ލީޑްސް (ޖެނުއަރީ 9) - ލީޑްސް ޔުނައިޓެޑްގެ ދަނޑަށް މެޗުތަކުގެ ތެރެއިން އަރާ ކުޑަކުދިންގެ ބެލެނިވެރިންނަށް އަދަބުދޭން އެ ކްލަބުން ނިންމައިފި އެވެ.
ފަހަކަށް އައިސް ލީޑްސް ދަނޑުގައި ކުޅޭ މެޗު ކުޅޭ ވަގުތާއި މެޗުތަކަށް ފަހު ކުޑަކުދިން އަންނަނީ ދަނޑަށް އަރަމުންނެވެ. ދަނޑަށް އެެރުމަށް ފަހު ކުޅުންތެރިންނާ އެކު ފޮޓޯ ނެގުމަށް ހުށަހެޅުމާއި ކުޅުންތެރިންނާއި ސަލާމްކުރަން މަސައްކަތް ކުރާއިރު، ކުޑަކުދިން ދަނޑުން ބާލުވަން ޖެހެނީ ސެކިއުރިޓީން އަރުވައިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް އިން ބާންލީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ގިނަ ކުޑަކުދިންތަކެއް ވަނީ ލީޑްސްގެ ދަނޑު، އެލަން ރޯޑްގެ ޕިޗަށް އަރައިފަ އެވެ. އަދި ގިނަ ކުޑަކުދިން ވަނީ ކުޅުންތެރިންނާ އެކު ފޮޓޯ ވެސް ނަގައިފަ އެވެ.
އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ފަދަ ދަނޑިވަޅެއްގައި އެ ގޮތަށް ކުޅުންތެރިންނާއި ކުދިން އެކުގައި ވަގުތު ހޭދަކުރުމުން މީޑިއާގެ ފާޑުކިޔުން އަމާޒުވި އެވެ.
މި މައްސަލައިގައި ލީޑްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗެއްގެ ތެރެއިން ދަނޑަށް އަރާ ކުޑަކުދިންގެ ކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ލީޑްސްގެ މެނޭޖްމަންޓުން ނިންމާފައިވަނީ ދަނޑަށް އަރާ ކުދިންގެ ބެލެނިވެރިން "އެއް އަހަރަށް ސަސްޕެންޑް" ކުރުމަށެވެ.
ލީޑްސްގެ ބަޔާނުގައި ބުނެފައިވަނީ، ދަނޑުގެ ސެކިއުރިޓީ އަށް ހުރަސްއަޅާ ކޮންމެ އަމަލަކަށް މީގެ ފަހުން އަމަލުކުރާނީ ޒީރޯ ޓޮލަރަންސް އުސޫލުން ކަމަށެވެ. ކޮވިޑް-19ގެ ނުރައްކާތެރި ދަނޑިވަޅުގައި ވީ އެންމެ ރައްކާތެރިކޮށް އެންމެން އަމަލުކުރަން ޖެހޭއިރު، އެންމެންގެ ރައްކަލަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް ލީޑްސް މެނޭޖްމަންޓުން ވަނީ ގޮވާލައިފަ އެވެ.












