ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސްރީ ލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް ސޯލިހާއި އަނބިކަނބަލުން ރާއްޖެއަށް މިރޭ ވަޑައިގެންނެވީ ހަތަރު ދުވަހު ސްރީ ލަންކާގައި އުޅުއްވުމަށްފަހު އެވެ.
ރައީސްގެ އަނބިކަނބަލުންގެ ފަޒްނާގެ މަންމާފުޅު ދިރިއުޅުއްވަނީ ސްރީ ލަންކާގަ އެވެ. މީގެ ކުރިން ވެސް ހަތަރު ފަހަރެއްގެ މަތިން ރައީސް ސޯލިހު ވަނީ ސްރީ ލަންކާއަށް ވަޑައިގެންފަ އެވެ.
ވެރިކަމުގެ ހުވާ ކުރެއްވި ފަހުން އެންމެ ފުރަތަމަ ރައީސް ސޯލިހު ލަންކާއަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ޖެނުއަރީ 3، 2019 ގަ އެވެ. އޭގެ ފަހުން އެ އަހަރުގެ ޑިސެމްބަރު 31، ގައި ވެސް ލަންކާއަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި އެވެ. އަދި 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ހަމަ ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން ނޮވެމްބަރު މަހު ރަސްމީ ދަތުރުފުޅެއްގައި ވެސް ރައީސްގެ ދެކަނބަލުން ސްރީ ލަންކާއަށް ވަޑައިގެންނެވި އެވެ












