ހުޅުމާލޭ ހައިވޭގައި ސޯލާ ޕެނަލްތަކެއް ހަރުކޮށްގެން އަވިން ހަކަތަ އުފައްދަން އެންވަޔަރަމަންޓު މިނިސްޓްރީން ހިންގާ ޕްރޮޖެކްޓު ސައިޓު ސާފުކުރަން ފަށައިފި އެވެ.
ހައިވޭގެ ހުޅުމާލެއިން އިން މާލެއަށް ދާ ފަޅީގައި އަޅާ މި ފަސް މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ތެރެއިން ކުރާ މަސައްކަތެކެވެ.
މިއީ، މިހާތަނަށް އެންމެ ގިނަ ސޯލާ ޕެނަލް ހަރުކޮށްގެން ރާއްޖޭގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމެވެ.
މި ޕްރޮޖެކްޓު ފަށަން ސައިޓުގެ ޖިއޯޓެކްނިކަލް ސާވޭ އާއި އީއައިއޭގެ އިތުރުން ސްޓްރަކްޗާގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް މިދިޔަ އަހަރު ނިމިއްޖެ އެވެ. އޭރު އަމާޒުކުރީ އެ އަހަރުގެ ނިޔަލަށް ޕެނަލްތައް ހަރުކޮށް ނިންމާ އެތަނުން އަވިން ހަކަތަ އުފައްދަން ފަށާށެވެ.
ނަމަވެސް، ބުނި ތާރީހަކަށް އެ މަސައްކަތްތައް ނުނިމެ އެވެ.

މިކަމާ ގުޅިގެން އެސްޕަޔާ ޕްރޮޖެކްޓުގެ އޮފިސަރު އިފާދު ވަހީދު "އަދަދު" ނޫހަށް ވިދާޅުވީ، ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ނުފެށި ލަސްވީ ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާ ބުޑުތައް ހަރުކުރަން ސައިޓު ތައްޔާރު ކުރަން ޖެހޭތީ އާއި ކޮވިޑާ ގުޅިގެން ކުރިމަތިކުރުވި ހުރަސްތަކުގެ ސަބަބުން ކަމަށެވެ.
"އޭރު އެކަން ނުކުރެވޭ ރީޒަންއަކީ އެ ޖަހާ ސަރަހައްދަކީ އެޗްޑީސީން އަޅާފައި އޮންނަ ޕޭމަންޓެއް، ބުޑުތައް ހަރުކުރަން ނުވޭ"
ސައިޓު ސާފުކުރުމަށް ކުރާ މައިގަނޑު މަސައްކަތަކީ އެތަނުގައި އަޅާފައި ހުރި ޕޭމަންޓު ގާތަށް ނެގުމެވެ. މިހާރު މި މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.
އިފާދު ވިދާޅުވި ގޮތުގައި ގާތައް ނެގުމުގެ މަސައްކަތް ނިމުމުން ކޮންޓްރެކްޓަރު ސައިޓާ ހަވާލުވާނެ އެވެ. އަދި އެއަށް ފަހު އަމަލީ މަސައްކަތް ފަށަން ފަހުގެ ތައްޔާރީތައް ކުރިޔަށް ދާނެ ކަމަށާއި ޖުލައި ހާތާނގާއި ސްޓްރަކްޗާގެ މަސައްކަތްތައް ފެންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސައިޓު ހަވާލުވުމަށް ފަހު، އަންދާޒާކުރަނީ އެއްޗެހި އޯޑަރުކޮށްގެން، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް. އޭރަށް މަސައްކަތް ފެންނަން ފަށާނެ"

ހުޅުމާލޭ ހައިވޭގެ އެއް ފަޅީގައި ހުރި ޕޭމަންޓު ގާތައް ނައްޓަނީ: މި ގާތަށް ނައްޓަނީ ސޯލާ ޕެނަލްތައް ހަރުކުރާ ބުޑުތައް ޖަހަން ވެގެން. -- ފޮޓޯ: ވޯލްޑް ބޭންކު
މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރަކީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑެވެ. އެ ނިޒާމުގެ މެއިންޓެނަންސް މަސައްކަތް ވެސް ހަވާލުކުރީ މި ކުންފުންޏާ އެވެ.
މި ސޯލާ ޕެނަލްތަކުން އަހަރަކު 7.3 މިލިއަން ކަރަންޓު ޔުނިޓު އުފައްދާނަ އެވެ. މީގެ ކަރަންޓު ޔުނިޓެއް އެންސިސް އިން ސްޓެލްކޯއަށް ވިއްކަނީ ކަރަންޓު ޔުނިޓެއް 10.09 ޔޫއެސް ސެންޓް (ގާތްގަނޑަކަށް ދޮޅު ރުފިޔާ) އަށެވެ.
މީގެ ސަބަބުން ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ ފައިސާގެ އަދަދެއް ކޮންމެ އަހަރަކު ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ.
މިހާރު ޕްރޮޖެކްޓު ޓައިމްލައިނަށް އައިސްފައިވާ ބަދަލުތަކާ އެކު ލަފާކުރެވެނީ އަންނަ އަހަރު ފެށޭއިރު މި ނިޒާމުން ކަރަންޓު އުފައްދައިގެން ބޭނުން ކުރަން ފެށޭނެ ކަމަށެވެ.












