ރެއާލުން ސުޕަ ކަޕުގައި ބާސެލޯނާ ކަޓުވާލައިފި, ކްލަސިކޯގައި ރެއާލްގެ 100 ވަނަ މޮޅު!

Jan 12, 2022, 9:51 PM
ލަނޑު ޖެހުމަށް ފަހު ރެއާލްގެ ވިނީޝިއުސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރެއާލްގެ ވިނީޝިއުސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 13) - ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑުން 3-2 އިން ބާސެލޯނާ ބަލިކޮށް އެ ޓީމު މުބާރާތުން ކަޓުވާލައިފި އެވެ.

މިއީ ބާސެލޯނާ އަތުން ރެއާލް ޖެހިޖެހިގެން މޮޅުވި ފަސް ވަަނަ މެޗެވެ. އަދި އެލްކްލަސިކޯ މެޗުގެ ތާރީހުގައި ރެއާލް މޮޅުވި 100 ވަަނަ ފަހަރެވެ. ކްލަސިކޯ ތާރީހުގައި 248 މެޗު ކުޅެވުނުއިރު، ރެއާލް މި ވަނީ 100 މޮޅު ހަމަކޮށްފަ އެވެ. ބާސެލޯނާ އަށް މޮޅުވެވުނީ 96 މެޗުންނެވެ.

މިރޭގެ މޮޅާ އެކު ރެއާލް ވަނީ އަންނަ އާދިއްތަ ދުވަހު ކުޅޭ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. ފައިނަލުގައި ރެއާލާ ކުޅޭ ޓީމެއް އެނގޭނީ މާދަމާރޭ އެތުލެޓިކޯ މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ކުޅޭ ސެމީ ފައިނަލް މެޗަށް ފަހު އެވެ. އެންމެ ފަހުން ސުޕަ ކަޕް ކާމިޔާބުކުރީ ބާސެލޯނާ ބަލިކޮށް ބިލްބާއޯ އިންނެވެ.

މިއީ ޒަވީ ހެނާންޑޭޒް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ ކްލަސިކޯ މެޗެވެ. ބާސެލޯނާއާ ދާދި ފަހުން ގުޅުނު ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭޒާއި ޑެނީ އަލްވޭސް މި މެޗުގައި ކުޅުނުއިރު، މެޗުގައި ތިން ފަހަރު ވެސް ލީޑުނެގީ ރެއާލުންނެވެ. ބާސެލޯނާ އިން ފުރިހަމަަ ވަގުތުގައި ދެ ފަހަރު ވެސް ނަތީޖާ ހަމަހަމަ ކުރި އެވެ. އެކަމަކު، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ރެއާލުން ތިން ވަނަ ފަހަރަށް ލީޑުނަގައި މެޗު މޮޅުވީ އެވެ.

ބާސެލޯނާ އަށް އެއްވަރުކޮށްދިން ގޯލު ޖެހުމަށް ފަހު ފާޓީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާގެ އޮސްމާން ޑެމްބެލޭ މެޗު ފަށައިގެން ހަމަލާތަކެއް ފޮނުވާލައި ހުރަސްތަކެއް ނަގައި ގޯލެއް ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބެއްނުވި އެވެ. ރެއާލުން ފުރަތަަމަ ލީޑުނެގީ މެޗުގެ 25 ވަަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. ކަރިމް ބެންޒެމާ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ވިނީޝިއުސް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ބާސެލޯނާ އިން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކުރީ މެޗުގެ 41 ވަނަ މިނިޓްގައި ލޫކް ޑި ޔޯން ޖެހި ގޯލުންނެވެ. ޑެމްބެލޭ ނެގި ހުރަހެއް ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ ސަލާމަތްކުރަން މަސައްކަތްކުރި ވަގުތު ރަނގަޅު ތަނަށް ގޮސް ކުރި މަސައްކަތުން ޑި ޔޯން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގައި ބާސެލޯނާ އަށް ލީޑުނަގައިދޭން އޭރިއާތެރެއިން ޑެމްބެލޭ ވޮލީ އަކުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ރެއާލުން ދެ ވަނަ ފަހަރަށް ލީޑުނަގަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 72 ވަނަ މިނިޓްގަ އެެވެ. ރެއާލްގެ ޑެނީ ކާވަހާލް ނަގައިދިން ހުރަހެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ފައިގައި ޖެހިފައި އޭރިއާތެރެއިން ބެންޒެމާ އަށް ލިބުމުން އޭނާ ޖެހި ބޯޅަ ވަނީ ގޯލުގެ ތެރެއަށެެވެ. މި ގޯލު ޖެހުމުގެ ކުރިން ބެންޒެމާ އަށް ލިބުނު ފުރުސަތަކުން އޭނާ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ނުވަ ދިހަ މިނިޓް ހަމަވާން ހަތް މިނިޓަށް ވެފައި ހުއްޓައި ބާސެލޯނާ އަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަންސޫ ފާޓީ އެވެ. މެޗުގެ 83 ވަނަ މިނިޓްގައި ޖޯޑީ އަލްބާ ނެގި ހުރަހަކުން ފާޓީ މި ގޯލު ޖެހީ ބޮލުންނެވެ. މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާނެރެން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން އަށް ވަނަ މިނިޓްގައި ރެއާލް މެޗުން މޮޅުކޮށްދިން ގޯލު ޖެހީ ފެޑެރީކޯ ވަލްވޭޑޭ އެވެ. މެޗުގެ 98 ވަނަ މިނިޓްގައި ރޮޑްރީގޯ ދިން ބޯޅައެއް އޭރިއާތެރެއިން ވަލްވޭޑޭ އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ބާސެލޯނާގެ ފާޓީ ވަނީ އޯވަހެޑް ކިކަކުން ގޯލެއް ޖަހަން މަސައްކަތް ކޮށްފަ އެވެ. ރެއާލް އޭރިއާތެރެއިން ފާޓީ ފަޔަށް ރަނގަޅަށް ބޯޅަ ލައްވާލާ ގޮތެއްނުވެ، އެ ފުރުސަތު ގެއްލުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox