ރިޕޯޓުމިއީ ސިކުނޑީގައި އުފެދޭ ރާޅުބާނިތަކެއް، އަނިޔާއަކަށް ނުގުޑާނެ!

މިއީ ސިކުނޑީގައި އުފެދޭ ރާޅުބާނިތަކެއް، އަނިޔާއަކަށް ނުގުޑާނެ!

އެނދުގައި އޮތް ހުދު ބެޑްޝީޓްގައި ހީވަނީ ރަތްކުލައިން މަންޒަރުތަކެއް ކުރަހާފައި ހުރިހެނެވެ. ރަތްކުލައިން ގޮސް ކަޅުރަތަށް ބަދަލުވާ ލައްގަނޑުތަކެކެވެ. އެއީ އެނދާ އެކު ހަތަރެސްގައި ބަނދެފައި އޮތް ބަލިމީހާގެ ގައިން އައި ލެއިން ކުރެހުނު މަންޒަރެކެވެ.

ސްކިޒޮފްރީނިއާ ސިފަކޮށްދޭން ހަދާފައިވާ ޕޯސްޓަރެއް: ދުނިޔޭގައި އެބަލީގެ 24 މިލިޔަން މީހުން އެބަތިބި.
ސްކިޒޮފްރީނިއާ ސިފަކޮށްދޭން ހަދާފައިވާ ޕޯސްޓަރެއް: ދުނިޔޭގައި އެބަލީގެ 24 މިލިޔަން މީހުން އެބަތިބި.

އެނދުގައި އޮތް ހުދު ބެޑްޝީޓްގައި ހީވަނީ ރަތްކުލައިން މަންޒަރުތަކެއް ކުރަހާފައި ހުރިހެންނެވެ. ރަތްކުލައިން ގޮސް ކަޅުރަތަށް ބަދަލުވާ ލައްގަނޑުތަކެކެވެ. އެއީ އެނދާ އެކު ހަތަރެސްފައި ބަނދެފައި އޮތް ބަލިމީހާގެ ގައިން ފޭދުނު ލެއިން ކުރެހުނު މަންޒަރެކެވެ. އޭނާގެ ބޯ އޮތީ ބެންޑޭޖްކޮށްފަ އެވެ. ފަޔާއި އަތުގެ އެތަން މިތަނުގައި ވެސް ހުރީ ބެންޑޭޖް އަޅައިފަ އެވެ. އޭނާ ބަލަހައްޓަން ހުރި މީހާ ނުރުހުން ވެފައި ނަރުހުންނަށް ދެއްކީ ބޭސް ނާޅާ ހުރި ފާރުގަނޑެކެވެ.

އެއީ މީގެ 15 އަހަރު ކުރި އެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި އޮތް އުމުރުން 30 އަހަކަށް އަހަރުގެ މި ޒުވާނާއަކީ އެކްސިޑެންޓެއްގައި އަނިޔާވި މީހެއް ނޫނެވެ. އޭނާއަށް އަނިޔާ ކުރީ ހިތުން ހެޔޮކަމެއް ކުރާނަމޭ ހީކޮށް މާލޭގެ މަގަކަށް އެއްވި ބައެކެވެ. ފުލުހުން އެމީހެއްގެ ފަހަތުން ދުވާ ކޮންމެ މީހަކީ ވަގެއް ކަމަށް ދެކޭ ދެކުމެއް އެމީހުންނަށް ދިން ހިތްވަރަކުންނެވެ. ފުލުހުންނަށް އެހިސާބަށް ދެވުނު އިރު އޭނާ އޮތީ ހަދާނެ އެއްޗެއް ހަދައިފަ އެވެ. ބޮލުގެ ތިން ހަތަރު ތަނުން ފަޅާލައިފައި ހުއްޓެވެ. ފައިގެ އިނގިލިތައް ހުރީ ސާފު ބަހުން ބުނާ ނަމަ ޗިސްކޮށްލައިފަ އެވެ. އެގޮތަށް ކަންތައް ކުރި މީހުން ބެލީ އޭނާއަކީ ވަގެއް ކަމަށެވެ. އެކަމަކު އޭނާ ވައްކަން ކުރަން ޖެހޭ އެއް ވެސް ސަބަބެއް ނެތެވެ.

