ޓީ20 ކްރިކެޓް ޕްރިމިއާ ޗެމްޕިއަންޝިޕްގެ ފައިނަލުން މާލޭ ވެޓްރަންސްއާއި މާލޭ ސްޕޯރޓްސް ކްލަބް ޖާގަހޯދައިފި އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޓީ20 ކްރިކެޓް ޕްރިމިއާ ޗެމްޕިއަންޝިޕަކީ ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. އަށް ޓީމު ވާދަކުރި ޓީ20 ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމްގެ ގޮތުގައި ޗެމްޕިއަންޝިޕުން ޖާގަ ހޯދީ މާލޭ ވެޓްރަންސް، މިލާން ކްރިކްޓް އެކަޑެމީ، މާލޭ ސްޕޯޓްސް އަދި ވިޔަންސާ އެވެ.
ޓީ20 ކްރިކެޓް ޕްރިމިއާ ޗެމްޕިއަންޝިޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ވާދަކުރީ މާލޭ ވެޓްރަންސްއާ ވިޔަންސާ އެވެ. މި މެޗު ފަސޭހަކަމާއިއެކު 55 ލަނޑު ކާމިޔާބުކުރީ މާލޭ ވެޓްރަންސް އެވެ.
މި މެޗުގެ ޓޮސް ދިވާމުވުމުން ވިޔަންސާ ގަސްތުކުރީ ހޮވުމަށެވެ. މާލޭ ވެޓްރަންސް ކުޅެން އަރާ 20 އޯވަރުގެތެރޭ 6 ކުޅުންތެރިން ނުބައިވެގެން 178 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 64 ބޯޅައިން 91 ލަނޑު ޖެހި އަސްކަރު ހުސެއި އެވެ. މި އިނިންގްސް ގައި ވިޔަންސާގެ ބިލާލް 3 ވިކެޓް ނެގި އެވެ.
ޖަވާބުގައި ވިޔަންސާ ކުޅެންއަރާ 19 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 122 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ސުޖަންގެ އިތުރުން 29 ލަނޑު ހެދި ތަރިއްދު އެވެ. މާލޭ ވެޓްރަންސްގެ ނާލަކަ މި އިނިންގްސްގައި 3 ވިކެޓް ނެގި އެވެ.
މުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. މިލާން ކްރިކެޓް އެކަޑެމީއާ ވާދަކޮށް ބާކީ ދިހަ ބޯޅަ އުކަން އޮއްވާ މި މެޗު ހަތަރު ވިކެޓުން ކާމިޔާބުކުރީ މާލޭ ވެޓްރަންސް އެވެ.
މި މެޗުގެ ފުރަތަމަ ކުޅެން އެރީ މިލާން ކްރިކެޓް އެކަޑެމީ އެވެ. އެޓީމް ކުޅެން އަރާ 20 އޯވަރުގެ ތެރޭގަ ހަތް ކުޅުންތެރިން ނުބައިވެގެން 126 ލަނޑު ހެދި އެވެ. މި އިނިންގްސްގަ އެންމެ ރަނގަޅަށް ކުޅުނީ 46 ލަނޑު ހެދި ޔޫސުފް އަޒްޔާން އެވެ.
ޖަވާބުގައި މާލޭ ސްޕޯޓްސް އިން ކުޅެން އަރާ ބާކީ ހަ ބޯޅަ އޮއްވާ ހަ ކުޅުންތެރިން ނުބައިވެގެން 127 ލަނޑު ހަދާ މެޗު ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މާލޭ ސްޕޯޓްސްގެ ފާއިޒު 76 ލަނޑު ހެދިއެވެ.
މާލޭ ވެޓްރަންސްއާ މާލޭ ސްޕޯޓްސް ވާދަކުރާ ޓީ20 ޕްރިމިއާ ޗެމްޕިއަންޝިޕްގެ ފައިނަލް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގަ އެވެ.













