކު ކުއްޖެއް މޮޅޭ. ކުރިއަށް ދެވޭނޭ ބުނެގެން އެ ކުދިން ސީރިއަސް ނުވެދާނެ. އެކަަމަކު، މަޝްހޫރު ކޯޗެއް ބުނެފިއްޔާ ކަނުލައި އަޑުއަހާނެ ކުދިން ގިނަވާނެ. އެހެންވެ، މި ބުނަނީ ހުނަރު ހުރި ކުދިންނަށް ފުރުސަތު ނުލިބި ބޭކާރުވިޔަ ނުދޭން ޕްލޭންތަކެއް އޮންނަން ޖެހެއޭ،" ހޮކޭ ބުންޏެވެ.

އިއްޔެގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގެ ތެރެއިން ހޮކޭ މުބާރާތުގެ ތަށި ތައާރަފްކުރަނީ: 2017 ވަނަ އަހަރު ނިއު ރޭޑިއަންޓުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރިއިރު ހޮކޭ އަކީ ޓީމުގެ ވައިސް ކެޕްޓަނެއް.-- ފޮޓޯ: އަބްދުﷲ އަބީދު/ އަދަދު
ސަރުކާރުގެ ހަރަދުގައި އަލިފުށީގައި ރަނގަޅު ފެންވަރުގެ ދަނޑެއް އަޅައިދިނުމަކީ އަލިފުށީގެ ފުޓްބޯޅަ އަށް ދިރުމެއް ލިބޭނެ ކަމެއްގެ ގޮތުގައި ހޮކޭ ދެކެ އެވެ. އަދި ރޭ ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު އަލިފުށީގައި ހޯސްޓްކުރުމަކީ ވެސް މި ރަށުގައި ފުޓްބޯޅައިގެ ހުވަފެން ދެކޭ ޒުވާން ކުދިންނަށް އުންމީދެއް ލިބޭނެ ކަމެކެވެ.
ހޮކޭ ހުރީ އަލިފުއްޓަށް ލިބިފައިވާ ރަނގަޅު ފުޓްބޯޅަ ދަނޑުގެ ބޭނުން ކޮށްގެން އަލިފުށިން ނެރޭ ގައުމީ ލެވަލްގެ ކުޅުންތެރިން އިތުރުކުރުމުގެ މަސައްކަތް ކުރާށެވެ. އޭނާ ކޯޗިންގައި ދެކެން ބޭނުންވާ އެއް ދުވަހަކީ ވެސް އެއީ އެވެ.
ގިނަ ޓީމުތަކެއްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހޮކޭގެ އަބަދުވެސް ވިސްނުމަކީ ކުރާ ކޮންމެ ކަމެއްގައި 100 ޕަސެންޓް ދިނުމެވެ. އޭރުން ފަހުން އެކަމާ ވިސްނާނެ ކަމެއް ނޫނީ މާޔޫސްވާން ޖެހޭނެ ކަމެއް ނޯންނާނެތީ އެވެ. ފުޓްބޯޅަ އިން ރިޓަޔާކޮށްފައި ދެން ވެސް އޭނާ ފުޓްބޯޅައިގެ ކޯޗިން އިން ކުރިއަށް ދިޔަސް ދިރިއުޅުމުގެ އެެހެން ކަމެއްގައި އުޅުނަސް ކުރިއަށްދާން އިހުތިޔާރު ކުރަނީ އެ އުސޫލުތަކެވެ.