އޭގެ މަހެއްހާ ދުވަސް ކުރިއަށް ޖެހިލާފައި އޭނާގެ ތައާރަފެއް ދޭ ނަމަ ބުނެވޭނީ އެއީ ހީވާގި، މުރާލި އަދި މަޑުމައިތިރި ޒުވާނެއް ކަމަށެވެ. ދަންނަ އެންމެންގެ ލޯބި ލިބިގެން ހުރި އިލެކްޓްރިކް ޓެކްނީޝަނެކެވެ. މަސައްކަތް ކުރަނީ ރީޖަނަލް ހޮސްޕިޓަލްގެ އިންޖީނުގޭގަ އެވެ. އޭނާ މާލެއަށް އައީ ޗުއްޓީއަކާ ދިމާކޮށް، ރިސޯޓަކުން ލިބުނު މަސައްކަތެއްކޮށްފައި އެނބުރި ރަށަށް ދިއުމަށެވެ. އޭނާއަށް އެ ޖެހުނު ކަމެއް ޖެހުނީ ކުރި މަސައްކަތަށް ލިބުނު ފައިސާކޮޅު ވެސް އަތަށް އެރި ފަހުންނެވެ.

ރުޅިއައިސް، ހަޅޭއްލަވަމުން ގޮސް ބޭބެގެ ކެފޭއަށް ވަދެ، މޭޒުމަތީގައި ހުރި ތަށިތައް އޭނާ ތަޅައިލީ މާލެއައިތާ ދެރެއެއް ފަހުންނެވެ. ބޭބެ ހީކުރީ އޭނާ އަށް ދިމާވި ޖިންނި ޝައިތޯނީ ކަމެއް ކަމަށެވެ. އެކަމަކު މަސައްކަތުގެ ދާއިރާގެ ތެރެއިން އަހަރެން ކިޔާފައިވާ ދިރާސާތަކަށް އިތުބާރުކުރެވޭތީ އަހަރެން ބޭނުންވީ އޭނާ ޑޮކްޓަރަށް ދައްކާށެވެ. މާލޭގެ މަގުމައްޗަށް އޭނާ ދޫވެ، އަދި ފަހުން ބަޔަކު އޭނާއަށް ހަމަލާ ދިނީ އެކަމާ އަހަރެން އުޅެނިކޮށެވެ.

ވަގެއް ކަމަށް ބަލައި އަނިޔާކުރުން

ދެރޭ ކުރިން ފެށިގެން ނުނިދާ ހުރުމުގެ ސަބަބުން އަހަރެން ހުރީ ވަރުބަލިވެގެން ވެއްޓޭ ވަރު ވެފަ އެވެ. އެކަމަކު ތުއްތުބެ މަޑެއް ނުކުރެ އެވެ. ކުރާ ކަމަކީ އެއްޗިހިތަކެއް ކިޔަމުން މާލޭގެ މަގުތަކުގައި ހިނގުމެވެ. މެންދުރުގެ އެންމެ އަވިގަދަވި ވަގުތު އަހަރެން ނިންމީ އޭނާ ހުއްޓުވައި ގެއަށް ވައްދާށެވެ. ބައެއްގެ އެއްބަނޑު އެއްބަފާ އެހެން ފިރިހެނަކު ކުއްޔަށް ހިފާފައި ހުރި އެޕާޓްމަންޓެއް ހުންނަ ގެއަކާ ހިސާބަށް އާދެވުނީ މަ އެވެ. އެހިސާބުން ތުއްތުބެގެ އަތުގައި ހިފެހެއްޓީމެވެ. ގަދަކަމުން އެގެއާ ދިމާލަށް ގެންދަން ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ތުއްތުބެ އަހަރެންގެ ކަންފަތްމަތީގައި ޖެހުމެވެ. އެހިސާބުންވީ ދެން ވީގޮތެއް ނޭނގެ އެވެ.

ހޭ އެރި އިރު އަހަރެން އޮތީ އައިޖީއެމްއެޗްގެ ވޯޑެއްގައި އެޑްމިޓްކޮށްފަ އެވެ. ހޭ އެރުމާ އެކު އަހަރެން އަވަސްވެގަތީ އެންމެ އަވަހަށް މާލެއަށް އާދެވެން ހުރި، ދެބެންގެ ދެދަރި ކުއްޖަކަށް ގުޅާށެވެ.

