ލަންޑަން (ޖެނުއަރީ 4) - މި މަހުގެ ޓްރާންސްފާ ބާޒާރުގައި ނިއުކާސަލް ޔުނައިޓެޑުން ގެންނަން މަސައްކަތް ކުރާނެ ޓްރާންސްފާ ލިސްޓެއް އެކުލަވާލާފައި ވާއިރު، އޭގެ ތެރޭގައި ބައެއް މަޝްހޫރު ކުޅުންތެރިން ވެސް ހިމެނޭ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އިނގިރޭސި މީޑިއާގައި އާންމުވެފައިވާ ރިޕޯޓްތަކަށް ބަލާއިރު، ނިއުކާސަލުން ހަތަރު ކުޅުންތެރިއަކަށް އަންނަނީ ފާރަލަމުންނެވެ. އޭގެ ތެރޭގައި ކުރިން ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވަޓްފޯޑަށް ކުޅުނު ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯ، އާސެނަލްގެ ކުރީގެ މިޑްފީލްޑަރު އަދި މިހާރު ޔުވެންޓަސް އަށް ކުޅެމުން އަންނަ އާރޮން ރަމްސީ، ދާދި ފަހުން އާސެނަލްގެ ކެޕްޓަން ބޭންޑް އަތުލި ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އަދި އެތުލެޓިކޯ މެޑްރިޑަށް ކުޅޭ އިނގިރޭސި ފުލްބެކް، ކިއެރަން ޓްރިޕިއާ ހިމެނެ އެވެ.
މީގެ ތެރެއިން ނިއުކާސަލް އިން އެންމެ އަވަހަށް ސޮއިހޯދާނެ ކަމަށް ބެލެވެނީ ކުރިން ބާންލީ އާއި ޓޮޓެންހަމަށް ކުޅުނު ޓްރިޕިއާ އެވެ.
ޓްރިޕިއާ ،31، އެތުލެޓިކޯއާ 2019 ވަނަ އަހަރު ގުޅުނީ 20 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. ޓްރިޕިއާ ވަނީ މިހާތަނަށް އެތުލެޓިކޯ އަށް 83 މެޗު ކުޅެފަ އެވެ. ޓްރިޕިއާ ގަންނަން މި ސީޒަން ފެއްޓުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރި ނަމަވެސް އޭރު އެތުލެޓިކޯ އިން ކިޔާ އަގުބޮޑުވުމުން ޔުނައިޓެޑުން އެ ޑީލް ބޭނުމެއްނުވި އެެވެ. އޭރު، ޓްރިޕިއާ ވިއްކަން އެތުލެޓިކޯ އިން ކީ 30 މިލިއަން ޕައުންޑެވެ. އެކަމަކު، މިހާރު 18 މިލިއަން ޕައުންޑަށް ޓްރިޕިއާ ވިއްކާލަން އެތުލެޓިކޯ ބޭނުންވާއިރު، އެ ޑީލަށް ނިއުކާސަލުން ވެސް ރުހޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަހުލާގީ މައްސަލައެއްގެ ސަބަބުން އާސެނަލްގެ ކެޕްޓަންކަން ނަގައި، ޓީމުން މި ވަގުތަށް ބާކީ ކޮށްފައި ހުރި އޮބާމަޔަން ހޯދަން ނިއުކާސަލް އިން ހުށަހަޅަނީ ލޯން ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއީ މި ސީޒަނުގެ ނިޔަލަށް އޮބާމަޔަން އަށް ފުލް މުސާރަ ދިނުމާއި ލޯން ފީގެ ގޮތުގައި އާސެނަލަށް ދެ މިލިއަން ޕައުންޑް ދޭ ގޮތަށެވެ.
ޔުވެންޓަސް އިން ކުޅުމުގެ ފުރުސަތު ނުދޭތީ ރަމްސީ އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް އަންނަން އުޅޭ ވާހަކަ އިނގިރޭސި މީޑިއާގައި މިދިޔަ ދެތިން މަސް ތެރޭގައި ވަނީ ދެކެވިފަ އެވެ. ރަމްސީ އަލުން ކުރީގެ ކްލަބް އާސެނަލަށް ނުވަތަ ލީގުގެ ރޭހުގައި އޮތް ލިވަޕޫލަށް ބަދަލުވެދާނެ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ވޭލްސް ގައުމީ ޓީމުގެ ތަރި ރަމްސީ ހޯދަން ނިއުކާސަލުން ބޭނުންވަނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ ސީޒަން ނިމުމަށް ފަހު 40 މިލިއަން ޑޮލަރަށް އެއްބަސްވުން ދާއިމީ ކުރާ ގޮތަށް ކޮންޓްރެކްޓްގައި ހިމަނައިފަ އެވެ.
