މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕޯޓް ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތް ކަމަށްވާ ދުވުމުގެ އިވެންޓްގެ އެއް ވަނަ ހުސައިން ރިޒާ (ކުޑަ ރިޒާ) އާއި އައިޝަތު ޝަމްހާ ޝަރީފް ހޯދައިފި އެވެ.
އިއްޔެ ހެނދުނު ހުޅުމާލެ ޓާމިނަލުން ފެށި ދުވުމުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، ދުވުމުގައި އަންހެން/ފިރިހެން ކެޓަގަރީން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ އަށް ހޮވުނު ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދީފައެވެ.
އެއް ވަނަ ހޯދި ޝަމްހާ އާއި ކުޑަ ރިޒާ އަށް ވަނީ 2500 ރުފިޔާގެ އިނާމެއް ދީފަ އެވެ. ދެ ވަނަ މަގާމު ހޯދި އާބިދަށް 1500 ރުފިޔާ ދިންއިރު، ތިން ވަނަ ހޯދި ފަރުހާދަށް 500 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ. އަންހެން ކެޓަގަރީން ދެ ވަނަ އަށް ދިޔައީ ހުސްނާ މުހައްމަދު އެވެ. އަދި ތިން ވަނަ ހޯދީ ނަޝީދާ އަލީ އެވެ.

އިނާމް ފައިސާ ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ޗެއާމަން ކެޕްޓަން، މުހައްމަދު ޝަރީފް އެވެ.
ފަސް ކިލޯމީޓަރުގެ މި ދުވުމުގެ ޖޯޒީ ވިއްކައިގެން ލިބުނު ފައިސާ ވަނީ ކުޑަކުދިންގެ ހައްގުތަށް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާ، އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް ހަދިޔާކޮށްފަ އެެވެ. އެގޮތުން އިއްޔެގެ ދުވުމުގައި ޖުމްލަ އެއްކޮށް ލިބުނު، 23،700 ރުފިޔާ އާކާ ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗީފް ފައިނޭންޝިއަލް އޮފިސަރު މުހައްމަދު މުއިއްޒު އެވެ.
ޕޯޓް ސޭފްޓީ ވީކްގެ ތެރެއިން، އެމްޕީއެލް އިން ވަނީ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަފާތު ޓްރެއިނިން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތައް އެ ކުންފުނީގެ މުވައްޒަފުންނަށް ހިންގައިފަ އެވެ. ކުރިއަށް އޮތްތަނުގައި އެމްޕީއެލްގެ ޕޯޓް ސޭފްޓީ ވީކް އަހަރަށް ވުރެ އަހަރެއް ފުޅާކޮށް ކުރިއަށް ގެންދިއުމަކީ އެމްޕީއެލްގެ ވަރަށް ބޮޑު ވިސްނުމެކެވެ.