"ވަރަށް އަވަހަށް މާލެއަށް އައިސްދީ ބަލަ. މިއުޅެނީ ތުއްތު ބޭބެ މާލެ ތެރެއަށް ގެއްލިގެން. އޭނާއަށް ވެގެން އުޅޭ ގޮތް ކަލެއަށް ވެސް އެނގޭނު؟ މަ ވަރަށް ބަލިވެއްޖެ،" ކުޑަހުރާގައި ހުރި ހަސަން ގާތު އަހަރެން ބުނީމެވެ.

ނަސީބު ރަނގަޅުކަމުން ރިސޯޓްގެ ދަތުރުތައް އެދުވަހު އޮތީ އޭނާއަށް ވަރަށް އަވަހަށް މާލެއަށް އާދެވޭ ގޮތަށެވެ. ފައިބައިގެން އޭނާ ފުރަތަމަ ވެސް ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ. ތުއްތުބެގެ ފޮޓޯއެއް ފުލުހުންނަށް ދީފައި، ވެގެން އުޅޭ ގޮތުގެ މައުލޫމާތު ފުރިހަމައަށް ދިނެވެ. ތުއްބެ ހޯދަން ފުލުހުން ނިކުތުމުން ހަސަން ވެސް އެމީހުންނާ އެކު ދިޔަ އެވެ. އަހަރެން އޮތީ ގޭގަ އެވެ.

"ވަރަށް އަވަހަށް އާދެބަލަ އައިޖީއެމްއެޗަށް. ތުއްތުބެ ފެނިއްޖެ. މިއޮތީ އެޑްމިޓްކޮށްފައި،" ފޯނު ނެގުމާ އެކު ހަސަން ބުންޏެވެ. ހޮސްޕިޓަލަށް ދިޔަ އިރު ތުއްތުބެ އޮތީ މި ލިއުމުގެ ފެށުމުގައި ކިޔައިދީފައި އެވާ ހާލަތުގަ އެވެ. ހަސަން ބުނި ގޮތުގައި މަގުމަތީ ތިބި މީހުން ތުއްތުބެއަށް ހަމަލާ ދިނީ ވަރަށް ދުރުން ތުއްތުބެ ފެނިގެން ފުލުހުންނަށް ދެއްކީމާ ފުލުހުން ކަންތައް ކުރި ގޮތުންކަމަށެވެ.

"ޔުނިފޯމްގައި ތިބި ފުލުހުން ދުއްވައިގަތީ ތުއްތުބެއާ ދިމާލަށް. މީހުން ހީކުރީ ވަގެއް ކަމަށް. ހިފަހައްޓައި އަނިޔާކުރަން ފެށީ. ދެ ފުލުހުންނަށް އެކަން ކޮންޓްރޯލް ނުވެގެން އިތުރު ފުލުހުން އަންނަން ވީ އިރު ތުއްތުބެއަށް ވަރަށް އަނިޔާވެފައި އޮތީ،" ހަސަން ފައްޗަކަށް އަމުނައިލި އެވެ.

މިއީ ސްކިޒޮފްރީނިއާ، އަނިޔާކުރިޔަސް މަޑެއް ނުވާނެ

އައިޖީއެމްއެޗްގައި ތުއްތުބެއަށް ފަރުވާ ކުރުމާ ހަވާލުވެ ހުންނެވީ ޑރ. އީޝްވަރަން އެވެ. އަހަރެން އެ ޑޮކްޓަރު ދަންނަނީ ކުރިން ދެފަހަރަކު އޭނާއަށް ދައްކާފައި ވާތީ އެވެ. ޑޮކްޓަރުގެ ފަރާތުން އެނގުނު ގޮތުގައި ތުއްތުބެއަށް ޖެހިފައި ހުރީ ވަރަށް ނުރައްކާތެރި ނަފްސާނީ ބައްޔެކެވެ. އެއީ "ޕެރަނޮއިޑް ސްކިޒޮފްރީނިއާ" އެވެ. އޭނާ ދެން ގެންގުޅެން ޖެހޭނީ ބޭސް ކާންދީގެންނެވެ. އޭނާ ބޭސް ކާކަން، ދެ އަހަރެއްހާ ދުވަސް ވަންދެން ޔަގީންކުރަން ޖެހޭނެ އެވެ.