ނިއުކާސަލްގެ އެންމެ ކުރިއަށް ކުޅޭ ކަލުމް ވިލްސަން އަށް އޮތް ޒިންމާ އަށް ލުޔެއް ހޯދައިދޭން ސްޓްރައިކަރެއް ހޯދަން ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބޭނުންވެ އެވެ. އެހެންވެ، އޭނާ އަންނަނީ ޕްރިމިއާ ލީގުގެ ތަޖުރިބާހުރި ސްޓްރައިކަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ހޯވްގެ ވިސްނުމަކީ އިގާލޯ ގެނައުމެވެ.
އިގާލޯ މިހާރު ކުޅެމުންދަނީ ސައުދީ އަރަބިއްޔާގެ ސަލް ޝަބާބަށެވެ. ރިޕޯޓްތަކުން ބުނާގޮތުގައި އަލް ޝަބާބް އިން ވަނީ ނިއުކާސަލް އަށް ދިއުމަށް އިގާލޯ ޝައުގުވެރިވޭތޯ ބަލައިފަ އެވެ. އަދި ނިއުކާސަލް އިން ރަސްމީ ހުށަހެޅުމަށް ލިބިއްޖެނަމަ، އެ ކްލަބަށް ދާން ވިސްނާނެ ކަމަށް އިގަލޯ ބުނެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
ދާދި ފަހުން ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަނެފައިވާއިރު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ.
ޕީއައިއެފް އިން މެޖޯރިޓީ ހިއްސާާާއާ އެކު ނިއުކާސަލް ގަންނަން ޖުމްލަ 408 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދު ބުނާގޮތުން ކްލަބެއްގެ ޖުމްލަ ދަރަނި ފާއިތުވި ތިން އަހަރު ޖުމްލަ އެއްކުރާއިރު 143 މިލިއަން ޑޮލަރަށް ވުރެ އިތުރުނުވާނަމަ ކްލަބް ހިންގާ ކުންފުނީގެ މިލްކިއްޔާތުގައި ހުންނަ ނިސްބަތުން ކްލަބްގެ އާމްދަނީ ލިބޭނެ އިންސައްތަ އަކަށް ބަލާފައި ވަކި ވަރެއް ޓްރާންސްފާ މާކެޓްގައި ހަރަދުކުރެވޭނެ އެވެ. ނިއުކާސަލްއާ އާ މެނޭޖްމަންޓަކުން ހަވާލުވިއިރު، ކްލަބް މާލީ ގޮތުން ރަނގަޅު ހާލަތެއްގައި އޮތުމުން ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސްގެ އާމްދަނީ އަންދާޒާކޮށް ލިބޭނެ ވަރަކަށް ބަލައި ރަނގަޅު އަދަދެއް ހަރަދުކުރަން ލިބޭނެ އެވެ. އެ އުސޫލުން ބަލާކަމަށްވާނަމަ މި މަހުގެ ޓްރާންސްފާ މާކެޓްގައި ނިއުކާސަލް އަށް 272 މިލިއަން ޑޮލަރު ހަރަދުކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ.
އެކަަމަކު، ނިއުކާސަލްގެ މެނޭޖްމަންޓްގެ ވިސްނުމަކީ އެންމެ ފުރަތަމަ ފަހަރު ބޮޑު ހަރަދެެއް ނުކޮށް ކޮންޓްރޯލްކޮށް، ޕްލޭނެއްގެ ތެރެއިން ކުރިއަށް ދިއުމެވެ. މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯންގައި އޮތުމުން ނިއުކާސަލް މި ވަގުތަށް ޖެހޭނީ އެ ހާލަތު އަރައިގަނެވޭނެ ގޮތަކަށް ރާވައިގެން ކުރިއަށް ދިއުން ކަމަށް އެ ޓީމުގެ ކޯޗު ހޯވް ވެސް ވަނީ ބުނެފަ އެވެ.
ކުޅުނު 19 މެޗުން ލިބުނު 11 ޕޮއިންޓާ އެކު ނިއުކާސަލް އޮތީ ލީގުގެ 19 ވަނައިގަ އެވެ.












