އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 4-1 އިން ބަލިކޮށް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ހަތަރު ވަނަ މަގާމު ކަށަވަރުކޮށްފި އެވެ.
ސަސްގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) ވަނީ މި މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. މިއީ މިދިޔަ ދެ ސީޒަނުގައި ދަ ގްރާންޑޭ އަށް ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ)، މި ސީޒަނުގައި ސަސްއާ ހަވާލުވި ފަހުން ކުރީގެ ޓީމާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗެވެ.
ސަސް ހަތަރު ވަނަ ޔަގީންކުރީ ލީގު ބުރުގައި އެ ޓީމު ކުޅުނު ފަހު މެޗަށް ފަހު، ހަތް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި މި ވަގުތު އޮތް އީގަލްސް އިން މާދަމާ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރި ނަމަވެސް އެ ޓީމަށް ހަތަރު ވަނަ އަށް ނޭރޭނެ އެވެ. އީގަލްސް އަށް ހަ މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
މިރޭގެ މެޗުގައި ސަސް އާއި ދަ ގްރާންޑޭ އިން ވެސް އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ އެ ޓީމުގެ ގޯލްކީޕަރުގެ މަގާމަށެެވެ. ސަސްގެ ކީޕަރަކަށް ހުރީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލްކީޕަރު، ޔޫސުފް މީސަމް އަބްދުﷲ އެވެ. އަދި ގްރާންޑޭ ކީޕަރަކަށް ހުރީ ސަމާހު ޝާދީ އެވެ.
މެޗު ފަށައިގެން ލީޑު ނެގުމާ ގާތަށް ޖެހިލީ ދަ ގްރާންޑޭ އެވެ. ފަސް ވަނަ މިނިޓްގައި ސަސް އޭރިއާތެރެއިން ގްރާންޑޭގެ ޖަޕާނު މިޑްފީލްޑަރު ޔޫގޯ ކަވަބާޓާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ސަސް އިން ލީޑުނެގީ މެޗުގެ 15 ވަނަ މިނިޓްގައި އިއްބެ ޖެހި ގޯލުންނެވެ. މިއީ އިއްބެ އަށް ދަ ގްރާންޑޭގެ ކީޕަރު ސަމާހު ކުރި ފައުލަކަށް ރެފްރީ އަހުމަދު ޝިފާން ދިން ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. ކީޕަރު ސަމާހަށް ރަތް ކާޑު ދެއްކުމުން ގްރާންޑޭ އިން ބެންޗުގައި އިން ކީޕަރު ހަސަން މުއާޒް ކުޅެން އެރުވީ ހުސެއިން ރިފާންގެ ބަދަލުގަ އެވެ. ކީޕަރު މުއާޒް ގޯލުގައި ހުއްޓައި އިއްބެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.
މެޗުގެ ތިން ބައިކުޅަ އެއް ބަޔަށް ވުރެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ އުނދަގޫ ދަ ގްރާންޑޭ އަށް ކުރިމަތިވި އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ސަސްގެ ލީޑުފުޅާކޮށްދިނީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. ކުރިން ދަ ގްރާންޑޭ އަށް ކުޅުނު މުލަކޭ މި ގޯލު ޖެހީ އިއްބެ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.
ސަސް އިން ވަރަށް ބޮޑަށް އެޓޭކަށް ޖެހިގެން ދެ ވަނަ ހާފް ފަށައިގެން ކުޅެމުން ދިޔައިރު، މެޗުގެ 58 ވަނަ މިނިޓްގައި ސަސްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) ޖެހި ބޯޅައެއް ކީޕަރު މުއާޒް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 62 ވަނަ މިނިޓާއި 63 މިނިޓްގައި ދެ ގޯލު ޖަހައި އިއްބެ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ދެ ވަނަ ގޯލު ޖެހީ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ހެޓްރިކް ފުރިހަމަ ކުރީ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ދަ ގްރާންޑޭ އިން ވަނީ ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ވެސް މެޗުގެ 84 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިބްރާހިމް އަމީރް ސަސްގެ އޭރިއާތެރެއިން ފޮނުވާލަން އުޅުނު ބޯޅައެއް ބޮލްކޮވެގެން ލިބުނީ ގްރާންޑޭގެ ކެޕްޓަން، އިސްމާއިލް މަފާޒް އިބްރާހިމް އަށެވެ. މަފާޒް ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން މޮޅެއް ނުލިބި މުބާރާތް ނިންމާލަން ޖެހުނީ ގްރާންޑޭ އެވެ. ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ގްރާންޑޭ ބަލިވިއިރު، އެ ޓީމަށް ލިބުނު ހަމައެކަނި ޕޮއިންޓަކީ ޔުނައިޓެޑް ވިކްޓްރީއާ 1-1 އިން އެއްވަރުކޮށްގެން ލިބުނު ޕެނަލްޓީ އެވެ. ލީގު ތާވަލުގެ އެންމެ ފުލުގައި ގްރާންޑޭ އޮތީ އެއް ޕޮއިންޓާ އެކު އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. އަދި މާދަމާރޭ ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި ވެލެންސިއާ އާއި މާޒިޔާ ވާދަކުރާނެ އެވެ. މި މަހު 23 ވަނަ ދުވަހު ރ. އަލިފުށީގައި ކުޅޭ ފައިނަލް މެޗުގައި ވާދަކުރާނެ ދެ ޓީމެއް ކަނޑައެޅޭނީ މާދަމާގެ މެޗުތަކުންނެވެ.











