ހައްގު ދެނެގަންނާނީ މީހުން ރުހޭ ގޮތް ބަލައިގެންނެއް ނޫން!

ހައްގު ދެނެގަންނާނީ މީހުން ރުހޭ ގޮތް ބަލައިގެންނެއް ނޫން!

ބުއްދިވެރި ވާހަކައެއްގައި ކިޔައެވެ. އެއްސަހަރެއްގައި އުޅުނު ރަސްކަލަކަށް ދަރިޔަކު ނުލިބިގެން ރަސްގެފާނުގެ އަނބިކަނބަލުން ވަރަށް ގިނަ ހަކީމުން ގާތަށް ފޮނުވައިގެން ފަރުވާ ކުރާތާ ޒަމާންތަކެއް ފަހުން ކުއްޖަކު ލިބިވަޑައިގަތެވެ. ނަމަވެސް އެ ކުއްޖާ ވިހޭއިރު، ކުއްޖާގެ އެއް ކަންފަތެއް ނެތެވެ. މިކަމާ ރަސްގެފާނު ވަރަށް ބޮޑަށް ދެރަފުޅުވެ، ދަރުބާރު އެއްކުރައްވައި މަޝްވަރާކުރައްވަން ފައްޓަވައިފި އެވެ. ރަސްގެފާނުގެ މައިގަނޑު ކަންބޮޑުވުމަކަށްވީ، ދަރިފުޅު ބޮޑުވެގެން އަންނައިރު، އެހެން މީހުން ފަދައިން ދަރިފުޅުގެ ދެ ކަންފަތް ހަމަޔަށް ނެތުމުން ދަރިފުޅު ވާނެ ދެރަޔާއި ދަރިފުޅު ގަންނާނެ ލަދެވެ. ވަރަށް ބުއްދިވެރި ވަޒީރަކު ރަސްގެފާނަށް ލަފާއެރުވީ، އެޖީލުގެ ހުރިހާ ކުޑަކުދިންގެ އެއް ކަންފަތް ބުރިކުރުމަށެވެ. ކޮންމެއަކަސް ރަސްގެފާނު މިގޮތަށް އަމުރުކުރައްވައި މިއަމުރު ތަންފީޒުކުރައްވައިފި އެވެ.

ޖީލެއް ފުރާ ފުރިހަމަވެ މުޅި މުޖުތަމައުގެ އެންމެންނަކީ އެއް ކަންފަތް ނެތް ބަޔަކަށްވެ ނިމިއްޖެ އެވެ. އެއް ދުވަހެއްގައި މުޅިން އެހެން ސަހަރަކުން އާދެވުނު ޒުވާނަކު މިސަހަރަށް ވަނުމުން ސަހަރުގެ މީހުންނަށް އެޒުވާނާ ފެނި މުޅިން އަޖައިބުވެ އެންމެން އެޒުވާނާއަށް މަލާމަތްކޮށް ބަދުބަސްތައް ރައްދުކުރަން ފަށައިފި އެވެ. އެޒުވާނާގެ ދެކަންފަތް ހުންނާތީ އެވެ. ޒުވާނާއަށް މިކަން ބޮޑުވެ އެމީހުންގެ ތެރެއިން ވުމަށްޓަކައި އޭނާގެ އެއް ކަންފަތް ބުރިކޮށްލުމަށް ޑޮކްޓަރަކު ކައިރިއަށް ގޮސް އެމީހުންނާ އެއްފަދައިން އޭނާ ވެގަނެއްޖެ އެވެ. އެ މުޖުތަމައުއިން ބަލައިގަންނަ މީހަކަށް ވުމަށްޓަކަ އެވެ. ފުރިހަމަ ގޮތް އުނިގޮތަށްވެ އުނިގޮތް ފުރިހަމަ ގޮތަށްވީ އެވެ.

މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުގައި އައިސްފައި ވެއެވެ. ތިޔަބައިމީހުންކުރެ މީހަކު "އިއްމަޢާ" އެއްކަމުގައި ނުވާށެވެ. އިއްމަޢާއަކީ ކޮބައިކަމާމެދު އިލްމްވެރިން ވިދާޅުވަނީ، އެއީ އަމިއްލަ ވިސްނުމެއް ނުހުންނަ މީހާ އެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި އިއްމަޢާއަކީ، ކޮންމެ މީހެއް ކައިރީގައި ވެސް ތިމަން މިހުރީ ކަލެޔާ އެއްކޮޅަށޭ ބުނާ މިހާ އެވެ. ކޮންމެއަކަސް ހުރިހާ އިލްމުވެރިން ވިދާޅުވާ ގޮތުންވެސް އިއްމަޢާއަކީ އަމިއްލަ ވިސްނުމެއް ސާބިތުކަމެއް އަމިއްލަ ނިންމުމެއް ނުއޮންނަ މީހާކަން އެނގެ އެވެ.

އިސްލާމްދީން މިގޮތަށް އިރުޝާދުދެނީ ސަބަބުތަކަށްޓަކަ އެވެ. މުއުމިނުންގެ ޝަހުސިއްޔަތަކީ، ދެރަ ނިކަމެތި ފަސޭހައިން ގުޑުވާލެވޭ ޝަހުސިއްޔަތަކަށްވެގެނެއް ނުވާނެ އެވެ. އިށީންނަ ކޮންމެ މަޖިލީހެއްގައި ނުވަތަ ދިމާވާ ކޮންމެ ކަމެއްގައި ތިމާގެ ވަށައިގެންތިބޭހާ ބަޔަކު ބުނާ ކޮންމެ ބުނުމަކީ ރަނގަޅު ބުނުމެއްކަމުގައި ދެކެގެން ބަލައިގަނެގެނެއް ނުވާނެ އެވެ. މުއުމިނެއްގެ އެންމެ މުހިންމު އެއް ސިފައަކީ، އަމިއްލަ ލޮލުން ބަލައި، އަމިއްލަ ކަންފަތުން އަޑުއަހައި، އަމިއްލަ ވިސްނުމުގައި ކަންކަން ކަނޑައެޅުންކަން މިއިރުޝާދުން ދަލީލުކުރެ އެވެ.

އިސްލާމީ ޝަރީއަތަކީ، ދިރިއުޅުމުގެ އެންމެހައި ދިމާއެއްގައި ކަނު ތަބާވުންތައް ނަހީކުރާ ދީނެވެ. ވިސްނާ ފިކުރުކުރުމަށް ގަދައަށް ބާރުއަޅާ ދީނެވެ. ކީރިތި ގުރުއާނުގެ އެތައް ތަނެއްގައި އެގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތް ގަބޫލުކުރަންޖެހޭ ބުއްދީގެ ހަމަތަކާއި ހުއްޖަތްތައް އައިސްފައިވަނީ ވެސް މިދެންނެވި މަތިވެރި ހިކުމަތުގެ ދަށުންނެވެ.

މުޙައްމަދު ސޫރަތުގެ 24 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. "ފަހެ، ގުރުއާނާއާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީ ހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟" ގުރުއާނާއި މެދު ވިސްނާފިކުރު ނުކުރާ މީހާގެ މިސާލަކީ ހިތްތައް ތަޅުލެވި ސިކުނޑިތައް ފޮށްޓަށްލެވިފައިވާ މީހެއްގެ ގޮތުގައި، މިސާލު ޖައްސަވަނީ އެކަމާމެދު އަހަރެމެން ފިކުރުކުރުމަށެވެ. އެހެނީ ކީރިތި ގުރުއާނުގެ އާޔަތްތައް ދުނިޔެވީ ހަޔާތުގެ ކަންކަމަށް ހުށަހަޅައި، އަލަށް ދިމާވާ ކަންކަމުގެ ހުކުމްތައް ދެނަގަތުމަކީ ވިސްނާފިކުރުކޮށްގެން ކުރާން އޮތް ކަމަކަށްވާތީއެވެ.

ހައްގު ގޮތް ހޯދުމާއި ހައްގު ބަސް ބުނުމާއި ހައްގަކީ ކޮބައިކަން ދެނެގަތުމުގައި މުސްލިމަކު ކުރާނެ އެންމެ ހިތާމަވެރި ކަމަކީ، ކަނު ތަބާވުމަކުން އޭނާ ފަދަ އެހެން އަނެކާއަށް ތަބާވުމެވެ. ހައްގު ގޮތް ދެނެގަތުމުގެ އެންމެ މުހިންމު އަސާސްކަމަށް އިލްމުވެރިން ބަޔާންކުރައްވާ ހަމައެއް އޮވެ އެވެ. "ހައްގަކީ މީހުންގެ ޒަރީއާއިން ހޯދާ އެއްޗެއް ނޫނެވެ. ހައްގު ދެނެގަންނާށެވެ. އޭރަށް ހައްގުގެ އަހުލުވެރިންނަކީ ކޮބައިކަން އެނގޭނެ އެވެ." އަނެއް އަސާސަކަށް ބަޔާންކުރައްވަނީ، ބަސް ބުނި މީހަކަށް ނުބަލައި ބުނި ބަހަށް ވިސްނާފިކުރުކޮށް ބެލުމެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައި ވެއެވެ. ހައްގު ބަސް ބުނާށެވެ. އެއީ ހިތިއެއްޗެއްކަމުގައި ވިޔަސްވެހެވެ. މިހަދީސްފުޅަށް ވިސްނައި ފިކުރުކުރުމުން ހައްގު ބަހަކީ ކޮންމެ ފަހަރަކު އެ ބުނާ މީހާއަށް ތާރީފާ ސަނާ އޮހޭނެ ސަބަބެއް ނޫންކަން އެނގެ އެވެ. އަދި ހައްގަކީ ކޮންމެ ފަހަރަކު ބަލައިގަންނަން އެހާ ފަސޭހަވާނެ އެއްޗެއް ނޫންކަމުގެ މައްޗަށް ވެސް މިހަދީސުން ދަލީލު ލިބެއެވެ. އާދޭހެވެ! ހައްގަކީ މީސްތަކުންގެ ރުހުމުގެ މައްޗަށް އޮތް އެއްޗެއް ނޫނެވެ. ހައްގު ދެނެގަންނާނީ މީހުން ރުހޭ ގޮތް ބަލައިގެންނެއް ނޫނެވެ.

އިތުރު އެކަލޭގެފާނު އަންގަވާފައިވަނީ، ﷲ ގެ ކޯފާވޮޑިގަތުމަށް ފަރުވާލެއް ނެތި، މީސްތަކުން ރުއްސާ މީހާ މީސްތަކުންނަށް ﷲ ދޫކޮށްލައްވާކަމުގަ އެވެ. އެކަމަކު މީސްތަކުން ނުރުހިދާނޭ ކަމަށް ބެލުމެއްނެތި ﷲ ގެ ރުހިވޮޑިގަތުމަށް އެދޭ މީހާ، މީސްތަކުންގެ އެހީތެރިކަމަށް ބޭނުންނުވާނޭ ފުދިގެންވާ މީހަކުކަމުގައި މާތް ﷲ ލައްވާކަމުގަ އެވެ.

އިމާމް ޝާފިޢީގެ ދަރިވަރެއްކަމުގައިވާ ރަބީޢު ބިން ސުލައިމާން ވިދާޅުވެ އެވެ. އިމާމް ޝާފިޢީ ތިމަންނާއަށް ނަސޭހަތްދެއްވަ އެވެ. އޭ ރަބީޢެވެ. މީސްތަކުންގެ ރުހުމަކީ ދުވަހަކުވެސް ހާސިލުވާނެ އެއްޗެއް ނޫނެވެ. ތިބާއަށް ރަނގަޅުކަމުގައި ފެންނަ ގޮތުގައި ހިފާށެވެ. މީސްތަކުންގެ ރުހުން ހޯދުމަކީ އެކަމަށް މަގެއް އޮތްކަމެއް ނޫނެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox