"އެއްވެސް މީހަކު ރާއްޖެއަކު ނުގަންނާނެ 500 އެމްއެެލް[ގެ ފުޅިއެއް، ދަޅެއް] ބޯލާކަށް. އެއް ފަހަރު ސޮފްޓް ޑްރިންކެއް ބޯލާކަށް 500 އެމްއެލްއެއް ގަނެގެނެއް ނުބޯނެ،" ސިންގަލް ޔޫޒް ޕްލާސްޓިކް މަނާކުރަން ރާއްޖޭގައި ކަނޑައަޅާފައިވާ ލިސްޓު ބަލައިލުމަށް ފަހު ވިޔަފާރިވެރިއަކު ބުންޏެވެ.
ރާއްޖޭގައި ވަރަށް ނަންހިނގާ ބްރޭންޑްތަކެއް އެތެރެކުރާ އެ ވިޔަފާރިވެރިޔާ ބުނީ ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރަން ރާއްޖޭގައި ގެންގުޅޭ ސިޔާސަތު ޕްރެކްޓިކަލް ނޫން ކަމަށެވެ. އެއަަށް ވުރެ މާ ރަނގަޅު ގޮތްތައް، ހުދު އޭނާ ވެސް ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ.
ގިނަ އުފެއްދުންތަކެއް ޖެހޭނީ ދޫކޮށްލަން
ސިންގަލް ޔޫޒް ޕްލާސްޓިކް މަދު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން، ކަނޑައަޅަން ޖެހޭ، "ރާއްޖޭގައި އުފައްދައި ބާޒާރަށް ނެރުން މަނާ" ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކެއް ކަނޑައަޅައި، ލިސްޓެއް އާއްމުކުރަން ޖެހެ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ މަހުގެ 29 ގައި ނެރުއްވި ގަރާރަކުން އެ ލިސްޓު ވަނީ ކަނޑައަޅުއްވައިފަ އެވެ.
ރައީސްގެ ގަރާރުގައިވާ ގޮތުން، އެ ލިސްޓްގައިވާ ޕްލާސްޓިކްގެ ބާވަތްތައް މަނާވާނީ އެކި ތާރީހުތަކުގަ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް މިއަހަރު ނިމުމުގެ ކުރިން މަނާވާނެ އެވެ. ލިސްޓުގައިވާ އެންމެ ފާހަގަކޮށްލެވޭ، އަދި އެންމެ ގިނަ ބަޔަކު މިހާރުވެސް ބޭނުންކުރާ ބާވަތްތަކަކީ ފެން ފިޔަވައި އެހެން ބުއިންތައް ބަންދުކުރަން ބޭނުންކުރާ 500 އެމްއެލްއަށް ވުރެ ކުދި ފުޅިއެވެ. އެ ބާވަތް ރާއްޖޭގައި އުފެއްދުން އަންނަ ޖޫންމަހުގެ ފުުރަތަމަ ދުވަހުން ފެށިގެން މަނާވާނެ އެވެ. ބާޒާރަށް ނެރުން މަނާވާނީ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.
ފުޅި އާއި ދަޅުގައި ބަންދުކޮށްފައިވާ ބުއިންތައް، ފުޅާ ދާއިރާއެއްގައި ރާއްޖެއަށް އެތެރެކޮށް ހޯލްސޭލްކުރާ ވިޔަފާރިވެރިއަކު ބުނީ، އެ ބާވަތް މަނާވާ ހިސާބުން، އޭނާއަށް ޖެހޭނީ "ބައެއް ޑްރިންކްތައް" މުޅިން ދޫކޮށްލަން ކަމަށެވެ.
އެކި ސަބަބުތަކާ ހެދި ނޫހުގައި ނަން ޖަހަން ބޭނުންނުވާ އެ ވިޔަފާރިވެރިޔާ ބުނި ގޮތުގައި، ޕްލާސްޓިކް ފުޅީގައި އެތެރެކުރާ ބައެއް ބާވަތްތަކަކީ ބިއްލޫރި ފުޅީގައި އެއްގޮތަކަށް ވެސް ބަންދުނުކުރާ ބާވަތްތަކެވެ. އެ ބާވަތްތައް އުފައްދާ ކުންފުނިތަކުން، ރާއްޖެ ފަދަ ކުޑަ މާކެޓަކަށްޓަކައި ބިއްލޫރިފުޅި ނުއުފައްދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ 200 އެެމްއެެލްގެ ފުޅިއެއް. މިސާލަކަށް އަހަރެމެން މިމީހުން ގާތު ބުނީ ބިއްލޫރި ފުޅިއަކަށް ބަދަލުކޮށްދޭށޭ. އެހެން ބުނާ އިރު އަހަރެެމެން ދޮޅުމަހުން މިގެންނަނީ 40 ފޫޓް ކޮންޓޭނަރެއް. އެމީހުން މިބާވަތުގެ 100 ކޮންޓޭނަރު މަހަކު ބޭރުކުރޭ،" ރާއްޖޭގެ ބާޒާރަށްޓަކައި ޕްލާސްޓިކުން ބިއްލޫރިއަށް ބަދަލު ނުކޮށްދޭނެ ސަަބަބުތައް ކިޔައިދެމުން އޭނާ ދައްކައިލީ މަޝްހޫރު ބްރޭންޑެއްގެ ބުއިމެކެވެ.
