ޓީ20 ޕްރިމިއާ ޗެމްޕިއަންޝިޕްގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން މާލޭ ވެޓެރަންސް އިން ހޯދައިފި އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ޓީ20 ކްރިކެޓް ޕްރިމިއާ ޗެމްޕިއަންޝިޕަކީ ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. އަށް ޓީމު ވާދަކުރި ޓީ20 ޕްރިމިއާ ލީގުގެ ފައިނަލްގައި ވާދަކޮށްފައިވަނީ މާލޭ ވެޓެރަންސްއާއި މާލޭ ސްޕޯޓްސް ކްލަބެެވެ.
ފައިނަލް މެޗުގެ ޓޮސް ދިމާވުމުން މާލޭ ވެޓެރަންސް އިން ގަސްތުކުރީ ހޮވުމަށެވެ. މާލޭ ސްޕޯޓްސް ކުލަބުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 128 ލަނޑެވެ.
މާލޭ ސްޕޯޓްސް ކުލަބަށް މި އިނިންގްްސްގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ ކުރީކޮޅު ޓީމްގެ އޯޕަނިންގްސް ދެ ބެޓްސްމަނުން ފުރަތަމަ ދެ އޯވަރުގެ ތެރޭގައި ނުބައިވުމެވެ. ނަމަވެސް ރާއްޖޭގެ ހުނަރުވެރި ބެޓްސްމަން މުޙައްމަދު ރިސްވާން ވަނީ ކުޅެން ނިކުމެ 17 ބޯޅައިން 36 ލަނޑު ހަދައި މާލޭ ސްޕޯޓްސް އަށް ފައިނަލްގެ އުއްމީދު ދަމަހައްޓައި ދީފައެވެ. އަނެއް ކޮޅުން ފަސް ވަނަ އަށް ބެޓްކުރަން ނުކުތް ހަސަން ހާޒިގް ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އޭނާ ވަނީ 51 ބޯޅައިން 50 ލަނޑު ހަދައިދީދީފަ އެވެ.
ޖަވާބުގައި މާލޭ ވެޓެރަންސް އިން ކުޅެން އަރައި ބާކީ އެންމެ އޯވަރެއް އޮއްވައި ދެ ކުޅުންތެރިން ނުބައިވެގެން 131 ލަނޑު ހަދައި މެޗު ކާމިޔާބުކުރި އެވެ.
މި އިންނިގްސްގައި މާލޭ ވެޓްރަންސްގެ ފެށުން ދިޔައީ ރަނގަޅަށެވެ. މި ގޮތުން ފުރަތަމަ ކުޅެން އެރި އަޝްކަރު ހުސައިން ވަނީ 53 ބޯޅައިން 53 ލަނޑު ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަސްކަރުގެ މޮޅު ކުޅުމާ އެކު މާލޭ ވެޓެރަންސް އަށް މެޗު ކާމިޔާބު ކުރަން ފަސޭހަވި އެވެ. އެ ޓީމަށް ގެއްލުނީ އެންމެ ދެ ވިކެޓެވެ.
މާލޭ ވެޓެރަންސް އަކީ ޓީ20 ޕްރިމިއާ ލީގުގެވެސް ޗެމްޕިއަން ޓީމެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށާއި ރަނަރަޕް އަދި ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލްކޮށްދެއްވީ ނެސްލޭ މައިލޯގެ ފަރާތުން ދިޝާން ވިޖަޔަވަރްދެނަ އެވެ.













