ރިޕޯޓުޝަރީފާ އަކީ އަބަދުވެސް ނަމޫނާ އެއް، މިހާރު އެއީ ބްރޭންޑެއް!

ޝަރީފާ އަކީ އަބަދުވެސް ނަމޫނާ އެއް، މިހާރު އެއީ ބްރޭންޑެއް!

"މިހާރު އެކަމަކު ހުންނާނެ މާސިންގާ ބޮޑެތި ތެލި. މަސް ކައްކަނީ ވެސް އެކަމަށް ހާއްސަކޮށް ކުއްޔަށް ތަނެއް ނަގައިގެން އަޅައިގެން އުޅޭ ބަދިގެއެއްގަ. ރަނގަޅު މަސްވެރިކަމެއްގަ ވިއްޔާ މިހާރު ތިން ޓަނު ހަތަރު ޓަނު ދުވާލަކު ޕްރޮސެސް ކުރަން. އެއީ ގާތްގަނޑަކަށް 3000 ނުވަތަ 4000 ކިލޯ."

ޝަރީފާ: އޭނާ އަކީ ތުޅާދޫގެ މަސް ޕްރޮސެސް ކުރުމުގެ ވިޔަފާރީގެ ބޮޑު ނަމެއް -  އަދަދު ފޮޓޯ/އާއިމް ޒަމީރު
ޝަރީފާ: އޭނާ އަކީ ތުޅާދޫގެ މަސް ޕްރޮސެސް ކުރުމުގެ ވިޔަފާރީގެ ބޮޑު ނަމެއް - އަދަދު ފޮޓޯ/އާއިމް ޒަމީރު

ތުޅާދޫ އާލިޔާ މަންޒިލް, ޝަރީފާ އިދުރީސް ފަދަ ޝަހުސިއްޔަތަކާ ބައްދަލުވާނީ މަދު ފަހަރަކުއޭ ބުނީ ދަތުރުގައި އަހަރެންނަށް މަގު ދައްކައިދޭން ހުރި އެކުވެރި އެރަށު ނާފިއު އެވެ. ރަށުގެ ހިމަ، "ގޯޅި" މަގުތަކުން ދުއްވަމުން ގޮސް އުތުރު ފަރާތު ގޮނޑުދޮށަށް ނިކުމެވުނު އިރު، އެރަށު ޝަފާ މަންޒިލް ގެއިން ކުއްޔަށް ނަގައިގެން އުޅޭ ބައިގައި ހަދާފައިވާ ބޮޑު ބަދިގޭގައި ރިހާކުރު އޮލަކޮށްގެން ފޯސްޓާ ކުލާކް ފުޅިއަށް އެ ރިހާކުރު އަޅައިގެން ޝަރީފާ އުޅެ އެވެ.

އެ ދުވަހު އެކަނި ވެސް އޭނާ ސާޅިހަކަށް ލިޓަރުގެ ރިހާކުރު އޮލަކުރި އެވެ. ސަމާސާގަނޑެއްހެން އަޑު ގަދަކޮށް އެތަން އޮތަސް، ކުރިއަށް އެ ދަނީ ބައެއް ރިހާކުރު ފުޅި ވިއްކުމާއި، އަތް ގާތް ކޮށްދިން ދެ ބިދޭސީންނަށް އެމީހުން އެދުވަހު ކޮށްދިން މަސައްކަތުގެ އުޖޫރަ ދިނުމުގެ ރަސްމީ މުއާމަލާތްތަކެކެވެ.

އަހަރެމެން ގޮސް މަޑުކޮށްލުމުން ސަލާން ތައާރަފް ނިންމާފައި, ދެކޮލުގެ އަޑިގަނޑަށް އެނގުންވެލާ ވަރަށް ހިނިތުން ވެލާފައި ރިހާކުރު ފުޅިތައް ދައްކާލަން ޝަރީފާ ގޮސް ވަނީ އޭނާގެ ބަދިގެ އަށެވެ. ފަހަތުން އަހަރެމެން ވަނީ އެވެ. ބަންދުކޮށްފައި ހުރި ރިހާކުރު ފުޅިތަކުން ފުޅިއެއްގެ މަތި ނަގައިފައި ރަހަ ދައްކާލުމާ އެކު ނާފިއު ވަގުތުން އެއިން ރިހާކުރު ފުޅިއެއް ގަނެފި އެވެ. އެކަމަކު އަދިވެސް ޝަރީފާގެ އަސްލު ހައިބަތެއް އަހަރެންނަށް ދެނެގަނެވޭ ވަރެއް ނުވެ އެވެ. ވަގުތުގެ ބިޒީ ކަމުން އެ ވާހަކަ ދައްކަން އަހަރެމެންނަށް އަންނަން ޖެހުނީ އެރޭ އިޝާގެ ފަހުންނެވެ.