ޕްލާސްޓިކް ފުޅީގައި އެތެރެކުރާ އެހެން ބުއިމެއް ދައްކައިލަމުން އޭނާ ބުނީ އެއީ ވެސް ރާއްޖޭގެ އިތުރުން، އޮމާނާއި ޔޫއޭއީ އާއި މެލޭޝިއާ ފަދަ ގައުމުތަކުގައި ގިނައިން ވިކޭ ބާވަތެއް ކަމަށާއި ރާއްޖެ ފަދަ ކުޑަ މާކެޓަކަށް ޓަކައި ބިއްލޫރިފުޅިއަށް ބަދަލުނުކޮށްދޭނެ ކަަމަށެވެ.
"އަހަރެމެންނަށް ޖެހޭނީ މި ބްރޭންޑްތައް ދޫކޮށްލަން، އެއީ ކޮންޒިއުމަރުންނަށް ވެސް އަދި އަަހަރެމެން އިމްޕޯޓަރުންނަށް ވެސް ވަރަށް ބޮޑު ގެއްލުމެއް،" އޭނާ ބުންޏެވެ.
މާ ރަނގަޅު އެހެން ހައްލެއް އެބަ އޮތް
ވަކި ސައިޒެއްގެ ޕްލާސްޓިކް ފުޅި އާއި ޕެކެޓާއި ކޮތަޅު މަނާކުރި ނަމަވެސް، އެނޫން ސައިޒްތައް ރާއްޖޭގައި ވިއްކާނަމަ މޫދަށާއި ކަނޑަށް އަޅާ ޕްލާސްޓިކް މަދެއް ނުވާނެ އެވެ. ރާއްޖޭގެ ތިމާވެށީގައި ދައުރުވާ ޕްލާސްޓިކް މަދުކުރަން އެއަށް ވުރެ މާ ރަނގަޅު ހައްލުތައް އެބަހުއްޓެވެ. އެއް ކަމަކީ ކުނި މެނޭޖްކުުރުން މިހާރަށް ވުރެ ހަރުދަނާކުރުމެވެ. އަނެއް ކަމަކީ ރިސައިކަލް ކުރުމަށް ޓަކައި ހުސްފުޅިތައް އަލުން ރާއްޖޭން ބޭރަށް ގެންދިއުމެވެ.
"ސަރުކާރުން ކުދިކުދި ލުއިތަކެއް ދިނަސް އަހަރެމެން މިތިބީ ހުސްފުޅި ބޭރުކުރަން ތައްޔާރަށް،" ފުޅި އާއި ދަޅު އެތެރެކުރާ ވިޔަފާރިވެރިއަކު ބުންޏެވެ.
އޭނާ ބުނީ އެތެރެކުރާ ކޮންމެ ފުޅި ކޮންޓޭނަރަކަށް ވަކި އަދަދެއްގެ ހުސްފުޅި ބޭރުކުރަން ޖެހޭ ގޮތަށް ގަވައިދެއް ހަދާފައި، ރަށްރަށުން ފުޅި އެއްކޮށް ފިއްތޭނެ އިންތިޒާމް ހަމަޖެއްސުމަކީ ޕްލާސްޓިކް މަދުކުރަން މާ ފަސޭހަ ހައްލަކަށް ވާނެ ކަމަށެވެ.
"އޭރުން އަހަރެމެންނަށް ހުސްފުޅި ގަނެވިދާނެ. ހުސްފުޅިއަށް ވެސް އަގެއް ދޭން ފެށީމާ މީހުން އެ އުކައިލުން ހުއްޓައިލާނެ. ދެން ސަރުކާރަށް ދެވިދާނެތާ ލުޔެއް،" އޭނާ ބުންޏެވެ.
އަގެއް ލިބެންޏާ މީހުން އެ އެއްޗެއް އެއްކުރާ ގޮތުގެ މިސާލެއް ވެސް އޭނާ ދެއްކީ ވިޔަފާރީގެ ތެރެއިންނެވެ. ވަކި ބްރޭންޑެއްގެ ލޭބަލް ގެނައިމާ ބައިވެރިވެވޭ ލަކީ ޑްރޯއެއް އޭނާ އެއް ފަހަރަކު ހިންގި އެވެ. އޭ ބުނި ގޮތުގައި އެ ބާވަތުގެ ފުޅިއެއް، ލޭބަލާ އެކު އެއްލައިލާފައި އޮއްވާ އޭރު ނުފެނެ އެވެ.
ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ކޮންމެހެން ބޭނުންކަމެކެވެ. އެކަމަކު މީހުން އެ ބާވަތްތަކަށް އާދަވެފައިވާ އެތައް ބާވަތެެއް އެތެރެކުރުން މުޅިން ހުއްޓައިލުމަށް ވުރެ ރަނގަޅު ހައްލުތައް އެބަ ހުއްޓެވެ.