ތުއްތުބެއަށް ބޭސްދޭން ފަށައި، އޭނާ ކޮންމެވެސް ވަރަކަށް ހަމަ ޖެހުމުން އޭނާ ގޮވައިގެން ރަށަށް ދިޔައީ ހަސަން އެވެ. ސްކިޒޮފްރީނިއާ ބެހޭ މައުލޫމާތު އެއްކުރަން އަހަރެން ފެށީ އެހިސާބުންނެވެ. އާއިލާގެ ތެރެއިން އެބަލީގެ އެހެން މީހަކު ބަލަހައްޓަން ޖެހިދާނެކަން ކޮންމެހެން އެނގިގެނެއް ނޫނެވެ.

އެމެރިކާގެ ނޮން ޕްރޮފިޓް އެކަޑަމިކް މެޑިކަލް ސެންޓަރު، މާޔޯ ކްލިނިކް"ގެ ޑެފިނިޝަންގައިވާ ގޮތުން އެއީ މީހުންނަށް ހަގީގަތްތައް ދެނެގަންނަ ގޮތް ބަދަލުކޮށްލާ "ސީރިއަސް މެންޓަލް ޑިސްއޯޑާ" އެކެވެ. އޭގައި ހިމެނެނީ ހަގީގަތެއް ނެތް ގަބޫލުކުރުންތައް (ޑިލޫޝަން) ތަކާއި ވުޖޫދުގައި ނުވާ ކަންތައްތަކެއް ފެނުނުން ނުވަތަ އަޑު އިވުން (ހަލުސިނޭޝަން) ތަކާއި ވިސްނުމުގެ ތަރާދުގެ ވަޒަން މުޅިންހެން ގެއްލުމެވެ. އެ ބަލީގެ މީހުންނަށް އުމުރު ދުވަހު ވެސް ބޭސް ދޭން ޖެހެ އެވެ. ބަލީގެ ފުރަތަމަ ކޮޅުގައި ބޭސް ދީފި ނަމަ އަލާމާތްތައް މުޅީންހެން ކޮންޓްރޯލްކޮށް، އާއްމު ދިރިއުޅުމަކަށް ވެސް ބަލިމީހާ ގެންދެވިދާނެ އެވެ.

ހަގީގަތެއް ނެތް ގަބޫލުކުރުންތައް

ސްކިޒޮފްރީނިއާ ބަލީގެ މީހުންގެ މި ގަބޫލުކުރުންތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވިސްނުންތަކެއް ނޫނެވެ. މިސާލަކަށް މީހަކު ބަލައިލާ ގޮތަކުން އޭނާ ގަބޫލުކުރާނީ އެ އުޅެނީ ގެއްލުމެއް ދޭން ކަމަށެވެ. އޭނާއަކީ ދުނިޔޭގެ އެންމެން ދަންނަ މަޝްހޫރު މީހެއް ކަމަށް އެހެން ހިނދުކޮޅެއްގައި ގަބޫލުކޮށްފާނެ އެވެ. ނުވަތަ ދުނިޔޭގެ އެންމެން ކުރާ ހުރިހާ ކަމެއްގެ ވެސް އަމާޒަކީ އޭނާއަށް ގެއްލުން ދިނުން ކަމަށް ގަބޫލުކޮށްފާނެ އެވެ. އެ ހާލަތުގައި އެއްވެސް މީހަކަށް އިތުބާރެއް ނުކުރާނެ އެވެ.

ޑޮކްޓަރީ ގޮތުން ސްކިޒޮފްނީއާއަށް ޑަޔަގްނޯސްކޮށްފައިވާ ދެމީހަކު އަހަރެން ބެލެހެއްޓި އިރު، އެ ދެމީހުންގެ ފަރާތުން ވެސް މިކަން ފެނުނެވެ. އޭގެ އެކަކީ ތުއްތުބެ އެވެ. ފުރަތަމަ ފަހަރު އޭނާ ހަމައިން ނެއްޓުނު އިރު ދައްކަމުން ދިޔަ ވާހަކައަކީ އާއިލާގެ ތެރޭގައި އޭނާއާ ދެކޮޅަށް ވަރަށް ނުބައި ރޭވުންގަނޑެއް ރާވަމުން ދިޔަ ވާހަކަ އެވެ. އަހަރެންގެ ބައްޕަ އެހެން ރަށެއްގެ މީހަކާ ކައިވެނިކޮށްގެން ދިރިއުޅުން ބަދަލުކުރި ކުރުމަކީ ވެސް ސީދާ ތުއްތުބެއަށް ގެއްލުންދޭން ކުރި ކަމެއް ކަމަށް ވެ އެވެ.