........

ޝަރީފާ އޭނާގެ ބަދިގޭގައި: ރަނގަޅު މަސްވެރި ކަމެއްގައި އެ ބަދިގޭގައި ދުވާލަކު ތިން ހަތަރު ޓަނުގެ މަސް ކައްކާ ކަމަށް ޝަރީފާ ބުނޭ   އަދަދު ފޮޓޯ/ އާއިމް ޒަމީރު
ޝަރީފާ އޭނާގެ ބަދިގޭގައި: ރަނގަޅު މަސްވެރި ކަމެއްގައި އެ ބަދިގޭގައި ދުވާލަކު ތިން ހަތަރު ޓަނުގެ މަސް ކައްކާ ކަމަށް ޝަރީފާ ބުނޭ އަދަދު ފޮޓޯ/ އާއިމް ޒަމީރު

ޝަރީފާ: ރަނގަޅު މަސްވެރި ކަމެއްގައި ދުވާލަކު ތިން ހަތަރު ޓަނުގެ މަސް ކައްކާ ކަމަށް ޝަރީފާ ބުނޭ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

"މަސްވެރިންގެ އަތުން މަސް ގަނެގެން މަސް ކައްކަން ފެށި މިރަށުގެ ފުރަތަމަ މީހާއަށް އަހަރެން ވާނެ. މެދު ނުކެނޑި މިދިޔަ 35 އަހަރު ކިލޯ ކިރައިގެން މަސް ގަނެގެން ކެއްކި މީހަކަށް ވެސް ވާނެ މަ،" ޝަރީފާގެ ފުރަތަމަ ޖުމްލައިން ވެސް އޭނާ އައިސްފައި ހުރި ހިސާބު އަހަރެމެންނަށް ބުނެދިން ކަހަލަ އެވެ.

މަސް ގަތުމާއި ކެއްކުމާއި ހިއްކުމާއި މަހުން ވިޔަފާރި ކުރުމުގައި ޝަރީފާ ސާޅީހަކަށް އަހަރު ހޭދަކޮށްފި އެވެ. އޭނާ އަކީ ތުޅާދޫގައި މިވަގުތު ތިބި މަސް ޕްރޮސެސް ކުރުމުގެ ވިޔަފާރި ލާޖް ސްކޭލުގައި ކުރާ ތިން ހަތަރު މީހުންގެ ތެރެއިން އެކަމުގައި އެންމެ ގިނަ ދުވަސްވީ އެންމެ ތަޖުރިބާކާރު އަދި އެންމެ މަޝްހޫރު ނަން ވެސްމެ އެވެ.

މަސްވެރިކަން ރަނގަޅު ނަމަ ދުވާލަކު ތިން ހާސް ހަތަރު ހާސް ކިލޯގެ މަސް ޝަރީފާގެ ބަދިގޭގައި ޕްރޮސެސް ކުރެ އެވެ. އެ މަސައްކަތުގައި އޭނާ އަށް އެހީތެރިވަނީ ފިރިމީހާ އަބްދުއްރަހީމް މުހައްމަދާއި އޭނާގެ އަށް ފިރިހެން ދަރިންނެވެ. އިތުރު އެހީ ހޯދަނީ ވަގުތުން ކުއްޔަށް ބިދޭސީން ނަގައިގެންނެވެ.

އެކަމަކު މުޅި ތުޅާދޫ އާއި އަތޮޅު އެންމެން ދަންނަ މި ޝަރީފާއެއްގެ އަސްލު ހައިބަތާއި ޝަހުސިއްޔަތު ދެނެގަންނަން އަހަރެމެންނަށް ދާން ޖެހުނީ މީގެ ސާޅީހަކަށް އަހަރު ފަހަތަށެވެ.

"ފެށުނު ގޮތަކީ ފިރިމީހާ ބޯޓު ދަތުރުކުރަން ގޮސް ހުރެފައި މާލެ އައިމަ ރައްޓެއްސަކު ބުނީ މިޔަރު މަސް ލޮނު އަޅައިދީބަލާށޭ ސާމްޕަލަކަށް. އޭރު މިޔަރުތައް އުރަހަ ކަނޑާފައި އެއްލާލާނެ މޫދަށް. ދެން އެހެން ބުނެގެން ދެތިން މިޔަރު މޫދުން ހޮވައިގެން ގެނެސް ލޮނު އަޅައިގެން މާލެ ގެންދިޔައިމަ 50 ކިލޯ ސާޅީސް ރުފިޔާ އަށް ވިކިއްޖެ،" ސަތާރަ އަހަރުގައި މަސް ޕްރޮސެސް ކުރުމުގެ ވިޔަފާރި ފެށުނު ގޮތް ޝަރީފާ ކިޔައިދިނެވެ.

މަސް ކައްކަން ތައްޔާރުކޮށްފައި: ކަނޑު މަސް ގަންގެން ކައްކަން ފެށިތާ 35 އަހަރު ވީ އިރު ބަދިގޭގައި މި މަސައްކަތް ކުރާ ގޮތް ލުއި ވެފައި ޒަމާނީ ވެސް ވެއްޖެ.    އަދަދު ފޮޓޯ/ އާއިމް ޒަމީރު
މަސް ކައްކަން ތައްޔާރުކޮށްފައި: ކަނޑު މަސް ގަންގެން ކައްކަން ފެށިތާ 35 އަހަރު ވީ އިރު ބަދިގޭގައި މި މަސައްކަތް ކުރާ ގޮތް ލުއި ވެފައި ޒަމާނީ ވެސް ވެއްޖެ. އަދަދު ފޮޓޯ/ އާއިމް ޒަމީރު

މަސް ކައްކަން ތައްޔާރުކޮށްފައި: ކަނޑު މަސް ގަންގެން ކައްކަން ފެށިތާ 35 އަހަރު ވީ އިރު ބަދިގޭގައި މި މަސައްކަތް ކުރާ ގޮތް ލުއި ވެފައި ޒަމާނީ ވެސް ވެއްޖެ. އަދަދު ފޮޓޯ/ އާއިމް ޒަމީރު

"ދެން އެހެން ލޮނު އަޅަމުން އަޅަމުން ގޮސް އެގާރަ ސަތޭކަ، ބާރަ ސަތޭކަ އަށް ވެސް އަގު އެރި. މިޔަރު ހިފުން މަނާކުރުމާ ހަމައަށް ދޯނިފަހަރުތަކަށް ކޮއްތު ދީގެން މިޔަރު ގެނެސްގެން ވެސް ލޮނު އެޅިން."

މިޔަރު ލޮނު އަޅަން ފެށި ދުވަހުން ފެށިގެން ރަސްމީކޮށް މަސް ޕްރޮސެސް ކުރުމުގެ ތެރެއަށް ފުރާވަރުގައި ޝަރީފާ ވަދެ ހަރުލީ އެވެ. އޭރު މިޔަރުގެ އިތުރަށް ލަނޑާ އާއި މާނިޔަ މަސް ވެސް ލޮނު އަޅައިގެން ވިއްކަން ފެށި އެވެ. އުމުރުން އަށާރަ އަހަރުގައި ދަރިން ވިހަން ފެށި ގޮތަށް މެދުނުކެނޑި 12 ދަރިން ވިހައި، އެކުދިން ބަލައި ބޮޑުކުރީ ވެސް އެ މަސައްކަތްތަކުގެ ތެރޭގައި އުޅެމުންނެވެ.

"އެއްވެސް ވަރަކަށް މަސައްކަތް މެދު ނުކަނޑަން. ވިހައިގެން މަހެއް ވާއިރު ބަދިގޭގަ އުޅޭނީ. ދެން ކުދިން ބޮޑެތިވަމުން ދިޔަ ވަރަކަށް އެކުދިން ވެސް އަތް ގާތް ކޮށްދިނުމުގަ އުޅެން ފަށައިފި،" ޝަރީފާ ކިޔައިދިނެވެ.

މަސްވެރިންގެ އަތުން ކިލޯ ކިރައިގެން ކަނޑުމަސް ގަންނަން ފެށި އިރު އެ މަސައްކަތް މިހާރު ކުރާ ވަރާ އަޅައި ވެސް ނުކިޔޭނެ ކަމަށް ޝަރީފާ ބުންޏެވެ. އޭރު މަސް ކެއްކީ ގޭގެ ގޯތި ތެރޭގައި އެޅި އާދައިގެ ބަދިގެއެއްގަ އެވެ. މަސް ކައްކަން ބޭނުންކުރީ ކުޑަ ދެތިން ލޯގަނޑެވެ. ކައްކާ މަސް ދުމައްޓަށް ނަގަނީ ފަހަރަކު ކިބައެކެވެ.

ކައްކާ މަސް ނަގަން ބޭނުންކުރާ ނަރުގަނޑު
ކައްކާ މަސް ނަގަން ބޭނުންކުރާ ނަރުގަނޑު

ކައްކާ މަސް ނަގަން ބޭނުންކުރާ ނަރުގަނޑު: މިއިން ކައްކާ ހުރިހާ މަހެއް އެއް ފަހަރާ ދިޔަގަނޑުން ނަގާލެވޭ އަދަދު ފޮޓޯ/ އާއިމް ޒަމީރު

"މިހާރު އެކަމަކު ހުންނާނެ މާސިންގާ ބޮޑެތި ތެލި. މަސް ކައްކަނީ ވެސް އެކަމަށް ހާއްސަކޮށް ކުއްޔަށް ތަނެއް ނަގައިގެން އަޅައިގެން އުޅޭ ބަދިގެއެއްގަ. ރަނގަޅު މަސްވެރިކަމެއްގަ ވިއްޔާ މިހާރު ތިން ޓަނު ހަތަރު ޓަނު ދުވާލަކު ޕްރޮސެސް ކުރަން. އެއީ ގާތްގަނޑަކަށް 3000 ނުވަތަ 4000 ކިލޯ. އެކަމަކު ކުރިން އެންމެ ގިނަ ވެގެން ކެއްކޭނީ 200 ވަރަކަށް ކިލޯ ދުވާލަކު،" ޝަރީފާގެ ވާހަކައިގެ ތެރެއަށް ދެވަނަ އަށް ދޮށީ ފިރިހެން ދަރިފުޅު އަހުމަދު ޝައުގުވެރިކަމާ އެކު އަޑުއަހަން އިނދެފައި ފުންމައިލި އެވެ.

މަންމަގެ ވިޔަފާރި މެނޭޖް ކުރުމުގެ އެންމެ ގިނަ ޒިންމާ ބަލަހައްޓަމުން އަމިއްލަ ދޯންޏެއް ބަނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ 40 އަހަރުގެ އަހުމަދު ހަނދާން ހުންނަން ފެށީއްސުރެ އުޅުނީ އޭނާގެ މަންމަގެ ހީވާގި ދިރިއުޅުމުގެ ތެރޭގަ އެވެ. ބާރަ ވަރަކަށް އަހަރުގައި މަސް ކަނޑަން ދަސްވެ އެކަން ފަރިތަވީ ވަރުން އޭނާގެ މަސްކެނޑުން މޮޅު ހުނަރެއްގެ ގޮތުގައި ރަށުގެ މީހުންގެ މެދުގައި މަޝްހޫރުވި އެވެ.

"އަހައްމަދު މަސް ކަނޑާއިރު ބަލަން ހުންނަ މީހަކު ކޮސް ވާނެ. އާދައިގެ މީހަކު އެއް ގާޑިޔާ މަސް ކަނޑައި ނިމޭ އިރު އަހައްމަދު ދެ ގާޑިޔާ ތިން ގާޑިޔާގެ މަސް ކަނޑާނެ. އަހަންމަދާއި އިސްމާއީލު ވެސް ނިކަން ފަރިތަވާނެ. އަހަރެންގެ ހުރިހާ ފިރިހެން ދަރީން ވެސް މިހާރު ވެސް ވަޒީފާއިން އަވައްޖެއް ލިބުނަސް އެހީވާނެ،" މިނިޓަކުން 12 މަސް ކަނޑާލެވޭ އަހުމަދާއި ދަރިންނާމެދު ފަހުރުވެރި ވެލާފައި ޝަރީފާ އަނެއްކާ ވެސް ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

ޝަރީފާ ބުނީ މަސައްކަތުގައި މިހާރު އާދެވިފައި ހުރި ހިސާބަކީ، ދުވާލަކު 10 ޓަނު ނެގިޔަސް ދަތި ކަމެއް ނެތި އެ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން ހުރުމެވެ.

"އަހަރެމެން އެބަ ހުރޭ މިހާރު އައިސް ފޮށި ވެސް ގަނެފަ. ދެން އައިސް ޕްލާންޓް ހުންނާތީ ބައިވަރު މަސް ގަނެފަ، އައިސް ފޮށިތަކުގަ ބަހައްޓަނީ ޕްރޮސެސް ވާ ވަރަކުން ނަގަމުން ގެންދާގޮތަށް،" ޝަރީފާ ތަފްސީލުކޮށްދިނެވެ.

އޭނާގެ ފޯނުގައި މަސްވެރިކަން ކުރާ އެތައް ދޯންޏެއްގެ ނަންބަރު އެބަ އޮތެވެ. ރަނގަޅަށް މަސް ބާނައިފި ނަމަ އަތޮޅުން ބޭރުންގެ މަސް ދޯނިތަކުން ވެސް މިހާރު އޭނާ އަށް ގުޅަ އެވެ. އައްޑޫ ދޯނި ފަހަރު ތަކުން ވެސް ގުޅާ ކަމަށް ޝަރީފާ ބުންޏެވެ.

"މިފްކޯ އަށްވުރެ އަގުބޮޑުކޮށް އަހަރެމެން އެބަ ގަންނަން މަސް. މިފްކޯގެ އެންމެ މަތީ ރޭޓަކީ ދޮޅު ކިޅޯ އިން ދަށް ނުވައެއް، ދޮޅު ކިލޯ އިން މަތި 16 ކަމަށް ވަންޏާ އަހަރެމެން އެބަ ގަންނަން މަސް ތަދު އިރު 30 ރުފިޔާ އަށް ވެސް،" މަސް ޕްރޮސެސް ކުރުމުގެ ވިޔަފާރި ރަށުގައި ފުޅާވި ވަރުން މަސްވެރިންގެ ޝައުގުވެރިކަން ތުޅާދޫ އަށް ހުރި ވަރު ޝަރީފާ ކިޔައިދިނެވެ.

އެ ރަށުގައި މިހާރު ވެސް ލާޖް ސްކޭލެއްގައި ގިނައިން މަސް ގަނެގެން ޕްރޮސެސްކުރަނީ ތިން ހަތަރު މީހެކެވެ. އޭގެ ތެރެއިން ވެސް ޝަރީފާ ކުރާހާ ފުޅާ ދާއިރާއެއްގައި ކިލޯ ކިރައިގެން މަސްވެރިންގެ އަތުން މަސް ގަނެގެން މަސައްކަތް ކުރާ މީހަކު އަދިވެސް ނޫޅެ އެވެ.

ޑިމާންޑް ބޮޑު ރިހާކުރާއި ވަޅޯމަސް

ޝަރީފާ އަކީ ބްރޭންޑެކޭ ބުނަންޖެހޭ ދެވަނަ އަދި އެންމެ ބޮޑު ސަބަބަކީ ވެސް މިއީ އެވެ. އޭނާގެ ރިހާކުރާއި ވަޅޯ މަހަކީ އަތޮޅުގައި ވެސް މަޝްހޫރު ދެ ބާވަތެވެ. ކިތަންމެ ގިނައިން ހެދިޔަސް އިތުރު ނުވާ ދެ ސްޓޮކަށް މި ދެބާވަތް ވާނެ ކަމަށް ޝަރީފާ ބުންޏެވެ.

