މަޝްހޫރު ނެޓްފްލިކްސް ސީރީޒް އެމިލީ އިން ޕެރިސްގެ ކެރެކްޓާއަކާއި ގުޅިގެން ޔޫކްރެއިން އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ. ޔޫކްރެއިންގެ އެކްޓްރެސްއެއް ކަމުގައިވާ ޑާރިއާ ޕެންޗަންކޯ ކުޅޭ މި ކެރެކްޓާގައި ދައްކުވައިދެނީ ޕެރިސްގައި އުޅޭ ޔޫކްރެއިންގެ ޒުވާން އަންހެނެކެވެ.
'އެމިލީ އިން ޕެރިސް' މި ސީރީޒް އަކީ އޮކްޓޯބަރު 2020 ގައި ރިލީޒްކުރެވުނު ކޮމެޑީ ޑްރާމާ އެކެވެ. ޖުމްލަ ދެ ސީޒަން މިހާތަނަށް ރިލީޒްކުރެވިފައިވާ މި ސީރީޒްގައި ދަައްކުވައިދެނީ އެމިލީ ނަމަކަށް ކިޔާ ޒުވާން އެމެރިކާ އަންހެނަކު ޕެރިސް އަށް ދިރިއުޅުން ބަދަލުކޮށް ކާމިޔާބު ދިރިއުޅުމެއް ހޯދަން ކުރާ މަސައްކަތާއި އޭނާގެ ހަޔާތުގައި ދިމާވާ ތަފާތު ކަންތައްތަކެވެ.
ދެވަނަ ސީޒަންގެ އާ އެޕިސޯޑްތައް ނެޓްފްލިކްސްގައި މިހާރު ފެންނަން ހުރިއިރު ޔޫކްރެއިން އިން ހިތްހަމަނުޖެހުނީ ޕެޓްރާ ކެރެކްޓާއިން ފެންނަ ބައެއް މަންޒަރުތަކުންނެވެ. މިގޮތުން ސީރީޒްގައި ޕެޓްރާގެ ފެޝަން ސެންސް އެއް ނުހުންނަ ކަމަށް ދައްކާއިރު އޭނާ ފިހާރައަކުން ހެދުންތަކެއް ހެޔޮވަރުކުރަން ނަގާ, އެ ހެދުންތަކަށް ލާރި ނުދައްކާ ވަގަށް ނަގާތަން ވެސް ފެނެ އެވެ.
މި ސީން ތަކާ އެކު ޔޫކްރެއިންގެ ކަލްޗާ މިނިސްޓަރު ވަނީ "ޕެޓްރާ" މި ކެރެކްޓާ އަކީ މުޅީ ޔޫކްރެއިންގެ ނަމަށްވެސް ލިބިގެންދާ ހުތުރެއް ކަމަށް ސިފަކޮށްފަ އެވެ. އަދި މިއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއިރު, މިއީ ހަމަ ހަގީގަތުގައިވެސް ބޭރު ދުނިޔޭގައި ޔޫކްރެއިންގެ ރައްޔިތުން ފެންނަ ގޮތްތޯ އޭނާ ވަނީ ސުވާލުކުރައްވާފަ އެވެ.
ޔޫކްރެއިންގެ ބައެއް މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މިނިސްޓަރު އޮލެކްސެންޑާ ކަޗެންކަ މިހާރުވަނީ މިކަމާއި މެދު ހުރި ނުރުހުންތައް ނެޓްފްލިކްސްއާ ވެސް ހިއްސާކޮށްފަ އެވެ.

ނެޓްފްލިކްސް އިން ހާމަކޮށްފައިވާ ގޮތުގައި އެމިލީ އިން ޕެރިސް ސީރީޒްއަކީ 2020 ވަނަ އަަހަރު އެ ޕްލެޓްފޯމުގައި ރިލީޒްކުރެވުނު އެންމެ ކާމިޔާބު ކޮމެޑީ ސީރީޒް އެވެ. އަދި މި ސީރީޒްވަނީ އެ އަހަރުގެ ބެސްޓް ކޮމެޑީ ކެޓަގަރީ އިން ގޯލްޑަން ގްލޯބްއަށްވެސް ނޮމިނޭޓް ވެފަ އެވެ.
މި ކާމިޔާބީތަކާއި އެއްވަރަށް ސީރީޒްއަށް އަމާޒުވި މިފަދަ ފާޑުކިޔުންތައްވެސް ވަކި މަދެއް ނޫނެވެ. މީގެ ކުރިން ފްރާންސް އިން ވެސް ވަނީ ސީރީޒްގައި ޕެރިސްއަށާއި އެ ސިޓީގެ ރައްޔިތުންނަށް ނިސްބަތްވާހެން ފެންނަ ސްޓީރިއޯޓައިޕް ކަންތައްތަކާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސީރީޒްގެ އެހިސާބުގައި ދައްކުވައިދެނީ ޕެރިސްގެ އަކީ ވަރަށް ބޮޑާ މީހުންތަކެއް އުޅޭ އަދި ލޯބިވެރިންނަށް ބޭވަފާތެރި ބައެއްގެ ގޮތުގަ އެވެ.
އެހެންނަމަވެސް އެ ވާހަކަތަކަށް ރައްދުދީ ސީރީޒް އުފެއްދި ޑެރެން ސްޓާ ބުނީ ސީރީޒްގައި ޕެރިސް ދައްކުވައިދެނީ ހިތްގައިމު ގޮތަކަށް ކަމަށާ, ސީރީޒް ބަލައިފި ކޮންމެ މީހަކުވެސް ޕެރިސްދެކެ ލޯބިވާނެ ކަމަށެވެ.