ދެވަނަ މީހާއަކީ މިހާރު ބަލަހައްޓަމުން މިގެންދާ ކޮއްކޮ އެވެ. އޭނާ ފުރަތަމަ ފަހަރު ބަލިވި އިރު ދެއްކީ އޭނާއަށާއި އާއިލާއަށް ވެސް މީހަކު ސިހުރު ހަދާ ވާހަކަ އެވެ. ފުރަތަމަ އެކަކުގެ ނަން ބުންޏެވެ. ޖެހިގެން އައި ދުވަހު ލިސްޓް ދިގުކޮށް، އާއިލާގެ މީހުންތަކެއް ވެސް ހިމެނި އެވެ. އެހެން ގޮސް ފަހުން އަހަރެންނާއި އޭނާގެ ހުރިހާ ބޭބެއިންނާއި ދައްތައިގެން ފެށިގެން ގޮސް، މިސްކިތުގެ އިމާމުވެސް ހަދަނީ ސިހުރެވެ. ފުލުހުން ވެސް އުޅެނީ ސިހުރު ހެދުމުގަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިމާ އާޔަތުލް ކުރުސި ކިޔާފައި ޑޮކްޓަރުގެ މޫނަށް ފުމެން ފެށީ ޑޮކްޓަރުވެސް ސިހުރު ހަދާތީ އެވެ.

ހިޔާލީ އަޑުތަކާއި އިހުސާސްތައް

ސްކިޒޮފްރީނިއާގެ ބަލިމީހުންނަށް ވުޖޫދުގައި ނުވެސް ނެތް އަޑުތަކެއް އިވޭގޮތްވެ އެވެ. އަދި އެއްވެސް ގޮތަކަށް ނުވެސް ހިނގާ ކަންތައްތައް ފެންނަ ގޮތް ވެސް ވެ އެވެ. އެކަމަކު އެމީހުންނަށް ހީވާނީ އެ އިވުނު އަޑާއި ފެނުނު މަންޒަރު ފުރިހަމައަށް އިހުސާސްކުރެވުނު ކަމަށެވެ. ތަންތަން ހަލާކުރުމާއި މީހުންނަށް ބޮޑެތި އަނިޔާތައް ދިނުން ފަދަ ކަންތައްތައް ހިންގަނީ މިހެންވެ އެވެ.

ތުއްތުބެގެ ފަރާތުން މިކަން ވަނީ އެތައް ފަހަރަކު ހިނގައިފަ އެވެ. މާލޭގެ މަގެއްގެ މައްޗަށް އަހަރެން "ދަންމާލާފައި" ފިލުމުގެ އިތުރުން ވެސް އެފަދަ އެތައް ކަމެއް ހިނގި އެވެ. ކުޑަބެއަށް ގަދަކަމުން ބޭސް ކާންދިނުމަކީ ވެސް އެއް ކަންތަކެވެ. އަމިއްލައަތުން ބިނާކޮށް ފައްކާކުރަމުން އައި އަމިއްލަ ގެއަށް ކިތަންމެ ފަހަރަކު ގެއްލުން ދިނެވެ. އަވަށްޓެރިއެއްގެ ގޮތުގައި އުޅޭ ދެބެންގެ ދެރަރި މީހެއްގެ ގެއަށް ވެސް އެތައް ފަހަރަކު ގެއްލުން ދިނެވެ.

އިންތިޒާމެއް ނެތް ވިސްނުން

މާޔޯ ކްލިނިކްގެ ހޯދުންތަކުގައިވާ ގޮތުން، ސްކިޒޮފްރީނިއާ ބަލީގެ މީހުން ދައްކާ ހަމަނުޖެހޭ ވާހަތަކުގެ އަސްލަކީ އެމީހުންގެ ވިސްނުމުގެ އިންތިޒާމް މުޅިން ގެއްލިފައި ވުމުގެ ނަތީޖާ އެވެ. އެހެންވީމާ އެމީހުންނާ މުއާމަލާތްކުރުން ވާނީ ވަރަށް ދަތިކަމަކަށެވެ. ޖަވާބުދޭނީ ކުރާ ސުވާލަކަށް ނޫނެވެ. ޖަވާބެއް އެއްގޮތަކަށް ނުދިނުމަކީ ވެސް ވެދާނެ ކަމެކެވެ.

ވާހަކައެއް ދައްކަނީއޭ ހީވިޔަސް، ޖުމްލަތަކުގައި ބައެއް ފަހަރު އޮންނާނީ އެއްވެސް ގުޅުމެއް ނެތް ލަފްޒުތަކެކެވެ. އެއްވެސް މާނައެއް ދޭހައެއް ނުވާނެ އެވެ. ޑަކްޓަރީ ބަހުރުވައިގައި މިކަންތަކަށް ކިޔަނީ "ވޯޑް ސެލަޑް" އެވެ.

ތުއްތުބެގެ ފަރާތުން މިކަން ފެނުނީ މާޔޯ ކްލިނިކްގެ ލިއުމުގައި ސީދާ އެ އޮތް ގޮތަށޭ ވެސް ބުނެވިދާނެ އެވެ. އޭނާ ވަރަށް އަވަސް އަވަސްކޮށް ކިޔަމުން ދިޔަ ފަތިވަރެއް އަހަރެން އެތައް ފަހަރަކު އަޑު އަހައިގެން ވެސް އެކައްޗެއް ވެސް ދޭހަނުވި އެވެ. ގުޅޭ އެއްވެސް ލަފްޒެއް އެ ޖުމްލަތަކުގައި ނެތީ އެވެ. މުޅިން ތަފާތު އެކި ދާއިރާތަކުގެ ލަފްޒުތަކެއް އެއްކޮއްލާފައި ފާޑެއްގެ ރާގަކަށް ކިޔަނީ އެވެ.

ހައްދެއްނެތް ވަރަށް ކޮންޓްރޯލުން ނެއްޓޭ ހަރަކާތްތައް

މީގެ ތެރޭގައި ތުއްތު ކުއްޖަކު ކުރާ ކަހަލަ ހަރަކާތްތައް ކުރުމާއި ކުއްލި ކުއްލިއަށް، ގޮތް ނޭނގޭ ހަރަކާތްތައް ކުރުން ހިމެނެ އެވެ. އެމީހުންގެ އުޅުމުގައި އެއްވެސް ލަނޑުދަނޑިއެއް ނޯންނާނެ އެވެ. އެހެންވީމާ ވަކިކަމެއް ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ. ކަމެއް ގޮތަކަށް ކުރަން ބުނުމަކީ އެމީހުންނަށް ވަރަށް އުނދަގޫކަމަކަށް ވާ ހާލަތްތައް އާދެ އެވެ. ހައިރާންކުރުވަނިވި ގޮތަކަށް ތަނެއްގައި ހުރުން ނުވަތަ އިނުމާއި ދައްކާ ވާހަކައަށް އެއްގޮތަކަށް ވެސް އިޖާބަ ނުދިނުމަކީ ވެސް މީގެ ތެރެއިން އަންނަ ކަމެކެވެ.

މިކަން ވެސް ތުއްތުބެގެ ފަރާތުން ފެނުނީ އިންތިހާ ދަރަޖައިގަ އެވެ. ދަމާ އިތިކޮށްފައި ވަރަށް ބާރަށް އަތް ހޫރަމުން އޭނާ ގާތްގަނޑަކަށް 30 ގަޑި އިރު ވަންދެން މާލޭގައި ހިނގި އެވެ. އަހަރެންނަށް ޖެހުނީ އޭނާ ނުގެއްލޭ ވަރު ބަލައިގެން ފިހާރަތަކުން ދަޅާއި ފުޅިއާއި ބިސްކޯދު ގަނެގެން ކަމުން އޭނާ ފަހަތުން ހިނގާށެވެ. އެއިން އެއްޗެއް އޭނާގެ އަރުން އެތެރެކުރެވެނީ މަދު ފަހަރަކު އެވެ. އެހެން ދާ ދިއުމުގައި ކުއްލިއަކަށް މަގު މެދަށް ހުއްޓިފައި ވެސް ހުރެދާނެ އެވެ. އެއްފަރާތަށް ގެންދަން ކިތަންމެ މަސައްކަތެއް ކުރިޔަސް އިޖާބައެއް ނުދެ އެވެ.

