މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެެމް.ޕީ.އެލް) އިން އިންތިޒާމްކޮށްގެން ބާއްވާ "ޕޯޓް ސޭފްޓީ ވީކް ރަން" މާދަމާ ހެނދުނު ހުޅުމާލޭގައި ކުރިއަށް ދާނެ އެވެ.
މި ދުވުމަކި ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބިނާކުރުމަށްޓަކައި އެމްޕީއެލް އިން މި މަހުގެ 26 އިން 31 އަށް ގެންދާ "ޕޯޓް ސޭފްޓީ ވީކް 2021"ގެ ތެރެއިން، އެ ކުންފުނިން ކުރިއަށް ގެންދާ ދުވުމެކެވެ.
އެމްޕީއެލް އިން ބުނީ މާދަމާ ހެނދުނު 6:30 ގައި ހުޅުމާލެ ޕޯޓް ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ ދުވުމުގައި ގާތްގަނޑަކަށް 300 މީހުން ބައިވެރިވެފައިވާ ކަމަށެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އެމްޕީއެލް އިން އާންމުކޮށް ހުޅުވާލި އެވެ.
ފަސް ކިލޯމީޓަރުގެ މި ދުވުމުގެ ޖޯޒީ ވިއްކައިގެން ލިބުނު ފައިސާ އެމްޕީއެލް އިން ހަދިޔާކުރަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ ޖަމިއްޔާއެއް ކަމަށްވާ އާކް މޯލްޑިވްސްއަށެވެ.
މި ދުވުން ޕްރޮމޯޓްކުރުމުގެ ގޮތުން، އެމްޕީއެލް އިން ވަނީ މިއަދު ހެނދުނު ނައިބު ރައީސް ފައިސަލް ނަސީމަށް ދުވުމުގެ ޖޯޒީ ހަދިޔާކޯށްފަ އެވެ. އެމްޕީއެލްގެ ފަރާތުން ނައިބު ރައީސަށް ޖޯޒީ ހަވާލުކޮށްދެއްވީ ސީ.އީ.އޯ ޝާހިދު އަލީ އެވެ.
މީގެ އިތުރުން، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މޯލްޑިވިއަންގެ އެމްޑީ މުހައްމަދު މިހާދާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ވެސް އެމްޕީއެލް އިން ވަނީ ދުވުމުގެ ޖޯޒީ ހަވާލުކޮށްފަ އެވެ.
ޕޯޓް ސޭފްޓީ ވީކްގެ ތެރެއިން، އެމްޕީއެލް އިން ދަނީ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަފާތު ޓްރެއިނިން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތައް އެ ކުންފުނީގެ މުވައްޒަފުންނަށް ހިންގަމުންނެވެ.












