އަހަރު ނިމުމާހަމައަށް މިހާރު އައިސްފައި ވާއިރު ޓިކްޓޮކުން ވަނީ އަޖައިބުކުރުވަނިވި މައުލޫމާތެއް ހިއްސާކޮށްފަ އެވެ.
ޓިކްޓޮކުން ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި އެ ޕްލެޓްފޯމުގައި އެކި އެކައުންޓުތަކުން ބޭނުންކޮށްފައިވާ ލަވަތަކުގެ ތެރެއިން 430 ލަވަ ބިލިއަނަކަށްވުރެ ގިނަ ވިއުސް ހޯދާފައި ވެއެވެ.
މި ލަވަތައް ބޭނުންކޮށް އުފައްދާފައިވާ ޓިކްޓޮކްތަކުގެ ތެރެއިން ބައެއް ޓިކްޓޮކްތަކަށް 20 ބިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.
އެއީ 2020 ވަނަ އަހަރާ އަޅާބަލާއިރު ތިންގުނައިގެ އިތުރުވުމެކެވެ. މި އަހަރު ޓިކްޓޮކުން މަގުބޫލުކަން ހޯދި 175 ލަވަ ވަނީ "ބިލްބޯޑް ހޮޓް 100" ލިސްޓަށް ވެސް އަރައިފަ އެވެ.
ޓިކްޓޮކްގެ ސަބަބުން އެތައް ސަތޭކަ ލަވަކިޔުންތެރިންނަކަށް މަގުބޫލުކަން ލިބި އެ ދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުސަތު ހުޅުވިގެންދިޔަ އެވެ. އާދައިގެ މީހުންގެ ހުނަރުތައް މުޅި ދުނިޔެ އަށް ދައްކުވާލައި މަގުބޫލުކަން ހޯދުމުގެ ފުރުސަތު ވެސް ޓިކްޓޮކުން ފަހިކޮށްދިނެވެ.

މިގޮތުން މިއަހަރު އެޕްލެޓްފޯމުން ގިނަބަޔެއްގެ ލޯބި ހޯދާފައިވާ އެކަކީ ކުރިން "ވެރައިޒޮން" ގައި މަސައްކަތްކުރި މުވައްޒަފެއް ކަމުގައިވާ ޓައި ވާރޑެސް އެވެ. ޓައި މީހުންގެ މެދުގައި މަޝްހޫރުވެފައި ވަނީ އޭނާގެ ލަވަ "އޭ-އޯ-ކޭ" ގެ ސަބަބުންނެވެ.
ޓިކްޓޮކްގައި އެންމެ މަގުބޫލު ފަންނާނުންގެ ލިސްޓިގެ އެންމެ ކުރީގައި މި އަހަރު އުޅެނީ މީގަން ތީސްޓޭލިއަން އާއި ޑޯޖާ ކެޓް އެވެ. އަދި ތިންވަނަ އަށް އެންމެ މަގުބޫލު ފަންނާނެއްގެ ގޮތުގައި ހޮވިފައިވަނީ ރެޕާ ޕޮޕް ހަނާ އެވެ.
ޓިކްޓޮކްގެ އެންމެ މަގުބޫލު ލަވަތަކަކީ ޕޮޕް ސްމޯކްގެ "އެސްޓްރޮނަޓް އިންދަ އޯޝަން"، މޭންސްކިންގެ "ބެގިންގް" އަދި ޕޮޕް ހަނާގެ "އެޑާރާލް (ކޮވެޓް ކޮވެޓް)" އެވެ.