މޮބް އެއްވެގެން ތަޅައި އަނިޔާކުރުމުން ވެސް ތުއްތުބެ މަޑުނުވީ މި ސަބަބާ ހެދި އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ހަސަން ބުނިގޮތުން ނަމަ ހަތަރު ފުލުހުން ވަރަށް މަސައްކަތުން ހިފަހައްޓައި، ފަހަތަށް ބިޑި އަޅުވައިގެންނެވެ. ހޮސްޕިޓަލްގެ އެނދާ އެއްކޮށް، ހަތަރެސްފައި އައްސާފައި އޮތް ކަމަށް މި ލިއުމުގެ ފެށޭ ހިސާބުގައި އެއޮތީ އެވާހަކަ އެވެ.

މި ބަލީގެ މީހުންނާ ދިމާލަށް ކިތަންމެ ހަޅޭކެއް ލިޔަސް، އެމީހުން ކޮންޓްރޯލެއް ނުވާނެ އެވެ. އެހެން ނަމަ އެދުވަހު މީހުން ކުރި އަނިޔާއާއި ފުލުހުން ކުރަން ޖެހުނު މަސައްކަތުން ތުއްތުބެ މައިތިރި ވީހެވެ.

މުޅި ދުނިޔޭގައި ވެސް އޮތީ އަނިޔާ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން މިއަހަރު މިމަހުގެ 11 ވަނަ ދުވަހު އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ސްކިޒޮފްރީނިއާގެ އަސަރުކޮށްފައިވާ 24 މިލިޔަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ ތިއްބެވެ. އެއީ ދުނިޔޭގެ އާބާދީގެ ކޮންމެ 300 މީހަކުން އެކަކެވެ. އެކަމަކު އޭގެ ގިނަ މީހުންނަށް ކުރިމަތިވަނީ އަނިޔާއާއި ފުރައްސާރަ އެވެ. ފަރުވާ ލިބެނީ ނިސްބަތުން މަދު ބަޔަކަށެވެ. އެބަލީގެ އަލާމާތްތައް މުޅިން ފިލުވާލައި އާއްމު ދިރިއުޅުމެއްގައި އެމީހުންނަށް އުޅެވޭ ވަރުގެ ބޭސް ފަރުވާ ހުރި ނަމަވެސް އެ ބަލީގެ ކޮންމެ ތިން މީހަކުން ދެމީހަކަށް ފަރުވާ ނުލިބެ އެވެ.

އޭގެ ބަދަލުގައި ކުރިމަތިވަނީ ޗޭނު ޖަހައި ބަނދެފައި ބޭތިއްވުމާއި ތަންތަނުގެ އެތެރޭގައި ބަންދުކޮށްގެން ގެންގުޅުމާއި ތަޅައި އަނިޔާކުރުން ފަދަ ކަންތައްތަކެވެ.

އެނގެންވީ ކަމަކީ މިއީ ބައްޔެއް ކަމެވެ. ބައްޔެއްގެ ސަބަބުން ސިކުނޑީގައި އުފެދޭ ރާޅުބާނިތަކެކެވެ. ކިތަންމެ އަނިޔާއެއް ކުރިޔަސް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ. ކުރަން ޖެހޭނީ ހަމަ ފަރުވާ އެވެ.

މުހައްމަދު ނަސީމް

ސީނިއާ ޖާނަލިސްޓް

މުހައްމަދު ނަސީމް ނޫސްވެރިކަމުގެ ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ބޭރު ދުނިޔޭގެ ހަބަރުތަކާއި ރާއްޖޭގެ ސިޔާސީ ހަބަރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރުމުގައި ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ "ޖަޒީރާ"، "ސަން"، "އަވަސް" އަދި "މިހާރު" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox