"މޯލްޑިވްސް ހައިޑްރޯގްރެފިކް ސާވިސް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ މުޅިން އާ އިދާރާއެއް އުފައްދަވައިފި އެވެ.
ހައިޑްރޯގްރަފީއަކީ ކަނޑުތަކާ ކޯރުތައް ފަދަ ތަންތަން ދިރާސާކޮށް އެތަންތަނުގެ ޗާޓުތައް ތައްޔާރުކުރުން ފަދަ މަސައްކަތަށް ކިޔާ ނަމެކެވެ.
ރައީސް އޮފީހުން އެކަމާ ގުޅިގެން އިއްޔެ ކޮށްފައިވާ އިއުލާނުގައިވާ ބުނެފައި ވަނީ އެ އިދާރާ އުފައްދާފައި ވަނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާ ނުވަތަ ވުޒާރާތައް އުފެއްދުމާ ބެހޭ މާއްދާގެ ދަށުން ރައީސް އަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް ގެ ނަމުގައި އިދާރާއެއް އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
އަލަށް އުފެއްދި އެ އިދާރާގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޯގްރަފީގެ ސާވޭތައްކޮށް، މައުލޫމާތު އެއްކޮށް، ބެލެހެއްޓުމެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފީ ސަވޭތަކުގެ މައުލޫމާތު ހޯދައި، މައުލޫމާތު އެއްކޮށްފައި ބެލެހެއްޓުމާއި ފޯރުކޮށްދިނުމާއި އަދި އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާދިނުން ވެސް އެ އިދާރާގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ.

އޭގެ އިތުރުން އެ އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް ރާއްޖޭގެ ސަރަހައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަ އާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ދިވެހިރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުމާއި ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުމަކީ ވެސް މި އިދާރާގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ހައިޑްރޯގްރެފީގެ މަސައްކަތްތަކަށް ހާއްސަ އިދާރާއެއް ސަރުކާރުން އުފެއްދިއިރު، އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ވަނީ ހައިޑްރޯގްރަފީ އެންޑް އޯޝަން އިކޮނޮމީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.













