އައްޑޫގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ފަށަން ނިންމާފައިވާ ފްލައިން ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ރިފްރެޝާ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ލޯނު ދިނުމަށް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ނިންމައިފި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސަރުކާރުގެ އޭވިއޭޝަން އެކަޑަމީ ހިންގާނީ އެމްއެންޔޫ އާއި އައިލެންޑް އޭވިއޭޝަނުން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ. އަދި އެ ސްކޫލް މެނޭޖް ކުރުމަށް ހަމަޖެހިފައި ވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކެޑެމީއިންނެވެ.
ހަޔާ އެޑިޔުކޭޝަނުން ބުނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް އަމާޒުކޮށްގެން އައިލެންޑް އޭވިއޭޝަންގެ ފްލައިން ސްކޫލުން ހިންގުމަށް ހަމަޖެހިފައިވާ ރިފްރެޝާ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ހަޔާ އެޑިޔުކޭޝަންގެ ބަޖެޓުން ސްޓޫޑެންޓް ލޯނު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީީގެކުރިން އައްޑޫގައި ފްލައިން ސްކޫލް ހިންގަމުން އައީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭއޭއޭ އެވެ. އެ ކުންފުންޏާއެކު އޭއައިއޭ އިން ހަދާފައިވާ އެއްބަސްވުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް ހަމަވެފައި ވާއިރު އެއްބަސްވުން އާނުކުރަން އޭއައިއޭ އިން ވަނީ ނިންމާފަ އެވެ.
އޭވިއޭޝަން އެކަޑަމީ އުފެއްދުމަށްޓަކައި ޔުނިވާސިޓީ އާއި އައިއޭއެސް އިން އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އޮކްޓޫބަރު މަހު މެދު ތެރޭގަ އެެވެ. އެ އެއްބަސްވުން ގާއިމު ކުރީ ޖޮއިންޓްވެންޗާ ކުންފުންޏެއް އުފައްދާ އަައްޑޫގެ ގަމުގައި ފްލައިން ސްކޫލެއް ހިންގުމަށެވެެ. އަދި އެތަން ހިންގުމަށް ހަވާލުކުރަން ނިންމާފައި އޮތީ ޗެކް-ރިޕަބްލިކްގެ މަޝްހޫރު ފްލައިން އެކެޑެމީ އަކާ އެވެ.

އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން ފްލައިން ސްކޫލް ހިންގަން ނިންމާފައިވަނީ، އެތަން ކުރިން ހިންގި އޭޝިއަން އެކަޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިން ކުދިންނާމެދު ތަފާތުކޮށް، ދަރިވަރުންގެ އަތުން އިތުރަށް ނުހައްގު ފައިސާ ނަގައި، ކޯސް ދިގު ދަންމަމުން ގެންދިޔަ ކަމުގެ ޝަކުވާގެ މައްސަލަ ބޮޑުވެ، އޭއޭއޭއާއެކު ފްލައިން ސްކޫލުގެ އެއްބަސްވުން އާ ނުކުރަން އައްޑޫ އެއާޕޯޓު ކުންފުނިން ނިންމި ފަހުންނެވެ.
އެހެން ނަމަވެސް އޭގެ ފަހުން ވެސް އޭއޭއޭއިން ވަނީ ބޭރު ދަރިވަރުންގެ އަތުން ފްލައިން ސްކޫލުގައި ކޯސް ހެދުމަށްކަމަށް ބުނެ ބޮޑެތި އަދަދުތަކުން ފައިސާ ނަގައިފަ އެވެ.
އޭގެ ފަހުން އެވިޑު ކޮލެޖުން ވެސް ވަނީ ފްލައިން ސްކޫލު ހިންގަން މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް އެ މަސައްކަތް އެއްވެސް ކޮޅެއްގައި ނުޖެހި ފަހުން އެވިޑުން ވަނީ އެ މަސައްކަތް އެއްކޮށް ހުއްޓާލާފަ އެވެ.
އޭއޭއޭގެ ދަށުން ކިޔެވުން ފެށި އެތައް އަހަރެއްވީއިރު ވެސް ކޯސް ނުނިމިފައިވާ 100 އެއްހާ ދަރިވަރުން އަދިވެސް އެބަ ތިއްބެވެ. އައިލެންޑް އޭވިއޭޝަނުން ވަނީ މީގެ ކުރިން އާ ފްލައިން ސްކޫލުން އެންރޯލްކުރުމުގައި އެ ކުދިންނަށް އިސްކަން ދޭނެ ކަމަށް ބުނެފަ އެވެ.
އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫއިން ފަށާ ފްލައިން ސްކޫލުގެ އިތުރުން މަންޓާ އެއާއިން ވެސް އަންނަނީ އަންނަ އަހަރު ތެރޭ ފްލައިން ސްކޫލެއް ފެށުމަށް ތައްޔާރުވަމުންނެވެ.