"މިސާލަކަށް މިއަދު މިހެދީ 38 ފުޅި ރިހާކުރު. އެ ހުރިހާ ފުޅިއެއް މިއަދުން މިއަދަށް ވިކިއްޖެ. އެހެންވީމަ ރިހާކުރުން އެކަނި މިއަދު މި ލިބުނީ 10،000 ރުފިޔާ،" ޝަރީފާ ބުންޏެވެ.

ޝަރީފާގެ ދެމަފިރިން މަސައްކަތުގައި: އޭނާގެ މަސައްކަތަށް ފިރިމީހާގެ އިތުރުން ދަރިންގެ އެހީތެރިކަން ވެސް ލިބޭ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

އޭނާގެ ރިހާކުރަކީ އެ ރަށަށް އަންނަ މެހުމާނުންގެ މެދުގައި ވެސް މަގުބޫލު ރިހާކުރެކެވެ. އެ ރިހާކުރު ނޫނީ ނުކާން، މާލެ އާއި އަތޮޅުތެރޭން ގަވާއިދުން އޯޑަރުދޭ މީހުން ވެސް މަދެއް ނޫނެވެ. އޭނާ ބުނީ، މާލެއާއި އަތޮޅު ތެރެއިންނާއި ކައިރި ރަށްރަށުން ވަޅޯ މަހަށް ވެސް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ. ހާއްސަކޮށް ރޯދަމަހާ ދިމާކޮށް ޑިމާންޑް ވަރަށް ބޮޑު ކަމަށް ވެސް ޝަރީފާ ބުންޏެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ ވަޅޯމަސް މީހުންނަށް އެހާ މީރުވަނީ ގެންގުޅޭ ހާއްސަ ޓެކްނީކެއްގެ ސަބަބުންނެވެ.

"މި ހަދާ ގޮތަކީ މޫދުން ބޮޑު ހަން ބުރިއަކަށް ލޮނު ނަގަނީ. ދެން މަސް ކައްކާ އިރު އެއްވެސް ވަރަކަށް ލޮނު ނުލައި ކައްކަނީ. އެހެންވީމަ މަހުގަ ލޮނު ރަހައެއް ނުލާނެ އެއްނުން. ދެން މި ހަދާ އެއްޗަކީ ލޮނު ފުރާފައި ހުންނަ ހަން ބުރިއަށް އޮށް ލޮނު ގިރުވާލާފައި އޭގެ ތެރެއަށް ކައްކާ މަސް ތެލިން ނަގާ ގޮތަށް ގެނެސް އަޅާލަނީ. ދެން ވަރަށް މީރު ވާނެ އެ މަސް ވަޅޯ މަހަށް ހަދާފައި ހުންނަ އިރު،" ހިނިގަނޑަކާއެކު ރެސިޕީގެ ސިއްރު ޝަރީފާ ހާމަކުރި އެވެ.

ރިޓަޔާ ކުރުމުގެ ވިސްނުމެއް ނެތް، މަސައްކަތަށް އާދަޔާ ހިލާފު ލޯތްބެއް

ޝަރީފާ އަށް މިހާރު 61 އަހަރެވެ. އޭނާ މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކަޅުބިލަމަސް ކައްކައި ހިއްކުމާއި ވަޅޯ މަހަށް ހެދުމާއި ކަންނެލި ލޮނު ލުމާއި ހިބަރާއި މާނިޔަމަސް ލޮނު ލުމުގެ ސައްކަތާއި ރިހާކުރު އޮލަކުރުމުގެ މަސައްކަތް ހިމެނެ އެވެ.

އުމުރުން އެންމެ 17 އަހަރުގައި ފެށި މި ބުރަ މަސައްކަތްތަކަކީ އޭނާގެ ދިރިއުޅުމެވެ. ލިބުނު 12 ދަރިންނަށް ދައްޗެއް ތުރާލެއް ނުދީ ބަލައި ބޮޑުކޮށް، އެކުދިން މީހުންނަށް ހެދީ އެ މަސައްކަތްތަކުން އޭނާ އާއި ފިރިމީހާ އަށް ލިބުނު ލާރިންނެވެ. ޅަ ދުވަހުއްސުރެ ގެދަބުޅި އާއި ދުމުގެ ތެރޭގައޮ އޮހޮރި ދަލުން ލިބުނު މަންފާ ޝަރީފާ އަށް ދުވަހަކު ބަޔާން ކުރަން ނޭނގޭނެ ކަމަށް އޭނާ ބުންޏެވެ.

ޝަރީފާގެ ދެމަފިރިން އެމީހުންގެ ބަދިގެ ކުރިމައްޗަށް އޮންނަ ގޮނޑުދޮށުގައި މަސް ބާނަނީ: މަސް ބޭނުމަކީ  ހުސް ވަގުތުގެ ޝައުގުވެރިކަމަށް ޝަރީފާ ކުރާ ކަމެއް
ޝަރީފާގެ ދެމަފިރިން އެމީހުންގެ ބަދިގެ ކުރިމައްޗަށް އޮންނަ ގޮނޑުދޮށުގައި މަސް ބާނަނީ: މަސް ބޭނުމަކީ ހުސް ވަގުތުގެ ޝައުގުވެރިކަމަށް ޝަރީފާ ކުރާ ކަމެއް

ޝަރީފާގެ ދެމަފިރިން އެމީހުންގެ ބަދިގެ ކުރިމައްޗަށް އޮންނަ ގޮނޑުދޮށުގައި މަސް ބާނަނީ: މަސް ބޭނުމަކީ ހުސް ވަގުތުގެ ޝައުގުވެރިކަމަށް ޝަރީފާ ކުރާ ކަމެއް -- ފޮޓޯ: އާއިމް ޒަމީރު/އަދދު

"އިރާދަކުރެއްވިއްޔާ އަދިވެސް މަސައްކަތް ކުރެވޭނެ ވަރު އެބަ ހުރި. މިހާރު އެކަމަކު ބުރަ މަސައްކަތްތަކެއް ނުކުރަން. ބުރަ ހުރިހާ ކަމެއް ވެސް މި ކުރަނީ ދުވަހުގެ މަސައްކަތަށް ވަގުތުން އުޖޫރަ ދޭ ގޮތަށް ބިދޭސީން ނަގައިގެން. ދެން ކުދިންނަށް ލިބޭ ކޮންމެ ވަގުތެއްގައި އެކުދިން ކަންކަން ކޮށްދޭނެ،" ޝަރީފާ ކިޔައިދިނެވެ.

ޝަރީފާ އަށް މިހާރު އާދެވިފައި ހުރި މަގާމުން އޭނާ މިއަދު ރިޓަޔާ ކުރި ނަމަވެސް އެ މަސައްކަތް ނުހުއްޓި ހިނގާނެ ވަރަށް ކުދިން އެ މަސައްކަތުގެ ތެރެއަށް ވަދެއްޖެ އެވެ. އެކަމަކު ޖާނު ހުރި ހިނދަކު މަސައްކަތައި ދުރުގައި އުޅުމުގެ ވިސްނުމެއް ޝަރީފާގެ ނެތެވެ. އޭނާގެ މިސްރާބު އަދިވެސް ހުރީ މިހާރަށްވުރެ ކާމިޔާބު މުސްތަގުބަލަކާ ދިމާލަށެވެ.

އާމިނަތު އިބްރާހިމް

ސީނިއާ ޖާނަލިސްޓް

އައިމިނަތު އިބްރާހީމަކީ ލައިފްސްޓައިލް އާއި މުނިފޫހިފިލުމުގެ ހަބަރުތައް ގެނެސްދިނުމުގައި ހާއްސަ ނޫސްވެރިއެކެވެ. އެކަމަކު އޭނާ ވަނީ އާއްމު ހަބަރުތައް ވެސް ކަވަރުކުރެވޭނެކަން މީގެ ކުރިން ސާބިތުކޮށްދީފަ އެވެ. "ވީޓީވީ" އިން ކެރިއަރު ފެށި އައިމިނަތު ވަނީ "އަވަސް" އަދި "ދޯ މެގަޒިން" ގައި ކުރިން މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox