މެންޗެސްޓާ (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 3-1 އިން ބާންލީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ހަ ވަނަ އަށް ޖެހިލައިފި އެވެ.
ޔުނައިޓެޑް ހަ ވަނަ އަށް އެރީ 18 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 19 މެޗުން ވަނީ 31 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދޭން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އޭގެ ތިން މިނިޓް ފަހުން ޔުނައިޓެޑަށް ލީޑުނަގައިދިނީ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ އެވެ. މެޗުގެ އަށް ވަނަ މިނިޓްގައި ރޮނާލްޑޯ ފައިގައި ޖެހިފައި އޭރިއާ ރޮނގުކައިރިން މެކްޓޮމިނޭ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ޔުނައިޓެޑުން ލީޑުފުޅާކުރި ގޯލަކީ މެޗުގެ 27 ވަަނަ މިނިޓްގައި ބާންލީގެ ބެން މީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޔުނައިޓެޑްގެ ޖޭޑަން ސަންޗޯ ޖެހި ޝޮޓެއް ބްލޮކްކުރަން މީ ކުރި މަސައްކަތުގައި އޭނާ ފައިގައި ޖެހިފައި ބޯޅަ ވަނީ ބައިކޮޅަށެވެ.
މެޗުގެ 35 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ ރޮނާލްޑޯ އެވެ. މެކްޓޮމިނޭ ޖެހި ޝޮޓެއް ބާންލީ ކީޕަރު ވޭން ހެނޭސީ އަތުގައި ޖެހި، ދަނޑީގައި ވެސް ޖެހިފައި ނުކުތް ވަގުތު ރޮނާލްޑޯ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިއީ މި އަހަރުގެ ޖެނުއަރީ މަހަށް ފަހު މެޗެއްގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ޔުނައިޓެޑުން ތިން ގޯލުގެ ލީޑެއް ނެގިތާ ތިން މިނިޓް ފަހުން ތަޖުރިބާކާރު ކުޅުންތެރިޔާ އާރޮން ލެނަން ވަނީ ގޯލެއް ޖަހައި ބާންލީ އަށް އުއްމީދެއް ހޯދައިދީފަ އެވެ. ޔުނައިޓެޑްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ލެނަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.
ދެ ވަނަ ހާފުގައި އިތުުރު ގޯލެއް ޖަހަން ޔުނައިޓެޑާއި ބާންލީ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނީ ބާންލީ ކަހަލަ ފިޒިކަލް ގޭމެއް ކުޅޭ ޓީމެއް ކައިރިން ޔުނައިޓެޑަށް މި ގޮތަށް މޮޅުވެވޭނީ ވަރަށް މަސައްކަތް ކޮށްގެން ކަމަށާއި އެ ގޮތަށް ބަލާއިރު މުޅި ޓީމަށް ތައުރީފު ހައްގުވާ ކަމަށެވެ.












