ލަންޑަން (ޖެނުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ގޯލު ޖަހައި ވަޓްފޯޑް އަތުން 1-0 އިން މޮޅުވެ، ޓޮޓެންހަމް ހޮޓްސްޕާސް އިން މުހިންމު ތިން ޕޮއިންޓް ހޯދިއިރު، އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެ ކްލަބްގެ ރެކޯޑެއް ގާއިމްކޮށްފި އެވެ.
ކޮންޓޭ އަކީ ޓޮޓެންހަމްގެ ތާރީހުގައި ވެސް އަލަށް ޓީމާ ހަވާލުވެ، ލީގުގައި ޖެހިޖެހިގެން އަށް މެޗު ބަލިނުވެ ނިންމާލި ފުރަތަމަ ކޯޗެވެ. ކޮންޓޭ ހަވާލުވި ފަހުން ޓޮޓެންހަމްގެ ކުޅުން ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފަ އެވެ. ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު ޓޮޓެންހަމް ވަނީ އަލުން ލީގުގެ ހަ ވަނަ އަށް ޖެހިލައި، ގަދަ ހަތަރަކަށް ވަނުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.
ޓޮޓެންހަމް މި ވަގުތު ހަ ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް އާސެނަލަށް ވުރެ ދެ މެޗު މަދުން ކުޅެގެން ދެ ޕޮއިންޓް ފަހަތުގަ އެވެ. ހަތަރެއްގައި އޮތް އާސެނަލަށް 20 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތީ ރޭ ކްރިސްޓަލް ޕެލަސް ދަނޑުގައި 3-2 އިން މޮޅުވި ވެސްޓް ހޭމް ޔުނައިޓެޑް އެވެ. ވެސްޓް ހޭމަށް ވަނީ 20 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމަށް 18 މެޗުން ލިބުނީ 33 ޕޮއިންޓެވެ.

ލަނޑު ޖެހުމަށް ފަހު ޑަވިންސަން ސަންޗޭޒް އުފާފާޅުކުރަނީ: މިއީ މި ސީޒަނުގައި އޭނާ ޖެހި ދެ ވަނަ ގޯލު.
ވަޓްފޯޑްގެ ވިކަރޭޖް ރޯޑުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމްގެ ހަމައެކަނި ގޯލު ޖެހީ އިތުރު ވަގުތުގައި ކޮލަމްބިއާގެ ޑިފެންޑަރު ޑަވިންސަން ސަންޗޭޒް އެވެ. މިއީ ހިލޭ ޖެހުމަކުން ސޮން ހެއުން މިން ނަގައިިދިން ބޯޅައަކުން ސަންޗޭޒް ބޮލުން ޖެހި ގޯލެކެވެ.
ކޮންޓޭ ބުނީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ހުރި ވަރުބަލިކަމާ އެކު ވެސް މެޗުން މޮޅުވާން ޓޮޓެންހަމް އިން ކުރި މަސައްކަތުގެ ނަތީޖާއަކީ އިތުރު ވަގުުތު ގޯލެއް ޖަހައިގެން މޮޅުވުން ކަމަށާއި ޓީމުގެ އެ ރޫހު ފެނިފައި އޭނާ އަށް ވެސް ލިބެނީ ހިތްވަރު ކަމަށެވެ.
ލީގުގައި ރޭ ވެސްޓް ހޭމް އިން ވަނީ ކްރިސްޓަލް ޕެލަސް ދަނޑުގައި ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. ވެސްޓް ހޭމަށް ގޯލު ހުޅުވާލައިދިނީ ސައިޑް ބެންރަހުމާ ދިން ބޯޅައަކުން މިކޭލް އެންޓޯނިއޯ ޖެހި ގޯލުންނެވެ. ވެސްޓް ހޭމްގެ ކެޕްޓަން ޑެކްލަން ރައިސްގެ ޕާހަކުން މެނުއަލް ލަންޒީނީ ޖެހި މޮޅު ގޯލުން ވެސްޓް ހޭމް އިން ލީޑުފުޅާކުރިއެވެ. ވެސްޓް ހޭމްގެ ތިން ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުން ލަންޒީނީ އެވެ. މިއީ ކްރިސްޓަލް ޕެލަސްގެ ކެޕްޓަން ލޫކަ މިލިވޯޔެވިޗް އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.
ފުރަތަމަ ހާފުގައި ގޯލެއް ޖެހޭތޯ ކްރިސްޓަލް ޕެލަސް އިން ފޮނުވާލި ދެ ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ޓީމުން މި ޝޮޓްތައް ޖެހީ އޮޑްސަން އެޑޮއާޑާއި ޖެފްރީ ޝްލަޕް އެވެ. ކްރިސްޓަލް ޕެލަސް އިން ވަނީ މެޗުގެ ފަހު ވަގުތު ދެ ގޯލު ޖަހައި ވެސްޓް ހޭމް ހާސްކޮށްލައިފަ އެވެ. ކްރިސްޓަލް ޕެލަސްގެ ދެ ގޯލުގައި ވެސް ބަދަލަކަށް ކުޅެން އެރި މިކޭލް އޮލީސޭގެ ދައުރު ބޮޑެވެ.
މެޗުގެ 83 ވަނަ މިނިޓްގައި އެޑޮއާޑް ގޯލު ޖެހީ އޮލީސޭ ނެގި ހުރަހަކުންނެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓް ތެރޭ އޮލީސޭ ވަނީ ހިލޭ ޖެހުމަކުން ކްރިސްޓަލް ޕެލަސްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އެ ޓީމަށް އެއްވަރުކޮށްދޭން ޖިއާން ފިލީޕޭ މަޓޭޓާ، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި އެކްރަބެޓިކް ކިކަކުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
މި މެޗުގައި ކްރިސްޓަލް ޕެލަސްގެ ކޯޗު ޕެޓްރިކް ވިއޭރާ ވަނީ ޓީމަށް އިރުޝާދުދޭން ބެންޗަށް އައިސްފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ވިއޭރާ އަށް މެޗުތަކެއް ގެއްލުނެވެ.












