އައިޖީއެމްއެޗްގައި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ވޯޑު ފުރި، އިމަޖެންސީ ރޫމް ބޭނުންކުރަން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "އަދަދު"އަށް ވިދާޅުވީ ވޯޑުގެ 32 އެނދު ފުރިފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ކުޑަ ކުދިން އެޑްމިޓް ކުރުމަށް އިމަޖެންސީ ރޫމްތައް ބޭނުން ކުރާ ކަމަށް އޭނާ ވިދާޅުވީ އެވެ.
އެ ހޮސްޕިޓަކުގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ކުޑަކުދިންގެ ވޯޑުތައް ފުރުން ހައްލުވާނީ އެހެން ރަށްރަށުގެ ހޮސްޕިޓަލްތަކުގައި ބަލިތަކަށް ފަރުވާދެވިގެން ކަމަށެވެ.
މާލޭގައި އާސަންދައިން 100 ޕަސެންޓް ކަވާރުކުރާ ހަމައެކަނި ހޮސްޕިޓަލަކީ އައިޖީއެމްއެޗެވެ. ދެވަނަ ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ.
އެ ހޮސްޕިޓަލުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ތިބި ނަމަވެސް, ސުޕާ ސްޕެޝަލިސްޓުން އެ ދާއިރާއިން މަދެވެ. އަދި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދިނުމުގައި ސްޕެޝަލިސްޓެއް ބޭނުންވެ ސީރިއަސް ހާލަތަކަށް ކުއްޖެއްގެ ހާލަތު ގޮސްފިނަމަ އެ ހޮސްޕިޓަލުން ވެސް ފޮނުވާލަނީ އައިޖީއެމްއެޗަށް ކަމުން އެ ހޮސްޕިޓަކުގެ ބާރުބޮޑުވެ އެވެ.

އަޖީއެމްއެޗުގެ ބާރު ބޮޑުވެ އެޕޮއިންޓްމެންޓް ލިބުން ލަސްވާ ކަމުގެ ޝަކުވާ ވެސް ގިނަ ބަޔަކު ކުރެ އެވެ.













