އަންނަ މަސް ތެރޭ ފީފާ ތާރީހުގައި މޮރިޝަސްއާ ދެކޮޅަށް ދެ މެޗު ކުޅެން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަން، އަންފާ އިން ނިންމައިފި އެވެ.
އަންފާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ 29 އާއި ފެބްރުއަރީ 1 ވަނަ ދުވަހު ނޭޕާލްގެ ކަތުމަންޑޫ ދަސްރަތު ސްޓޭޑިއަމްގައި މޮރިޝަސްއާ އެކު ދެ މެޗެއް ކުޅެން ނިންމާފައިވާ ކަމަށާއި މިއީ ފީފާ ތާރީހުގައި ކުޅެވޭ މެޗުތަކެއް ކަމަށެވެ.
ނޭޕާލުން އެންމެ ފަހުން ދަސްރަތު ސްޓޭޑިއަމްގައި ދެ މެޗެއް ކުޅުނީ މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާއާ ދެކޮޅަށެވެ. ފުރަތަމަ މެޗު އެއްވަރުވިއިރު، ދެ ވަނަ މެޗުން އިންޑިއާ ވަނީ ނޭޕާލް ބަލިކޮށްފަ އެވެ.
ނޭޕާލުން އަންނަނީ އަންނަ މަހު ރާއްޖެއާ ދެކޮޅަށް ވެސް އެކުވެރިކަމުގެ މެޗެއް ކުޅެން މަޝްވަރާ ކުރަމުންނެވެ. އެފްއޭއެމް އިން ބޭނުންވަނީ ނޭޕާލް ޓީމު ރާއްޖެ ގެނެސްގެން މެޗު ކުޅުމަށެވެ. އެކަމަކު، ނޭޕާލުން އެދެނީ ރާއްޖޭގެ ޓީމު ނޭޕާލަށް ގޮސް މެޗު ކުޅުމަށެވެ. އެނގިފައިވާ ގޮތުގައި ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަންނަ މަސް ތެރޭގައި ގައުމީ ޓީމުގެ އެއް މެޗު ކުޅެން ބޭނުންވެ އެވެ. އަންނަ މަހު ގައުމީ ޓީމުން ކުޅެން ރާވާ އެކުވެރިކަމުގެ މެޗާ ބެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.
މިދިޔަ އޮކްޓޫބަރު މަހު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ވަނީ މި މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކޮށްފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ނޭޕާލް ފުރަތަމަ ފަހަރަށް ފުރުސަތު ހޯދައި ފައިނަލްގައި އިންޑިއާ އަތުން ވީ ބައްޔެވެ.
ސާފްގެ ފައިނަލަށް ދަތުރުކޮށް ނޭޕާލުން ހޯދި ތާރީހީ ކާމިޔާބީ ފާހަގަކޮށް، އެ ގައުމުގެ ސަރުކާރުން ވަނީ ކުޅުންތެރިންނާއި އޮފިޝަލުންނަށް މިިދިޔަ ހަފްތާގައި އިނާމް ފައިސާ ހަވާލުކޮށްފަ އެވެ. އެ ގޮތުން ކޮންމެ ކުޅުންތެރިއަކަށް 500،000 ނޭޕާލް ރުޕީސް (4137 ޑޮލަރު) ވަނީ ދީފަ އެވެ. ކޯޗިން ސްޓާފުންގެ ކޮންމެ މީހަކަށް 300،000 ނޭޕާލް ރުޕީސް (2504 ޑޮލަރު) ވަނީ ލިބިފަ އެވެ.
އިންޑިއާ އަތުން ސާފް ފައިނަލުގައި ބަލިވި މެޗަށް ފަހު ނޭޕާލްގެ ކޯޗުކަމުން ވަކިވި ކުވޭތުގެ އަބްދުﷲ އަލްމުތައިރީ ވަނީ އަލުން ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އެ ޓީމާ ހަވާލުވެފަ އެވެެ. ނޭޕާލްގެ ކެޕްޓަން އަދި ގޯލްކީޕަރު ކިރަން ކުމާރް ޝެމްޝޮން ކުޅެމުން އަންނަނީ ރާއްޖޭގެ ކެޕްޓަން މާޒިޔާ އަށެވެ.












