ލަންޑަން (ޖެނުއަރީ 16) - އެވަޓަންގެ ކޯޗުކަމާ މި ދިޔަ އަހަރު ހަވާލުވި ރަފައެލް ބެނިޓޭޒް، މަގާމާ ހަވާލުވިތާ 200 ދުވަސްތެރޭ ވަޒީފާ އިން ވަކިކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެވަޓަން ވަނީ ލީގުގެ ރެލިގޭޝަނުގައި އޮތް ނޮރިޗް ސިޓީ އަތުން ބަލިވެފަ އެވެ. އެއީ ބެނިޓޭޒް އެވަޓަނަށް ކޯޗުކޮށްދިން ފަހު މެޗެވެ.
ކުރިން އެވަޓަންގެ އަވައްޓެރި ކްލަބް، ލިވަޕޫލަށް ކޯޗުކޮށްދިން ބެނިޓޭޒް, އެވަަޓަންގެ ވަޒީފާއާ ހަވާލުވީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. ހަތް މަހެއްހާ ދުވަހު އެވަޓަންގެ ކޯޗުކަން ބެނިޓޭޒް ކުރިއިރު، އޭނާގެ އިރުޝާދުގެ ދަށުން އެވަޓަން ކުޅުނު 22 މެޗުގެ ތެރެއިން މޮޅުވީ ހަތް މެޗުންނެވެ.
އެވަޓަންގައި ބެނިޓޭޒް މި ސީޒަން ފެށީ ރަނގަޅަށެވެ. ލީގުގައި ފުރަތަމަ ކުޅުނު ފުރަތަމަ ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އެވެ. އެކަމަކު، އޮކްޓޫބަރު މަހުގެ ފަހުން އެވަޓަންގެ ފޯމު ގެއްލި ޓީމު ދިޔައީ ފަހަތަށެވެ. ލީގުގައި އެންމެ ފަހުން އެވަޓަން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ވަނީ ބަލިވެފަ އެވެ.
ކުރިން ލިވަޕޫލްގެ އިތުރުން ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑަށް ވެސް ޕްރިމިއާ ލީގުގައި ކޯޗުކޮށްދިން ބެނިޓޭޒް އެވަޓަންއާ އެކު މޮޅުވި މެޗުގެ ޕަސެންޓަކީ 31.8 އެވެ. މިއީ އިންގްލެންޑް ޓީމަކާ އެކު އޭނާގެ އެންމެ ދަށް ރެކޯޑެވެ.
އެވަޓަން އަށް އެންމެ ފަހުން ދާއިމީ ކޮންޓްރެކްޓެއްގައި ކޯޗުކޮށްދިން ފަސް ކޯޗުންނަށް ވެސް ދެ އަހަރު ވެސް ހިފަހައްޓައިނުލެވުނެވެ. ރޮނާލްޑް ކޫމަން އަށް އެވަޓަންގައި ހުރެވުނީ 1 އަހަރާއި 131 ދުވަހު އެވެ. ސޭމް އަލަޑައިސް އަށް އެވަޓަންގެ ކޯޗަކަށް ހުރެވުނީ 167 ދުވަހެވެ. މާކޯ ސިލްވާ 1 އަހަރާއި 188 ދުވަސް ވަންދެން ހުރިއިރު، ކާލޯ އަންޗެލޮޓީ ވަނީ 1 އަހަރާއި 162 ވަންދެން އެވަޓަން އަށް ކޯޗުކޮށްދީފަ އެވެ. އަދި ބެނިޓޭޒަށް ވަޒީފާ މި ގެއްލުނީ 200 ދުވަސް ތެރޭގަ އެވެ.
އެވަޓަން މި ވަގުތު އޮތީ ކުޅުނު 19 މެޗުން ލިބުނު 19 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ. އެވަޓަން އިން ބެނިޓޭޒް ވަކިކުރިކަން ހާމަކުރަން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ދާއިމީ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާނެ ކަމަށެވެ.
ދެން އެވަޓަންއާ ހަވާލުވާނެ ކޯޗުންގެ ނަންތަކުގެ ތެރެއިން މި ވަގުތު އިނގިރޭސި މީޑިއާގައި އެންމެ ނަން ހިނގަނީ ޑާބީ ކައުންޓީގެ ކޯޗުކަމާ ހަވާލުވެހުރި، އެވަޓަންގެ ކުރީގެ ފޯވާޑް ވޭން ރޫނީ އެވެ. ދެން އެ ލިސްޓުގައި އޮތީ ބްރަައިޓަންގެ ކޯޗު ގްރަހަމް ޕޮޓާ އެވެ.












